ފީފާ ކުލަބު ވޯލްޑް ކަޕުގެ ދެވަނަ ބުރުގައި ރޭ އިންޓަރ މަޔާމީއާ ދެކޮޅަށް ކުޅުނު މެޗު 4-0 ގެ ނަތީޖާއަކުން ކާމިޔާބުކޮށް، މުބާރާތުގެ ކުއާޓާ ފައިނަލްގެ ޖާގައެއް ފްރާންސްގެ ޕީއެސްޖީން ހޯދައިފިއެވެ.
އެޓްލާންޓާގެ މާސެޑޭޒް ބެންޒް ސްޓޭޑިއަމްގައި ފަސްދޮޅަސް ފަސް ހާހަށްވުރެ ގިނަ މީހުންގެ ކުރިމަތީގައި ކުޅުނު މި މެޗުގައި ޕީއެސްޖީ އިން ޖެހި ހަތަރު ލަނޑުވެސް އެ ޓީމުން ޖަހާފައިވަނީ މެޗުގެ ފުރަތަމަ ހާފުގަ އެވެ.
މީގެ ދެ އަހަރު ކުރިން ޕީއެސްޖީ ދޫކޮށް އިންޓަރ މަޔާމީ އަށް ބަދަލުވި އާޖެންޓީނާގެ ފޯވަޑް ލިއޮނެލް މެސީ މިއީ, އޭނާގެ ކުރީގެ ކްލަބާއި ދެކޮޅަށް ކުޅުނު ފުރަތަމަ މެޗެވެ.
މި މެޗުގައި ލަނޑު ޖަހަން ރަގަޅު ދެ ފުރުސަތެއް މެސީ އަށް ލިބުނު ނަމަވެސް އޭގެ ބޭނުން އެންމެ އެދެވޭ ގޮތެއްގައި ހިފޭ ގޮތް ވަނީ ނުވެފަ އެވެ. އެގޮތުން އޭގެ ތެރެއިން އެއް ހަމަލާ ޕީއެސްޖީގެ ކީޕަރު ޖިއަންލުއިޖީ ޑޮނަރޫމާ މަތަކުރިއިރު ހިލޭ ޖެހުމަކުން ފޮނުވާލި ބޯޅަ ޕީއެސްޖީގެ ކުޅުންތެރިން ބަނީ ބްލޮކް ކޮށްފަ އެވެ.
ޔޫރަޕްގެ ޗެމްޕިއަންކަން ދާދި ފަހުން ހޯދާފައިވާ ޕީއެސްޖީ އިން ވަނީ މި މެޗުގެ 6 ވަނަ މިނިޓުގައި ލަނޑެއް ޖަހާ ލީޑު ނަގާފަ އެވެ. މި ލަނޑު އެ ޓީމަށް ކާމިޔާބު ކޮށްދީފައިވަނީ ޕީއެސްޖީއަށް ލިބުނު ހިލޭ ޖެހުމަކުން އޭރިޔާ ތެރެއަށް ހުރަސްވި ބޯޅައެއް ބޮލުން ޖަހާ ޖޮއާއޯ ނެވެސް އެވެ.
އަދި މެޗުގެ 39 ވަނަ މިނިޓުގައި ފަބިއަން ރުއީޒްގެ އެސިސްޓަކުން ޖޮއާއޯ ނެވޭސް ވަނީ އިތުރު ލަނޑެއް ޖަހާ ދެ ޓީމުގެ ދެމެދުގައިވާ ފަރަގު ބޮޑުކޮށްފަ އެވެ. މި މެޗުގައި އޭނާ ޖެހި ދެ ލަނޑާއެކު މިއީ އޭނާ ކެރިއަރުގައިވެސް އެއް މެޗެއްގައި ދެ ލަނޑު ޖެހި ފުރަތަމަ ފަހަރެވެ.
ޕީއެސްޖީ އިން މި މެޗުގައި ޖެހި ތިންވަނަ ލަނޑަކީ ފުރަތަމަ ހާފުގެ ކުޅުން ނިމެން މިނިޓަކަށް ވެފައިވަނިކޮށް އިންޓަރ މަޔާމީގެ ޑިފެންޑަރ ތޯމަސް އަވިލޭޒްގެ އަތުން ބައިކޮޅަށް ވަދެފައިޥާ ލަނޑެކެވެ.
މި މެޗުގައި ޕީއެސްޖީ އިން ވަނީ ފުރަތަމަ ހާފުގެ އިތުރު ވަގުތުގެ ކުޅުމުގައި އިތުރު ލަނޑެއް ޖަހާ މެޗުގެ ނަތީޖާ 4-0 އަށް ބަދަލުކޮށްފަ އެވެ. މި ލަނޑު އެ ޓީމަށް ކާމިޔާބު ކޮށްދީފައިވަނީ އަޝްރަފް ހަކީމީ އެވެ,
މި މުބާރާތުގެ ކުއާޓަރ ފައިނަލުގައި އަންނަ ހޮނިހިރު ދުވަހު ޕީއެސްޖީ އާއި ދެކޮޅަށް ނިކުންނާނީ ޖަރުމަނުގެ ބަޔާން މިއުނިކް އެވެ.