ޚަބަރު

ފުރަމާނަ ދަތުރުފުޅާއެކު ސިންގަޕޫރާއި ރާއްޖޭގެ ގުޅުން އިތުރު ހަރުފަތަކަށް ގެންދެވިއްޖެ: ރައީސް


  • ސިންގަޕޫރު ސަރުކާރުން ދެންނެވި ހޫނު މަރުހަބާއަށް ޝުކުރު އަދާކުރެއްވި

  • ދެ ޤައުމު ދެމެދު މުހިންމު މަޝްވަރާތަކެއް ކުރެވި ފަހުމުނާމާތަކުގައިވަނީ ސޮއިކޮށްފައި

ސިންގަޕޫރަށް ކުރެއްވި ފުރަމާނަ ދަތުރުފުޅާއެކު ދެ ޤައުމުގެ ގުޅުން އިތުރު ހަރުފަތަކަށް ގެންދެވިފައިވާކަން ޔަޤީން ކުރައްވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ، ސިންގަޕޫރަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލައްވައި، މީސްމީޑިއާގައި ހިއްސާކުރެއްވި ޕޯސްޓެއްގައެވެ.

މީސްމީޑިއާގައި ހިއްސާ ކުރެއްވި ޕޯސްޓެއްގައި ރައީސުލްޖުމްހޫރިއްޔާވަނީ ސިންގަޕޫރަށް ކުރެއްވި ފުރަމާނަ ދަތުރުފުޅުގައި އެމަނިކުފާނުގެ ދެމަފިރިކަނބަލުންނަށާއި ސަރުކާރުގެ ވަފްދަށް ސިންގަޕޫރުގެ ރައީސް ޝަންމުގަރަނަމް އަދި ބޮޑުވަޒީރު ލޯރެންސް ވޮންގް އާއި އެޤައުމުގެ ރައްޔިތުން ދެންނެވި ހޫނު މަރުހަބާއަށާއި މެހެމާންދާރީއަށް ޝުކުރުއަދާކުރައްވާފައެވެ. އަދި މިދަތުރުފުޅުގެ ތެރެއިން ކުރެވުނު މަޝްވަރާތަކުގެ އަލީގައި، ބަދަހި ގުޅުމެއް ދެ ޤައުމު ދެމެދު ޤާއިމްވެގެންދާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާވަނީ މިދަތުރުފުޅުގެ ތެރެއިން ކުރެވުނު މަޝްވަރާތަކަށް ފަހު ދެ ޤައުމު ދެމެދު ސޮއިކުރެވުނު ފަހުމުނާމާތަކަށްވެސް އަލިއަޅުއްވާލައްވާފައެވެ. ރާއްޖެއާއި ސިންގަޕޫރާއި ދެމެދު ތިމާވެށީގެ ދާއިރާއާއި، ދެމެހެއްޓެނިވިކަމާއި މަތީ ތަޢުލީމާއި އަދި ފަންނީ ދާއިރާތަކުން ތަމްރީނު ފުރުސަތު ފަހިކޮށްދިނުމާއި ގުޅޭ ފަހުމުނާމާތަކެއްގައި މިދަތުރުފުޅުގެ ތެރެއިންވަނީ ސޮއިކުރައްވާފައެވެ. މީގެ އިތުރުން ސިންގަޕޫރުގެ ކޯޕަރޭޝަން އެންޓަޕްރައިޒާއި ގުޅިގެން ޤާބިލިއްޔަތުކަން އިތުރުކުރުމުގެ ޕްރޮގްރާމްތަކުގެ ތެރެއިން ޢިލްމީ ދަތުރުތަކުގެ ފުރުސަތު ފަހިކުރުމަށްވެސް ވަނީ އެއްބަސްވެވިފައެވެ.

ސިންގަޕޫރުގައި ބޭއްވި ބިޒްނަސް ފޯރަމަށް އަލިއަޅުއްވައި ރައީސް ވިދާޅުވީ މިފޯރަމުގެ ތެރެއިން ވިޔަފާރީގެ އެތައް ފުރުސަތުތަކެއް ފަހިވެގެން ދިޔަކަމަށެވެ. ސިންގަޕޯރ މޯލްޑިވްސް ބިޒްނަސް ފޯރަމުގައި އެ ޤައުމުގެ އެކި ވިޔަފާރިތަކުން 250 އަށްވުރެ ގިނަ މަންދޫބުން ވަނީ ބައިވެރިވެފައެވެ.

ރައީސުލްޖުމްހޫރިއްޔާގެ ޕޯސްޓު ނިންމަވާލައްވާފައިވަނީ ސިންގަޕޫރާއި ރާއްޖެއާއި ދެމެދު ސިޔާސީ ގުޅުން ޤާއިމްވިތާ، 50 އަހަރު މިއަހަރު ފުރޭއިރު، އެމަނިކުފާނުގެ މިދަތުރުފުޅާއެކު ދެ ޤައުމުގެ ގުޅުން އިތުރު ހަރުފަތަކަށް ދިއުމަށް މަގުފަހިވެގެންދާނެކަަމަށް ވިދާޅުވަމުންނެވެ.

ރައީސުލްޖުމްހޫރިއްޔާ ސިންގަޕޫރަށް ކުރެއްވި ފުރަމާނަ މިދަތުރުފުޅަކީ، ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް އެ ޤައުމަށް ކުރެއްވި ދަތުރުފުޅެކެވެ.