ޚަބަރު

ސީ-ޓު-އެއަރ ކާގޯގެ ޚިދުމަތް: 6 މަސްދުވަހުގެ ތެރޭ 1200 ޓަނުގެ ކާގޯ އުފުލައިފި


  • މިއީ 271 ޓީޔޫސްގެ ކޮންޓެއިނަރުން އުފުލާފައިވާ ކާގޯ

  • ބައިނަލްއަޤްވާމީ 10 އެއަރލައިނަކުން ވަނީ މި ޚިދުމަތާ ގުޅިފައި

މިއަހަރުގެ ފުރަތަމަ 6 މަސްދުވަހުގެ ތެރޭ ސީ-ޓު-އެއަރ ކާގޯގެ ޚިދުމަތް މެދުވެރިކޮށް، 1200އަށްވުރެ ގިނަ ޓަނުގެ ކާގޯ ރާއްޖެއިން ދުނިޔޭގެ އެކި ހިސާބުތަކަށް ފޮނުވާފައިވާ ކަމަށް މޯލްޑިވްސް ޕޯޓްސް ލިމިޓެޑް، އެމްޕީއެލުން ވިދާޅުވެއްޖެއެވެ.

އެމްޕީއެލުން ވަނީ އެ ކުންފުނިން ފޯރުކޮށްދެމުންދާ ސީ-ޓު-އެއަރ ކާގޯގެ ޚިދުމަތުގެ އެންމެ ފަހުގެ ތަފާސްހިސާބުތައް ހިއްސާކުރައްވާފައެވެ.

ސީ-ޓު-އެއަރ ކާގޯގެ ޚިދުމަތަކީ، ކަނޑުމަގުން އަންނަ މުދާ، ޓްރާންސިޓުކޮށް ވައިގެ މަގުން ދުނިޔޭގެ އެހެން ޤައުމުތަކަށް ފޮނުވުމެވެ. ސީ-ޓު-އެއަރ ކާގޯ ޚިދުމަތް އެމްއޭސީއެލްއާއި، އެމްޕީއެލްއިން ގުޅިގެން ތަޢާރަފްކުރީ މިދިޔަ އަހަރުގެ މާރިޗުމަހުގެ ތެރޭގައެވެ. މިއީ މި ސަރުކާރުން ރާއްޖޭގައި މުޅިން އަލަށް ފެށި ޚިދުމަތަކަށްވާއިރު، މި ޚިދުމަތަށް އެންމެ ފުރަތަމަ ގުޅިފައިވަނީ ޓާކިޝް އެއަރލައިނެވެ.

އެމްޕީއެލްގެ އެންމެ ފަހުގެ ތަފާސްހިސާބުތަކަށް ބަލާއިރު، މިއަހަރުގެ ޖަނަވަރީ މަހުން ފެށިގެން ޖޫން މަހުގެ ނިޔަލަށް އެ ކުންފުނިން ވަނީ މުޅި ޖުމްލަ 1222 ޓަނުގެ ކާގޯ އުފުލާފައެވެ. އަދި މިއީ 271 ޓީޔޫސްގެ ކޮންޓެއިނަރުން އުފުލާފައިވާ ކާގޯގެ އަދަދުކަމަށް އެމްޕީއެލްއިން ވިދާޅުވެއެވެ.

އެމްޕީއެލްއިން ވިދާޅުވީ، މިއަހަރުގެ ފުރަތަމަ 6 މަސްތެރޭގައި ބައިނަލްއަޤްވާމީ 10 އެއަރލައިނަކުން ވަނީ ސީ-ޓު-އެއަރ ކާގޯގެ ޚިދުމަތާ ގުޅިފައެވެ. އަދި މި މުއްދަތުގެ ތެރޭގައި ސީ-ޓު-އެއަރ މެދުވެރިކޮށް ދުނިޔޭގެ 15 މަންޒިލަކަށް، ރާއްޖެއިން ކާގޯ ފޮނުވާފައިވާކަމަށް އެ ކުންފުނިން ވަނީ ވިދާޅުވެފައެވެ.

ސީ-ޓު-އެއަރ ކާގޯގެ ޚިދުމަތާ ގުޅިފައިވާ އެއަރލައިންތައް:

• ޓާކިޝް އެއަރލައިންސް
• ވާރޖިން އެޓްލާންޓިކް އެއަރލައިންސް
• އިއްތިހާދު އެއަރލައިންސް
• ސްވިޒް އެއަރލައިންސް
• އަޒަރްބައިޖާން އެއަރލައިންސް
• ލުފްތަންސާ އެއަރލައިންސް
• ސަޢޫދީ އެއަރލައިންސް
• ގަތަރު އެއަރވޭސް
• އައިޓީއޭ އެއަރވޭސް

ސީ-ޓު-އެއަރ ކާގޯ ޚިދުމަތް ފުޅާވަމުން އަންނައިރު މިހާތަނަށް މި މަސައްކަތުން ރާއްޖޭގެ އިޤްތިސާދަށް އެތައް މިލިޔަން ޑޮލަރު ވަދެފައިވާކަމަށް އެމްޕީއެލްއިން ވިދާޅުވެއެވެ.

ސީ-ޓު-އެއަރ ކާގޯ ޚިދުމަތަކީ، ދުނިޔޭގެ ވަރަށް ގިނަ ގައުމުތަކުން ކުރަމުން އަންނަ، އަދި މިމަސައްކަތުން އެގައުމުތަކުގެ އިޤްތިޞާދަށް ބޮޑެތި މަންފާތަކެއް ލިބެމުން އަންނަ މަސައްކަތެކެވެ.

މީގެ އިތުރުން، ރާއްޖެއަކީ ބައިނަލްއަޤްވާމީ ގިނަ އެއަރލައިންތަކަކުން ދަތުރުތައް ކުރާ ޤައުމަކަށްވާއިރު، މި ޚިދުމަތް ފުޅާކުރުމުގައި ރާއްޖެއަށް ފުރުޞަތުތައް ގިނަކަމަށް އެމްޕީއެލްއިން ފާހަގަކުރެއެވެ. މި ޚިދުމަތުގެ ދަށުން، މުދާ ފޮނުވޭ ގައުމުތަކުގެތެރޭގައި އެމެރިކާ، ކެނެޑާ، އިނގިރޭސިވިލާތް އަދި ޔޫރަޕުގެ ގައުމުތައް ހިމެނެއެވެ. ސީ-ޓު-އެއަރ ކާގޯގެ ޚިދުމަތް މެދުވެރިކޮށް އާންމުކޮށް ރާއްޖެއިން ބޭރުކުރަނީ، ބަންގްލަދޭޝްގައި އުފައްދާ އަންނައުނުގެ ބާވަތްތަކެވެ.