ޚަބަރު

ރާއްޖެއިން އިސްކަންދެނީ ކެމިކަލްތައް މަދުކޮށް، އުކާލާ ބާވަތްތަކުން ގަސް ކާނާ އުފައްދަން: ޑރ. މާރިޔާ


  • މޫސުމީ ބަދަލުތަކަށް ވިލުންތެރި ދަނޑުވެރިކަމެއްކުރުމަށް މަސައްކަތްކުރަމުންދާކަން ފާހަގަކުރެއްވި

  • ދަނޑުވެރިކަމުން ލިބޭ ނަފާ އިތުރުކުރުމަށްވެސް މަސައްކަތް ކުރަމުންދާކަން ފާހަގަކުރެއްވި

ރާއްޖެއިން އިސްކަންދެނީ ދަނޑުބިންތަކުގެ ކޮލިޓީ ހިފެހެއްޓުމަށް ބޭނުންކުރާ ކެމިކަލްތައް މަދުކޮށް، އުކާލާ މަހާއި ކެއުމުގެ ބާވަތްތަކުން ގަސް ކާނާ އުފެއްދުމަށްކަމަށް ދަނޑުވެރިކަމާއި ދިރޭތަކެއްޗާ ބެހޭ ވަޒީރު ޑރ. މަރިޔަމް މާރިޔާ ވިދާޅުވެއްޖެއެވެ.

ވަޒީރު މިހެން ވިދާޅުވީ އދ.ގެ ފުޑް އެންޑް އެކްރިކަލްޗަރ އޯގަނައިޒޭޝަން، އެފްއޭއޯއިން ބޭއްވި ހައި-ލެވެލް މިނިސްޓީރިއަލް ސްޕެޝަލް އިވެންޓްގައި ވާހަކަފުޅުދައްކަވަމުންނެވެ.

ހައި-ލެވެލް މިނިސްޓީރިއަލް ހަރަކާތުގައި ވާހަކަފުޅުދައްކަވަމުން ދަނޑުވެރިކަމާއި ދިރޭތަކެއްޗާ ބެހޭ ވަޒީރު ޑރ. މަރިޔަމް މާރިޔާ ވިދާޅުވީ ދިވެހިން ބޭނުންކުރާ ކާބޯތަކެތީގެ 90 އިންސައްތައަކީ އެތެރެކުރާ ތަކެތި ކަމަށެވެ. އެހެންކަމުން ކާބޯތަކެތީގެ ޔަޤީންކަން ކަށަވަރުކުރުމަށް ދަނޑުވެރިކަންކުރުމަށް ރާއްޖެއިން ޚާއްސަ ސަމާލުކަމެއްދޭކަން ވަޒީރު ފާހަގަކުރެއްވިއެވެ.

މިގޮތަށް މަސައްކަތްކުރާއިރު، ރާއްޖެއަކީ މޫސުމީ ބަދަލުތަކަށް ނާޒުކު ޤައުމަކަށްވުމުން ތަފާތު ދަތިތަކާ ކުރިމަރިލާންޖެހޭކަން ވަޒީރު ފާހަގަކުރެއްވިއެވެ. އެހެންކަމުން މޫސުމީ ބަދަލުތަކަށް ވިލުންތެރި ދަނޑުވެރިކަމެއް ކުރުމަށް ޒަމާނީ އުކުޅުތައް ދަނޑުވެރިކަމުގައި ބޭނުންކުރުމަށް މަސައްކަތްކުރައްވަމުންދާކަމަށް ވަޒީރު ވިދާޅުވިއެވެ.

"ހައިޑްރޮޕޯނިކް އަދި ވާޓިކަލް ފާމިން ތަޢާރަފުކުރުމުގެ މަސައްކަތް މިދަނީ ކުރަމުން. އަދި ދަނޑުވެރިކަމުގެ ޒަމާނީ އުކުޅުތަކަށް ތަމްރީންތައްވެސް ދަނީ ކުރިއަށްގެންދަމުން. އަދި ޑްރިޕް އިރިގޭޝަން ސިސްޓަމްތަކާއި ރެއިން ވޯޓަރ ހާވެސްޓިން ސިސްޓަމްތައް ޤާއިމުކުރުމަށް މަސައްކަތްކުރެވޭނެ." ވަޒީރު ވިދާޅުވިއެވެ.

ވަޒީރު ވިދާޅުވީ ރާއްޖެއަކީ ބިން ތިިރި ޤައުމަކަށްވެފައި، ވެލީގެ ކޮލިޓީ ހިފެހެއްޓުމަށްވެސް ޚާއްސަ އިސްކަމެއްދޭ ކަމަށެވެ. އެ ގޮތުން މީގެ ކުރިން ދަނޑުވެރިކަންކުރާއިރު، ތަފާތު ބާވަތްތަކުގެ ކެމިކަލް ބޭނުންކުރި ނަމަވެސް، ސަރުކާރުގެ ސިޔާސަތަކީ ކެމިކަލް ބޭނުންކުރުން ހުއްޓާލާ އުކާލާ ބާވަތްތަކުން ގަސް ކާނާ އުފެއްދުންކަމަށް ވަޒީރު ވިދާޅުވިއެވެ. ރާއްޖެއަކީ ފުޅާ ދާއިރާއެއްގައި މަސްވެރިކަން ކުރަމުން އަންނަ ޤައުމަކަށްވާއިރު، މަހުން އުކާލާ ބާވަތްތަކުން ގަސް ކާނާ ގިނަ އަދަދަކަށް އުފެއްދިދާނެކަމަށް ޤަބޫލުކުރައްވާކަމަށް ވަޒީރު ވިދާޅުވިއެވެ.

މީގެ އިތުރުން ދަނޑުވެރިކަމުން ލިބޭ ނަފާ އިތުރުކުރުމަށްވެސް މަސައްކަތްތަކެއްކުރަމުންދާކަން ދަނޑުވެރިކަމާ ބެހޭ ވަޒީރު ފާހަގަކުރެއްވިއެވެ. އެ ގޮތުން ދަނޑުވެރިންނަށް ލުއި ލޯނުތައް ފަހިކޮށްދިނުމާއި ޑިޖިޓަލް ޕްލެޓްފޯމްތައް މެދުވެރިކޮށް ދަނޑުވެރިންނާއި ކަސްޓަމަރުން ސީދާ ގުޅުވާލުމަށް މަސައްކަތްތަކެއްކުރާކަން ދަނޑުވެރިކަމާއި ދިރޭތަކެއްޗާ ބެހޭ ވަޒީރު ފާހަގަކުރެއްވިއެވެ.

ރާއްޖޭގެ ދަނޑުވެރިކަމުގެ ދާއިރާ ފުޅާކުރެއްވުމަށް ގިނަ މަސައްކަތްތަކެއް ސަރުކާރުންވަނީ ފަށްޓަވާފައެވެ. އޭގެ ތެރެއިން އެންމެ ފާހަގަކޮށްލެވޭ އެއް މަސައްކަތަކީ ޒަމާނީ އުކުޅުތަކަށް ދަނޑުވެރިން ތަމްރީންކުރުމެވެ. އަދި ދަނޑުވެރިކަންކުރުމަށް ޚާއްސަ އިޤުތިޞާދީ ސަރަހައްދެއްވެސް ސަރުކާރުން ވަނީ ކަނޑައަޅުއްވާފައެވެ. އެ ތަން ހެދުމަށް 100 ހެކްޓަރުގެ ބިން ހިއްކުމަށް ހަމަޖެހިފައިވެއެވެ.