ޚަބަރު

މަސްތުވާތަކެތީގެ ހާލަތު ދެނެގަތުމަށް ޚާއްޞަ ދިރާސާއެއް


  • މިހާރު ބޭނުންކުރަނީ 2012 އަދި 2022ގައި އެއްކޮށްފައިވާ ބައެއް މަޢުލޫމާތު

  • ބޭނުންކުރާ ޑްރަގްގެ ބާވަތްތަކަށް އަންނަ ބަދަލަކަށް ފަރުވާގެ ނިޒާމު ބައްޓަންކުރަންޖެހޭ

ރާއްޖޭގައި ބޭނުންކުރާ މަސްތުވާތަކެތީގެ ބާވަތްތަކާއި، އެކަމުގެ ޙާލަތު ދެނެގަތުމަށް ޕައިލެޓް ސްޓަޑީއެއް ހެދުމުގެ މަސައްކަތްކުރަމުންދާކަމަށް ދާޚިލީ ސަލާމަތާ ފަންނިއްޔާތާ ބެހޭ ވުޒާރާއިން ވިދާޅުވެއްޖެއެވެ. މިއީ ހާލަތު ދެނެގަތުގައި، ފަރުވާގެ ނިޒާމު ބައްޓަށްކުރަންވީގޮތް ދެނެގަތުގައި މަޢުލޫމާތު އެއްކުރުމަށް ކުރިއަށްގެންދިއުމަށް ނިންމާފައިވާ ސްޓަޑީއެކެވެ.

ރާއްޖޭގައި 2012 އަދި 2022ވަނަ އަހަރު، މަސްތުވާތަކެތީގެ ހާލަތާ ގުޅޭ ސްޓަޑީއެއް ހަދާފައިވެއެވެ. ޕީއެސްއެމްއަށް ދެއްވި އިންޓަވިއުއެއްގައި ސްޓޭޓް މިނިސްޓަރ އަދި ނެޝަނަލް ޑްރަގް އެޖެންސީގެ ބޯޑުގެ ޗެއަރ، ލުބްނާ ޒާހިރު ވިދާޅުވެއްޖެއެވެ. ދާޚިލީ ސަލާމަތާ ބެހޭ ވުޒާރާގެ ސްޓޭޓް މިނިސްޓަރ ލުބުނާ ޒާހިރު ވިދަޅުވީ، ރާއްޖޭގައި މަސްތުވާތަކެތި ބޭނުންކުރާގޮތާއި ބޭނުންކުރާ ބާވަތްތައްވެސް ވަރަށް ބޮޑަށް ބަދަލުވެފައިވާކަމަށެވެ.

އެގޮތުން މީގެ 10 އަހަރުކުރިއަށް ބަލާއިރު މަސްތުވާތަކެތި ބޭނުންކުރާ މީހުން ގިނައިން ބޭނުންކުރާކަމަށް ފާހަގަވެފައިވަނީ، ހެރޮއިންއާއި ކެނަބިސްކަމަށާއި، ނަމަވެސް މިހާރު ކެނަބިސްގެއިތުރުން ސިންތަޓިކް ނުވަތަ ކެމިކަލް ޑްރަގްތައް ވަރަށް ބޮޑަށް އާއްމުވަމުންދާކަން ފާހަގަވެފައިވާކަމަށް ލުބުނާ ވިދާޅުވިއެވެ. އަދި މަސްތުވާތަކެތި ބޭނުންކުރާ ގިނަ މިހުން، މަސްތުވާތަކެތީގެ 3 ބާވަތަށްވުރެ ގިނަ ބާވަތްތަކަށް އެއްފަހަރާ ޕޮޒިޓިވްވާކަން ފާހަގަވާކަމަށްވެސް ސްޓޭޓް މިނިސްޓަރ ވިދާޅުވިއެވެ.

ލުބުނާ ވިދާޅުވީ، މަސްތުވާތަކެތި ބޭނުންކުރާ މީހުން، ބޭނުންކުރާ ބާވަތްތައް ދެނެގަތުމުގައި، މަސްތުވާތަކެތީގެ ޙާލަތު ދެނެގަތުމަށް ޕައިލެޓް ސްޓަޑީއެއް ފެށުމަށް ތައްޔާރުވަމުންދަކަމަށެވެ. މީގެ އެންމެ ބޮޑު ބޭނުމަކީ، އެފަދަ މީހުން ދެނެގަނެ، އެމީހުން އެކަމުން ސަލާމަތްކުރުމަށް ބޭނުންވާ ފަރުވާ ބައްޓަންކުރަންވީ ރަނގަޅު ނިޒާމެއް ކަނޑައެޅުންކަމަށްވެސް ލުބުނާ ވިދާޅުވިއެވެ.

"އެންޑީއޭގެ ފަރުވާ ކްލިނިކްތަކަށް އަންނަ މީހުން، އެންމެ މަދުން ޕޮޒިޓިވްވާ މީހުންވެސް 3 ބާވަތެއްގެ ޑްރަގަށް އެއްފަހަރާ ޕޮޒިޓިވްވެފަ ހުރޭ. ބައެއް މީހުން 7،8،9 ބާވަތަށްވެސް ޕޮޒިޓިވްވޭ. މިއީ ބޮޑު ކަންބޮޑުވުމެއް. އެހެންވީމަ އެމީހުންގެ ފަރުވާގެ ނިޒާމު ބައްޓަންވާންވާނީ، މިކަމަށް ބިނާކޮށް. އެހެންވެ ރަނގަޅު ސްޓަޑީއެއް ބޭނުންވަނީ." ސްޓޭޓް މިނިސްޓަރ ލުބުނާ ވިދާޅުވިއެވެ.

ލުބުނާ ވިދާޅުވީ، ފެސިލިޓީތަކުގައި ޓެސްޓިން ކެޕޭސިޓީ މިހާރު ވަރުގަދަކޮށްފައިވާކަމަށެވެ. އެގޮތުން މިހާރު މަސްތުވާތަކެއްޗަށް ހަދާ ޔޫރިން ޓެސްޓިން ޕެނަލްގައި 14 ބާވަތަކަށް އެއްފަހަރާ ޓެސްޓުކުރެވޭކަމަށާއި، ސްޓަޑީއަށް ބޭނުންވާ ޓެސްޓިންތައް ކުރިއަށްގެންދާނީ މި ޓެސްޓިން ޕެނަލް ބޭނުންކޮށްގެންކަމަށްވެސް ލުބުނާ ވިދާޅުވިއެވެ. ލުބްނާ ވިދާޅުވީ، ގާތްގަނޑަކަށް މި މަސައްކަތުގައި 1000 މީހުންގެ މަޢުލޫމާތު އެއްކުރުމަށް ހަމަޖެހިފައިވާކަމަށެވެ.

"ޕައިލެޓް ޓެސްޓިންގައި 500-1000 މީހުންގެ ޓެސްޓިން ހަދާނަން. ފުރަތަމަ ފަށާއިރު 150 މީހުންގެ ސާމްޕަލް ކަލެކްޓްކޮށް ސްޓަޑީކުރާނަން. މިކަމުގައި ޑޮކްޓަރުންނާ ނަރުހުންނާ އަދި ކައުންސިލަރސް ބައިވެރިވާނެ." ލުބުނާ ވިދާޅުވިއެވެ.

މި ސްޓަޑީގައި އެންޑީއޭގެ ފަރުވާއަށް އަންނަ މީހުންނާއި ފަހުން ރެންޑަމް ސާމްޕްލިންވެސް ހިމެނޭނެއެވެ. ލުބުނާ ވިދާޅުވީ މިފަދަ މަސައްކަތެއްގެ ސަބަބުން، ޑްރަގް އޯވަޑޯޒްވުން މަދުކުރެވުމާއި ފަރުވާގެ ނިޒާމު ބައްޓަންކުރުމުގައި ކުރިމަގުގައި ގެންނަންޖެހޭ ބަދަލުތައް ދެނެގަތުމަށް ފަހިވެގެންދާނެކަމަށެވެ.