ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުގެ އައު ޓާމިނަލަކީ ބައިނަލްއަގުވާމީ މިންގަނޑުތަކާ އެއްހަމަ ކުރެވިފައިވާ ފުރިހަމަ ތަނެއް ކަމަށް ސިވިލް އޭވިއޭޝަން އޮތޯރިޓީން ވިދާޅުވެއްޖެއެވެ.
ޖުލައި 26 ގައި އައު ޓާމިނަލް ހުޅުވުމުގެ އެންމެ ފަހުގެ ތައްޔާރީތައް ވަމުން އަންނައިރު، އައު ޓާމިނަލްއާ ގުޅޭ ޚާއްސަ ޓުއާތަކެއް އެމްއޭސީއެލްއިން އަންނަނީ ކުރިއަށް ގެންދަމުންނެވެ. މިއީ އައު ޓާމިނަލް ހުޅުވުމުގެ ކުރިން ކުރިއަށް ގެންދާ އޮރާޓް ޕްރޮސެސްގެ ތެރެއިން ކުރިއަށް ގެންދަންޖެހޭ ޓުއާތަކެކެވެ.
އެގޮތުން އިއްޔެ ވަނީ ސިވިލް އޭވިއޭޝަން އޮތޯރިޓީ (ސީއޭއޭ)ގެ ޓީމަށް އައު ޓާމިނަލް ދައްކާލައި، މައުލޫމާތު ދީފައެވެ. މި ޓުއާގައި ސީއޭއޭ ޓީމުގައި ހިމެނިވަޑައިގެންނެވި މެންބަރުންގެ ސުވާލުތަކަށް އޮރާޓު ޓީމުގެ ފަރާތުން ޖަވާބު ދީފައިވެއެވެ.
މި ޓުއާއަށްފަހު، އައު ޓާމިނަލަށް ޚާއްސަކޮށްގެން އެމްއޭސީއެލް އިން ސިލްސިލާކޮށް ގެނެސްދޭ ވީޑިއޯ ސެގްމަންޓުގައި ވާހަކަ ދައްކަވަމުން ސީއޭއޭގެ އެއަރ ޓްރާންސްޕޯޓްގެ ޑިރެކްޓަރު ޢަބްދުﷲ ރަޝީދު ވިދާޅުވީ، އައު ޓާމިނަލްގެ ހުރިހާ ކަމެއްވެސް ހުރީ ބައިނަލްއަގުވާމީ މިންގަނޑުތަކާ އެއްހަމަ ކުރެވިފައި ކަމަށެވެ. އެކަމުގެ ސަބަބުން ކުރިއަށް އޮތް ތަނުގައި ރާއްޖެ އަންނަ ފަތުރުވެރިންނަށާއި ޖުމުލަކޮށް އައު ޓާމިނަލް ބޭނުންކުރާ ހުރިހާ ފަސިންޖަރުންނަށް ލުއިފަސޭހަތަކެއް ލިބިގެންދާނެ ކަމަށް ވިދާޅުވިއެވެ.
އޮރާޓަކީ އައު ޓާމިނަލެއް ހުޅުވުމުގެ ކުރިން އެތަނުގެ ޚިދުމަތްތަކާއި ޕްރޮސީޖަރތައް ތައްޔާރުކުރުމާއި، އިކުއިޕްމެންޓް އަދި މެޝިނަރީސް ޓެސްޓުކުރުމާއި، މުވައްޒަފުން ތަމްރީންކުރުމާއި، ޓަރމިނަލް ހުޅުވުމުގެ ކުރިއާއި ފަހުން މުޅި އެއަރޕޯޓު ނުވަތަ ޓާމިނަލް ޤައުމީ އަދި ބައިނަލްއަގްވާމީީ މިންގަނޑުތަކަށް ތައްޔާރުކޮށްފައިވޭތޯ ބަލާ ކަށަވަރުކުރާ ޓީމެވެ.
މީގެއިތުރުން ލުއިފަސޭހަ އިންތިޒާމަކުން މުވައްޒަފުންނާއި ފަސެންޖަރުންގެ ކަންކަން ހަމަޖައްސުމާއި، ރައްކާތެރިކަމުގެ ފެންވަރު ކަށަވަރުކުރުމާއި އެއަރޕޯޓަށް ޚިދުމަތްދޭ އެއަރލައިންތަކާއި ފަސިންޖަރުންގެ އިތުރުން ސްޓޭކް ހޯލްޑަރުންގެ ހިތްހަމަޖެހުމާއި އުފާވެރިކަން ކަށަވަރުކޮށްދިނުމެވެ.
އައު ޓަރމިނަލަކީ މިވަގުތު ނިންމުމުގެ މަރުހަލާގައި އުޅޭ ޢުމްރާނީ ތަރައްޤީގެ އެންމެ ބޮޑު މަސައްކަތެކެވެ. ސަރުކާރުން ނިންމާފައިވަނީ މިނިވަން ދުވަހު އެއަރޕޯޓުގެ އައު ޓަރމިނަލް ހުޅުވުމަށެވެ. އެންމެ ފުރަތަމަ އައު ޓަރމިނަލް ހުޅުވާލާނީ ޤައުމީ އެއަރލައިން މޯލްޑިވިއަންގެ ބައިނަލްއަޤްވާމީ ދަތުރުތަކަށެވެ. މިއީ އަހަރަކު 7 މިލިޔަން ޕަސެންޖަރުންނަށް ޚިދުމަތްދެވޭ ފެންވަރުގެ ޓަރމިނަލެކެވެ.