ފްރާންސްގެ ޕީއެސްޖީއަށް އޭނާ ކުޅުނު ހަ މަސް ދުވަސް ފާހަގަވީ 16 އަހަރުގެ ގޮތުގައި ކަމަށް ކުރީގެ ތަރި ޑޭވިޑް ބެކަމް ބުނެފިއެވެ.
ބެކަމް މިހެން ބުނީ ފީފާ ކުލަބު ވޯލްޑް ކަޕުގައި ޕީއެސްޖީ އަތުން 4-0 އިން އޭނާގެ ކުލަބު ކަމަށްވާ އެމެރިކާގެ އިންޓަ މަޔާމީ ބަލިވި މެޗުގެ ކުރިން ވާހަކަ ދައްކަމުންނެވެ.
އަތުގެ ކުޑަހުޅުގެ އޮޕަރޭޝަނެއް ކޮށްފައި ހުރުމުގެ ސަބަބުން ގާޑެއް ލައްވައިގެން ރޭގެ މެޗު ބަލަން ގޮސްހުރި ބެކަމް ބުނީ ޕީއެސްޖީގައި އޭނާ ހޭދަކުރީ އުފާވެރި ދުވަސްތަކެއް ކަމަށެވެ. 2013 ވަނަ އަހަރު ހަ މަސް ދުވަހުގެ ލޯނު އެއްބަސް ވުމެއްގެ ދަށުން ބެކަމް ޕީއެސްޖީ އަށް 10 މެޗު ކުޅެދީފަ އެވެ. އޭގެ ފަހުން އޭނާގެ ކުޅުމުގެ ކެރިއަރު ވަނީ ނިންމާލައިފަ އެވެ.
މެންޗެސްޓާ ޔުނައިޓެޑާއި ރެއާލް މެޑްރިޑް އަދި އޭސީ މިލާނާއި އެމެރިކާގެ އެލްއޭ ގެލެކްސީ އަށް ވެސް ކުޅުނު އިނގިރޭސި ކުރީގެ ގައުމީ ކެޕްޓަން ބުނީ ފްރާންސްގެ ވެރިރަށް ޕެރިސް އަކީ ވަރަށް އުފާވެރި ތަނެއް ކަމަށެވެ.
"އަހަރެން ޕީއެސްޖީގައި މާ ގިނަ ދުވަހަކު ނުކުޅެން. އަހަރެން ކުޅުނީ އެންމެ ހަ މަސް ދުވަހު. އެކަމަކު އެ ހަ މަސް ދުވަސް ސިފަވީ 16 އަހަރުހެން. އެހާ ވެސް އުފާވެރި. އެއީ ވަރަށް ރަނގަޅު ސަޕޯޓަރުން ތިބި، ރަނގަޅު މީހަކު ހިންގާ ކުލަބެއް،" އުމުރުން މިހާރު 50 އަހަރުގެ ބެކަމް ބުންޏެވެ.
ގަތަރުގެ މަހުޖަނު ނަސީރު އަލް ހަލައިފީ ހިންނާ ކުލަބު އަތުން 4-0އިން މިއާ ބަލިވުމަކީ ބެކަމް ގަބޫލު ކުރާ ގޮތުގައި މައްސަލަ އެއް ނޫނެވެ. ސަބަބަކީ އެއީ ޔޫރަޕުގައި މިވަގުތު އޮތް އެންމެ މޮޅު ޓީމު ކަމަށްވާތީ އެވެ.
މެޗުގެ ކުރިން ބެކަމް ވަނީ ހަލައިފީއާ ބައްދަލުކޮށްފަ އެވެ. އަދި އޭނާ އަށް ޕީއެސްޖީގެ 32 ނަންބަރު ޖާޒީ ހަލައިފީ ހަދިޔާ ކުރި މަންޒަރު ޓީވީތަކުން ވަނީ ދުނިޔެ އަށް ދައްކާލައިފަ އެވެ.
އޭނާ އަދި ބުނީ އަތުގައި ގާޑެއް އަޅައިގެން ހުރީ ފުޓްބޯޅަ ކުޅުނުއިރު އަތަށް ލިބުނު އަނިޔާއަކަށް ފަރުވާ ހޯދަން ކޮށްފައިވާ އޮޕަރޭޝަނެއްގެ ސަބަބުން ކަމަށެވެ.