ޚަބަރު

އިންޓަރ އޮފީސް ބީޗް ހޭންޑްބޯޅަ މުބާރާތުގެ ސެމީގެ ބައެއް ޖާގަތައް ކަށަވަރުވެއްޖެ


ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވުޒާރާ އާއި ވަން ގޭމް ގުޅިގެން ބާއްވާ އިންޓަރ އޮފީސް ބީޗް ހޭންޑްބޯލް ޗެމްޕިއަންޝިޕުގެ ކުއާޓާ ފައިނަލްގައި ފޯރިގަދަ މެޗުތަކެއް ކުޅުމަށްފަހު، މުބާރާތުގެ ސެމީ ފައިނަލްގެ ބައެއް ޖާގަތައް ކަށަވަރުވެއްޖެއެވެ.

ހުޅުމާލޭ ސެންޓްރަކް ޕާކްގައި ގާއިމުކޮށްފައިވާ ބީޗް ހޭންޑްބޯޅަ ކޯޓުގައި ކުރިޔަށްދާ މި ފޯރި ގަދަ މުބާރާތުގެ އަންހެން ޑިވިޝަނުގެ ކުއާޓަރ ފައިނަލްގެ ފުރަތަމަ މެޗުގައި މިރޭ ބައްދަލުކުރީ ކަސްޓަމްސް އާއި އެމްޓީސީސީއެވެ. 2-1 ގެ ނަތީޖާއަކުން މި މެޗު ކާމިޔާބުކޮށް ސެމީ ފައިނަލްގެ ފުރަތަމަ ޖާގަ ކަށަވަރު ކުރީ ކަސްޓްމްސްއެވެ. މި މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ކަސްޓަމްގެ ލައުހާއެވެ.

އަންހެން ޑިވިޝަނުގެ ކުއާޓަރ ފައިނަލްގެ ދެވަނަ މެޗުގައި މާދަމާ ރޭ ނިކުންނާނީ ސްޓެލްކޯ އާއި ކުޅިވަރާއި ހަށިހެޔޮކަމާއިބެހޭ ވުޒާރާގެ ޓީމެވެ. އަންހެން ޑިވިޝަނުގައި ވެމްކޯ އާއި ވިލާ ވެސް ވަނީ ކުއާޓަރ ފައިނަލްގެ ޖާގަ ހޯދާފައެވެ.

ފިރިހެން ޑިވިޝަނުގެ ކުއާޓަރ ފައިނަލްގެ ފުރަތަމަ މެޗުގައި ބައްދަލުކުރީ ވެމްކޯ އާއި އެމްއައިބީއެވެ. މި މެޗު ކާމިޔާބުކޮށް ސެމީފައިނަލްގެ ޖާގަ ކަށަވަރު ކުރީ ވެމްކޯއިންނެވެ. މި މެޗު ވެމްކޯއިން ކާމިޔާބުކުރީ 0-2 ގެ ނަތީޖާއަކުންނެވެ. މި މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ވެމްކޯގެ ރައުލްއެވެ. ވެމްކޯ ވަނީ ގުރޫޕް ސްޓޭޖްގައި ކުޅުނު ހުރިހާ މެޗަކުންވެސް މޮޅުވެފައެވެ. އަދި ހަ ޕޮއިންޓާއެކު ވެމްކޯ އޮތީ ގުރޫޕް އޭގެ އެއްވަނައިގައެވެ.

ފިރިހެން ޑިވިޝަނުގެ ކުއާޓާރފައިނަލުގެ ދެވަނަ މެޗުގައި ބައްދަލުކުރާނީ އެމްއެންޑީއެފް އަދި އެމްޓީސީސީއެވެ. އެމްއެންޑީއެފް ކުއާޓާރ ފައިނަލްގެ ޖާގަ ހޯދީ ސީދާ ދެ ސެޓުން އެފްޑީސީ ބަލިކުރުމަށްފަހުއެވެ. އެމްޓީސީސީ ކުއާޓާރގެ ޖާގަ ހޯދީ 2-1 ގެ ނަތީޖާއަކުން އެމްއައިބީ ބަލިކުރުމަށްފަހުއެވެ.

ޖޫން 23 ގައި ފެށި އިންޓަ އޮފީސް ހޭންޑްބޯލް ޗެމްޕިއަންޝިޕުގައި ފޯރިގަދަ މެޗުތަކެއް ފެނިގެންދާއިރު މި މުބާރާތް ކުރިޔަށްދާނީ 3 ޖުލައިގެ ނިޔަލަށެވެ. ހޭންޑްބޯޅަ މޯލްޑިވްސް އެހީތެރިކަމާއެކު ވަން ގޭމް އިން އިންތިޒާމުކޮށްގެން ބާއްވާ މި މުބާރާތަށް އޮފީސްތަކުން ވަރަށް ބޮޑު ތަރުހީބެއް ލިބިފައިވެއެވެ. އެގޮތުން ފިރިހެން ޑިވިޝަނުގައި 11 ޓީމެއް ވާދަކުރެއެވެ. އަދި އަންހެން ޑިވިޝަނުގައި 12 ޓީމު ވާދަކުރެއެވެ.