ކުރިކެޓް ބޯޑް އޮފް މޯލްޑިވްސް (ސީބީއެމް)ގެ އަހަރީ އާންމު ޖަލްސާ ބާއްވައިފިއެވެ. ހެންވޭރު ބޯޅަ ގޭގައި ބޭއްވި މިޖަލްސާ ޝަރަފުވެރިކޮށްދެއްވީ ސީބީއެމްގެ ރައީސް މުހަންމަދު ފައިސަލްއެވެ.
ސީބީއެމްގެ އަހަރީ އާންމު ޖަލްސާގައި އަލިއަޅުވާލާފައިވާ މުހިންމު ކަންކަމުގެ ތެރޭގައި ސީބީއެމްއިން ފާއިތުވެ ދިޔަ އަހަރުތަކުގައި ހޯދާފައިވާ ކުރިއެރުންތަކާއި، ކާމިޔާބީތަކުގެ އިތުރުން އަލަށް އެކުލަވާލެވުނު ކުޅިވަރު ޤާނޫނާ އެއްގޮތަށް ސީބީއެމްގެ ކަންކަން ބައްޓަންކުރުން ހިމެނުނެވެ. މީގެ އިތުރުން ފާއިތުވެ ދިޔަ އަހަރުގެ އޮޑިޓް ރިޕޯޓް ފާސްކުރުމާ މިއަހަރަށް ބަޖެޓް އެކުލަވާލުންވެސް މިޖަލްސާގައި ކުރިއަށް ދިޔައެވެ.
ސީބީއެމްއިން ފާއިތުވެ ދިޔަ އަހަރުކޮށްފައިވާ މުހިންމު މަސައްކަތުގެ ތެރޭގައި، 2024 ވަނަ އަހަރުގެ އޮކްޓޯބަރުމަހުގެ 24 ވަނަ ދުވަހު ސީބީއެމްގެ ގާނޫނަށް އިސްލާހުގެނެވި، ކުލަބުތަކުގެ ރުހުން ހޯދިފައިވެއެވެ. އަދި ކުރިކެޓު ކުރިއެރުވުމުގެ ގޮތުން ސްޓްރެޓެޖީއާ ގުޅުންހުރި ހަތް ބައްދަލުވުން އެގްޒެކެޓިވް ލެވެލްގައި ބާއްވާފަވާއިރު، ބާލީގައި ކުރިއަށް ދިޔަ އޭސީސީ އޭޖީއެމް ބައްދަލުވުމުގައި ސީބީއެމްގެ ރައީސް ބައިވެރިވަޑައިގަތުން ފާހަގަކޮށްލެވެއެވެ.
މީގެ އިތުރުން މިދިޔަ އަހަރަކީ ރާއްޖޭގައި މުޅިން އަލަށް އައިސީސީ ލެވެލް 2 ގެ ކޯޗިން އަދި ހައިޕާރފޯމަންސް ވޯކްޝޮޕެއް ބޭއްވުނު އަހަރުވެސްމެއެވެ. މިދިޔަ އަހަރުގެ ޖުލައިމަހުގެ ތެރޭގައި ރާއްޖޭގައި ކުރިއަށް ދިޔަ މި ވޯކްޝޮޕުގައި 13 ގައުމަކުންވަނީ ބައިވެރިވެފައެވެ.
ސީބީއެމްއިން އިންތިޒާމުކޮށްގެން ރާއްޖޭގައި ހިންގުނު ހަރަކާތްތަކަށް ބަލާއިރު މާލެ، ފުވައްމުލައް އަދި ކުނަހަންދޫ ހިމެނޭހެން ނުވަ މުބާރާތް ބާއްވާފައިވެއެވެ. އަދި ސީބީއެމްގެ ކުރިކެޓް ކަލަންޑަރާ އެއްގޮތަށް ހުރިހާ ކަމެއްވެސް ނިންމާލާފަވާއިރު، 2024 ވަނަ އަހަރުގެ ކުލަބުތަކުގެ ރޭންކިންވެސް ކަނޑައަޅާފަވެއެވެ. މީގެ އިތުރުން ކުންފުނިތަކަށާ، ސްކޫލްތަކަށް ޚާއްސަކޮށްގެން ކުރިއަށް ގެންދިޔަ 16 މުބާރާތް ފާހަގަކޮށްލެވޭއިރު، ކުރިކެޓުން އައު ޖީލެއް އުފެއްދުމުގެ ބޭނުމުގައި ގްރާސް ރޫޓް ޕްރޮގްރާމުތަކެއްވެސް ސީބީއެމްވަނީ ކުރިއަށް ގެންގޮސްފައެވެ.
ކުރިކެޓް ބޯޑް އިން އިސްނަގައިގެން 2024 ވަނަ އަހަރު ބައިވެރިވެފައިވާ ބައިނަލްއަޤްވާމީ މުބާރާތްތަކުގެ ތެރޭގައި އޭސީސީ މެންސް ޓީ20 ޗެލެންޖާއި، އޭސީސީ ވިމެންސް ޕްރިމިއަރ ލީގާއި، އައިސީސީ ޓީ20 ވޯލްޑްކަޕު ކޮލިފަޔާރސްގެ އިތުރުން ބޫޓާން ކުއަޑް ސީރީސް ހިމެނެއެވެ.