ޚަބަރު

ރައީސްގެ ދެކަނބަލުންގެ ނަންފުޅުން އޯކިޑް މާގަހަކަށް ނަން ދެއްވައިފި


  • ސިންގަޕޫރުގެ ރައީސްގެ ދައުވަތަކަށް ކުރައްވާ ދަތުރުފުޅެއް

ސިންގަޕޫރުގެ ނޭޝަނަލް އޯކިޑް ގާޑަންގައި އޯކިޑަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އަދި އަނބިކަނބަލުން ސާޖިދާ މުޙައްމަދުގެ ނަންފުޅަށް ނަންދެއްވައިފިއެވެ. ރައީސުލްޖުމްހޫރިއްޔާ ސިންގަޕޫރަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅަކީ އެޤައުމުގެ ރައީސްގެ ދަޢުވަތަަކަށް ކުރައްވާ ރަސްމީ ދަތުރުފުޅެކެވެ. މިދަތުރުފުޅުގެ ތެރެއިން ރައީސުލުޖުމްހޫރިއްޔާގެ ދެކަނބަލުން މިއަދު ހެނދުނު ވަނީ ސިންގަޕޫރުގެ ބޮޓޭނިކަލް ގާޑަންއަށް ޒިޔާރަތް ކުރައްވާފައެވެ.

އަލަށް ނަންދެވުނު އޯކިޑް ބަހައްޓާފައިވަނީ "ވީއައިޕީ އޯކިޑްސް" ކަލެކްޝަންގައެވެ.

ނޭޝަނަލް އޯކިޑް ގާޑަންއަށް ޒިޔާރަތްކުރައްވާ ދައުލަތުގެ އިއްޒަތްތެރިންގެ ނަންފުޅަށް އޯކިޑް ހައިބްރިޑްތަކަށް ނަންކިޔުމަކީ ސިންގަޕޫރުގެ ދިގު ޒަމާންވީ އާދަކާދައެކެވެ.

ރަސްމީ ދަތުރުފުޅުތަކުގައި ސިންގަޕޫރަށް ވަޑައިގަންނަވާ ބޭރު ޤައުމުތަކުގެ އެންމެ އިސްވެރިންނަށް ނެޝަނަލް އޯކިޑް ގާޑަންއަށް ޒިޔާރަތްކޮށް މަލަށް ނަން ދިނުމުގެ ފުރުޞަތު އަރުވައެވެ.

ބޮޓޭނިކަލް ގާޑަންއަކީ އެކި ވައްތަރުގެ މާމެލާމެލީގެ ގިނަ ބަގީޗާތައް އެކުލެވޭ ތަނެކެވެ. މިއީ ސިންގަޕޫރުގެ ރައްޔިތުންގެ މެދުގައާއި ފަތުރުވެރިންގެ މެދުގައިވެސް ވަރަށް މަޤްބޫލުތަނެކެވެ. ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުންނަށް އޯކިޑް ގާޑަންއިން މަރުހަބާ ދެންނެވީ އެގްޒެކެޓިވް ޑިރެކްޓަރ އޮފް ނޭޝަނަލް ޕާކްސް އެންޑް ގާރޑަންސް ކްލަސްޓަރ، ގުރޫޕް ޑިރެކްޓަރ އޮފް ސިންގަޕޫރް ބޮޓާނިކް ގާޑެންސް ޑރ. ޓަން ޕުއޭ ޔޯކްއެވެ.

ރައީސްގެ ދެކަނބަލުން ވަނީ އޯކިޑް ގާޑަންގައި މެހެމާނުން ސޮއިކުރައްވާ ފޮތުގައި ސޮއިކުރައްވާފައެވެ. އަދި ބަގީޗާ ބައްލަވާލެއްވިއެވެ.

މިޒިޔާރަތުގައި ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި ޚާރިޖީ ވަޒީރު ޑރ.ޢަބްދުﷲ ޚަލީލާއި، ދިފާޢީ ވަޒީރު މުޙައްމަދު ޣައްސާން މައުމޫނާއި، މާލީ ވަޒީރު މޫސާ ޒަމީރާއި، ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވަޒީރު އަލީ އިހުސާންގެ އިތުރުން އިމާރާތް ކުރުމާ ބެހޭ ވަޒީރު ޑރ.ޢަބްދުﷲ މުއްޠަލިބް ބައިވެރިވެވަޑައިގެންނެވިއެވެ.


ސިންގަޕޫރުގެ ބޮޓޭނިކް ގާޑަންއަކީ ޔުނެސްކޯގެ ދުނިޔޭގެ ތަރިކަ ލިސްޓުގައި ހިމެނޭ ފުރަތަމަ އަދި ހަމައެކަނި ޓްރޮޕިކަލް ބޮޓާނިކް ގާޑަންއެވެ. މިތަނުގައި އޮންނަ އޯކިޑް ބަގީޗާގައި ގާތްގަނޑަކަށް 60،000 އޯކިޑް ގަހާއި 1،000 އަށް ވުރެ ގިނަ ތަފާތު ވައްތަރުގެ އޯކިޑް ގަސްތައް ހުރެއެވެ.