ޚަބަރު

އެންމެންގެ ޝާމިލުވުން އޮތް މަޖިލީހެއް ޤާއިމުކުރުމަށް ރާއްޖޭން އަބަދުވެސް މަސައްކަތްކުރާނެ: ރައީސް


  • މަޖިލީހުގައި އަންހެނުންގެ ދައުރު ކުޑަވުމަކީ ޚާއްސަ ސަމާލުކަމެއް ދޭންޖެހޭ މައްސަލައެއް

  • މަޖިލީހަކީ ނަޒާހަތްތެރިކަމާއެކު ރައްޔިތުންނަށް ޚިދުމަތް ކުރާތަނަކަށް ވާންޖެހޭނެ

ޤާނޫނު ހަދާ މަޖިލީހަކީ އެންމެންގެ ޝާމިލުވުން އޮތް ތަނެއްކަން ކަށަވަރުކުރުމަށް ރާއްޖޭން އަބަދުވެސް މަސައްކަތް ކުރައްވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ ބައިނަލްއަގުވާމީ ގޮތުން ފާހަގަކުރާ ޤާނޫނު ހަދާ މަޖިލީހުގެ ދުވަހާއި ގުޅިގެން ސޯޝަލް މީޑިއާގައި ހިއްސާ ކުރެއްވި ޕޯސްޓެއްގައެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވީ ޤައުމެއްގައި ޑިމޮކްރަސީ ދަމަހައްޓައި، ހެޔޮ ވެރިކަމެއް ކުރިއެރުވުގައި ޤާނޫނު ހަދާ މަޖިލިސްތަކުގެ ދައުރު މުހިންމު ކަމަށެވެ. ނަމަވެސް ޤާނޫނު ހަދާ މަޖިލިސްތަކުގައި އަންހެނުންގެ ދައުރު ކުޑަވުމަކީ ޤައުމީ ގޮތުންވެސް އަދި ބައިނަލްއަގުވާމީގޮތުންވެސް ޚާއްސަ ސަމާލުކަމެއް ދޭން ޖެހޭ މައްސަލައެއްކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ރާއްޖޭގެ މަޖިލީހުގައި އަންހެނުންގެ ދައުރު ކުޑަނަމަވެސް މިންތީގެ ހަމަހަމަކަން ޤާއިމުވެފައިވާ އަދި އެންމެން ޝާމިލުވާ މާހައުލެއް ޤާއިމުވެފައިވާ މަޖިލީހެއް އޮތްކަން ކަށަވަރުކުރުމަށް އަބަދުވެސް މަސައްކަތް ކުރައްވާނެ ކަމުގެ ޔަގީންކަންވެސް ރައީސުލްޖުމްހޫރިއްޔާ ވަނީ ދެއްވާފައެވެ. އަދި ޤާނޫނު ހަދާ މަޖިލީހަކީ ނަޒާހަތްތެރިކަމާއެކު ރައްޔިތުންނަށް ޚިދުމަތް ކުރާ، ހަރުދަނާ އުސޫލުތަކެއް ހިފަހައްޓާ ތަނަކަށް ހަދަންޖެހޭ ކަމަށްވެސް ރައީސް ވިދާޅުވިއެވެ.

ރާއްޖޭގެ ޤާނޫނު ހަދާ މަޖިލީހުގައި އަންހެނުންގެ ދައުރު ކުޑަނަމަވެސް، އެ ދައުރު އިތުރުކުރުމަށް މަސައްކަތްތަކެއް ކުރެވެއެވެ. މި ހިނގާ 20 ވަނަ ރައްޔިތުންގެ މަޖިލީހުގައި 93 މެންބަރުން ތިއްބަވާއިރު އޭގެ ތެރޭގައި ހިމެނެނީ އެންމެ އަންހެން 3 މެންބަރުންނެވެ.

ނަމަވެސް މަޖިލީހުގެ ތަޅުމުގައްޔާއި ކޮމިޓީތަކުގައި އެ މެންބަރުންގެ ބައިވެރިވުން އިތުރުކުރުމަށް ޕީއެންސީގެ ސުޕަ މެޖޯރިޓީ އޮތް މަޖިލީހުން އަންނަނީ ފުރުސަތު ދެއްވަމުންނެވެ.