ޚަބަރު

ގްރޭޓަރ މާލޭ ފައިނޭންޝަލް ޑިސްޓްރިކްޓް ލިމިޓެޑްގެ ބޯޑަށް 4 ބޭފުޅުން ޢައްޔަންކުރައްވައިފި


  • މި ކުންފުނީގެ ޗެއަރޕަރސަނަކަށް ޢައްޔަނުކުރައްވާފައިވަނީ ފާޠިމަތު ޝާހީން

  • ގްރޭޓަރ މާލޭ ފައިނޭންޝަލް ޑިސްޓްރިކްޓް އުފައްދަވާފައިވަނީ 1 ޖޫން 2025 ވަނަ އަހަރު

ގްރޭޓަރ މާލޭ ފައިނޭންޝަލް ޑިސްޓްރިކްޓް ލިމިޓެޑްގެ ޑިރެކްޓަރުންގެ ބޯޑަށް 4 ބޭފުޅުން، ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑުން ޢައްޔަންކުރައްވައިފިއެވެ.

ގްރޭޓަރ މާލޭ ފައިނޭންޝަލް ޑިސްޓްރިކްޓް ލިމިޓެޑްގެ ޑިރެކްޓަރުންގެ ބޯޑަށް 4 ބޭފުޅުން ޕީސީބީން ޢައްޔަންކުރައްވާފައިވަނީ ދައުލަތުގެ ވިޔަފާރި ތަންތަން ޕްރައިވަޓައިޒްކުރުމާއި ކޯޕަރަޓައިޒްކުރުމާއި އަދި މޮނީޓަރކޮށް އިވެލުއޭޓްކުރުމުގެ ޤަނޫނުގެ ދަށުންނެވެ.

އެގޮތުން މާލޭ ދަފްތަރު ނަމްބަރު 8087، ފާޠިމަތު ޝާހީންއާއި ވިލިމާލޭ ސިނަމާލެހިޔާ އަޙްމަދު ސިރާޖްއާއި، ވިލިމާލޭ ނަލަދުވެލި މުޙައްމަދު ރިޔާޟްއާއި ސ.ފޭދޫ ސުހާނާވިލާ އާމިނަތު ޝައުޝަން ޢަފީފް ޖޫން މަހުގެ 29 ވަނަ ދުވަހު ޕީސީބީންވަނީ ޢައްޔަންކުރައްވާފައެވެ. ޕީސީބީން ފާޠިމަތު ޝާހީންވަނީ ޗެއަރޕަރސަންގެ ގޮތުގައި ހަމަޖައްސަވާފައެވެ.


ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، "ގްރޭޓަރ މާލެ ފައިނޭންޝަލް ޑިސްޓްރިކްޓް ލިމިޓެޑް"ގެ ނަމުގައި ކުންފުންޏެއް އުފައްދަވާފައިވަނީ މިމަހުގެ 1 ވަނަ ދުވަހުގައެވެ.

މި ކުންފުނި އުފެއްދެވުމުގެ މައިގަނޑު މަޤުސަދަކީ ދިވެހި ސަރުކާރުގެ އިޤުތިޞާދީ ސިޔާސަތުތަކާ އެއްގޮތްވާ ގޮތުގެ މަތިން ރާއްޖޭގެ އުފެއްދުންތެރިކަން އިތުރުކުރުމަށާއި ޑިޖިޓަލް ފައިނޭންޝަލް ސަރވިސަސްއާއި ޑިޖިޓަލް ރިއަލް އެސްޓޭޓާއި ފައިނޭންޝަލް ޓޫރިޒަމާއި ބޭންކިންގގެ ޚިދުމަތްތައް ހިމެނޭ މާލީ ޚިދުމަތްތަކުގެ ސިނާއަތު ކުރިއަރުވައި، ބައިނަލްއަޤުވާމީ މާލީ ޚިދުމަތްތަކުގެ މަރުކަޒަކަށް ރާއްޖެ ހެދުމަށްޓަކައި ކުރަންޖެހޭ މަސައްކަތްތައް ކުރުމަށާއި އެ މަސައްކަތްތަކާ ގުޅޭ އެންމެހައި ކަންކަން ތަންފީޒުކުރުންކަމަށް ސަރުކާރުން ވިދާޅުވެއެވެ.