ޚަބަރު

ޖޮޓާގެ މަރާއެކު ފުޓުބޯޅައިގެ ދުނިޔެ ހިތާމައިގައި، އެންފީލްޑް ފުރާލީ ރަތުން


އިނގިރޭސި ޕްރިމިއާ ލީގުގެ ލިވަޕޫލް އަށް ކުޅެމުންދާ ޕޯޗުގަލްގެ ފޯވާޑް ޑިއެގޯ ޖޮޓާ ކާރު އެކްސިޑެންޓެއްގައި މަރުވި ހަބަރުން ފުޓްބޯޅައިގެ ދުނިޔެ އޮތީ ފުން ހިތާމައެއްގައެވެ. މި ހިތާމަވެރި ހަބަރާއި އެކު ލިވަޕޫލް އެފްސީގެ އެންފީލްޑް ސްޓޭޑިއަމަށް އެތަށްހާސް ސަޕޯޓަރުންނެއް ޖަމާވެ ރަތްކުލައިން ފުރާލީ ޖޮޓާގެ ހަނދާންތަކުންނެވެ.

ޝޮކެއްގައި ތިބި އެތައްހާސް ސަޕޯޓަރުން އެންފީލްޑް ފުރާލީ ލިވަޕޫލުގެ ބެނާތަކާއި މާބޮނޑިތަކުންނެވެ. އެންފީލްޑްގެ ބޭރުން މުޅި ސަރަހައްދު ރަތް ކުލައިގެ މާބޮޑިތަކުން ފުރާލިއިރު ޝަރަފެއް ކަމުގައި ދެކި ޖޯޓާ އެންމެ ލޯބި ކުރި އެއް ދިދަ ކަމުގައިވާ، ލިވަޕޫލް އެފްސީގެ ދިދަ ވަނީ ބައި ދަނޑިއަށް ތިރިކޮށްފައެވެ.

އެތައް ހާސް ސަޕޯޓަރުން ފެންކަޅިވެފައި ތިބި އިރު ރަތްކުލައިގެ ތެރެއިން ނޫ ކުލައިގެ އެވަޓަން ޓީޝާޓެއް ފާޅުވާން ހުއްޓެވެ. އެއީ ލިވަޕޫލުގެ އެންމެ ވާދަވެރި ކުލަބު އެވަޓަންގެ ފޭނުން ޖޮޓާއަށް ކުރާ އިހްތިރާމެއްގެ ސަބަބުން ލިވަޕޫލުގެ ހިތާމައިގައި ބައިވެރިވުމަށެވެ.

ކެރިއަރުގައި ގިނަ ކުރިއެރުންތަކެއް ހޯދާނެ ކަމަށް ބަލާ ލިވަޕޫލުން ޖޮޓާއާއި އެކު ކުރިޔަށް ރާވާފައި ހުރި މަސައްކަތްތައްވެސް ނުހަނު ގިނައެވެ. އެހެންނަމަވެސް އެކުލަބުން ޖޮޓާ އާއި އަލްވަދާއުކިޔަން ޖެހުނީ ހީވެސް ނުކުރާކަހަލަ ހިތްދަތި ގޮތަކަށެވެ. އެންމެ ބޮޑު ފޭން ބޭސް އެއް އޮތް އިނގިރޭސި ފުޓްބޯޅަ ކުލަބު ލިވަޕޫލު އެފްސީއަށް ލިބިފައިވާ ހިތާމައާއި އެއްވަރަށް ދުނިޔޭގެ އެކި ގައުމުތަކުގެ ފުޓްބޯޅަ އާއިލާއަށްވެސް މިއީ ވަރަށް ހިތާމަވެރި ދަނޑިވަޅެކެވެ.

ޖޮޓާގެ މަރާއެކު ސޯޝަލް މީޑިއާ ބަންޑުންކޮށްލީ އޭނާގެ މަރުގެ ހިތާމައިން ފުޓްބޯޅަ އާއިލާއަށް ކުރި ފުން އަސަރުތަކުންނެވެ. އަންހެނުންގެ ޔޫރޯ ފުޓްބޯޅަ މުބާރާތް ފެށިގެން ކުރިޔަށްދާއިރު ބައެއް މެޗުތައް ފެށުމުގެ ކުރިން ޖޮޓާގެ ހަނދާނުގެ ހުސްވަގުތުކޮޅެއް ގެނައެވެ. ފޯޗުގީޒް ފުޓްބޯޅަ އިދާރާއާއި އޭނާ މީގެ ކުރިން ކުޅުނު ކުލަބުތަކުންވެސް މި ހިތާމައިގައި ބައިވެރިވެ މިއީ ފުޓްބޯޅައިގެ ދުނިޔެއަށް ގެއްލިގެން ދިޔަ އަގުހުރި ކުޅުންތެރިއެއްކަން ފާހަގަކުރިއެވެ.

ޖޮޓާ މަރުވެފައިވަނީ ސްޕެއިންގެ ޕްރޮވިންސެއް ކަމުގައިވާ ޒަމޯރާގެ ހައިވޭ އޭ-52 ގައި ހިނގި ކާރު އެކްސިޑެންޓެއްގަ އެވެ. އުމުރުން 28 އަހަރުގެ ޖޮޓާ އާއި އޭނާގެ ކޮއްކޮ 26 އަހަރުގެ އެންޑްރޭ އާއި ދެ މީހުން ދުއްވާފައިދިޔަ ކާރުގެ ފުރުޅު ކަހާލައިގެން ގޮސް މަގުގެ އެއްފަރާތުގައި ހުރި ގަސްތަކުގެ ތެރެއަށް ކަހާލިވަގުތު ކާރުގައި އަލިފާން ރޯވެގެންނެވެ. މިހާދިސާ ހިނގީ ދަންވަރު 12:30 ގައި ކަމަށް މިހާތަނަށް ބެލިބެލުމުން އެނގިފައިވެއެވެ.

އެކްސިޑެންޓް ހިނގި ސަރަހައްދުގެ ފަޔަރ ޑިޕާޓްމެންޓާއި ހަވާލީ ސްޕެއިންގެ މީޑިއާތަކުން ބުނީ އަންގާރަ ދުވަހުގެރޭ ދަންވަރު 28 އަހަރުގެ ޖޮޓާ އާއި އޭނާގެ 26 އަހަރުގެ ކޮއްކޮ އަންދްރޭ ދަތުކުރި ކާރު މަގުމަތިން ކަހާލައިގެންގޮސް އެކްސިޑެންޓްވީތާ ކުޑައިރުކޮޅެއްގެތެރޭގައި ކާރުގައި އަލިފާން ހިފިކަމަށެވެ.

އަންދްރޭއަކީވެސް ފުޓްބޯޅަ ކުޅުންތެރިއެކެވެ. ޖޮޓާ ލިވަޕޫލާއި ގުޅުނީ 2020 ގައި 61.5 މިލިއަން ޑޮލަރުގެ ފީއަކަށެވެ. އޭނާ ވަނީ ލިވަޕޫލަށް 182 މެޗު ކުޅެދީ 65 ގޯލު ކާމިޔާބުކޮށްދީ 22 ގޯލު ކާމިޔާބުކުރުމަށް އެހީތެރިވެދީފައެވެ.

ޖޮޓާވަނީ އޭނާގެ އުފަން ގައުމު ޕޯޗުގަލްގެ ގައުމީ ޓީމަށް 49 މެޗު ކުޅެދީ ޔުއެފާ ނޭޝަންސް ލީގު ދެފަހަރަށް ކާމިޔާބުކޮށްދީފައެވެ. ޕޯޗުގަލް އަށް އުފަން ޑިއެގޯ ޖޮޓާ ކާރު އެކްސިޑެންޓެއްގައި މަރުވިއިރު އޭނާ ވަނީ މީގެ ދެ ހަފްތާ ކުރިން އޭނާގެ ޒަމާންވީ ލޯބިވެރިޔާ ރޫޓް ކާޑޯސޯ އާއި ކައިވެނިކޮށްފަ އެވެ. ޖޮޓާ މަރުވި އިރު އޭނާގެ ތިން ދަރިންނާ އަނބިމީހާއަށް ލިބިފައިވާ ހިތާމަގައި މުޅި ފުޓްބޯޅައިގެ ދުނިޔެ އަންނަނީ ބައިވެރިވަމުންނެވެ.