ވޮލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސްއިން އިންތިޒާމުކޮށްގެން ކުރިއަށްގެންދާ ވީއޭއެމް ކަޕް 2025 ގެ ފިރިހެން ޑިވިޝަނުގައި ޕޮލިސް ކުލަބުން ދެވަނަ މޮޅު ހޯދައިފިއެވެ. ޒުވާނުންގެ މަރުކަޒުގެ އެތެރޭ ކޯޓުގައި މިއަދު ކުޅުނު މެޗު ޕޮލިސް ކުލަބުން ކާމިޔާބުކުރީ 3-2 ސެޓުންނެވެ.
ދެ ޓީމުންވެސް މުބާރާތުގެ ތިންވަނަ މެޗަށް ނުކުތްއިރު ޕޮލިސް ކުލަބު ވަނީ އެއް މެޗުން މޮޅުވެ އަނެއް މެޗުން ބަލިވެފައެވެ. އަދި މީގެ ކުރިން ކުޅުނު ދެ މެޗުވެސް ސިފައިން ޓީމުން ވަނީ ކާމިޔާބުކޮއްފައެވެ.
މުބާރާތް ފޯމުގައި އޮވެ ފެށި ސިފައިން ޓީމުން މެޗުގެ ފެށުން ގޯސްވުމުގެ ފައިދާ ނަގައި ޕޮލިސް ކުލަބުން ފުރަތަމަ ސެޓު ކާމިޔާބުކުރީ 25-19 އިންނެވެ. އެހެން ނަމަވެސް މެޗުގެ ދެވަނަ ސެޓުގައި ސިފައިގެން ޓީމުން ހަމަ މި ނަތީޖާއިން ކާމިޔާބުކޮށް އިތުބާރު ގާއިމުކުރިއެވެ.
ދެން ފެނިގެންދިޔައީ މެޗު އެންމެ ފޯރިގަދަ ސެޓެވެ. ވާދަވެރި ކުޅުމަކަށްފަހު މެޗުގެ ތިންވަނަ ސެޓު ކާމިޔާބުކޮށް ސިފައިންގެ ޓީމުން ހަމަޖެހިލިއެވެ. މި ސެޓު ސިފައިން ކާމިޔާބުކުރީ 25-21 އިންނެވެ. އެހެން ނަމެވެސް މި ލިބުނު ލީޑުގައި ސިފައިންނަށް ފައިދާ ނުނެގުނީ ޖެހިގެން އައި ސެޓު ޕޮލިސް ކުލަބުން ކާމިޔާބުކުރުމުންނެވެ. މެޗުގެ ހަތަރުވަނަ ސެޓު ޕޮލިހުން ގެންދިޔައީ 25-17 އިންނެވެ.
މިއާއެކު ދެ ޓީމު އެއްވަރުވުމުން ނަތިޖާ ނެރުމަށް ކުޅުނު ސެޓު ޕޮލިސް ކުލަބުން ކާމިޔާބުކުރީ 15-8 އިންނެވެ. މި މެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވުނީ ޕޮލިސް ޓީމުގެ ލަންކާ ކުޅުންތެރިޔާ ޗިރާގެވެ.
ވީއޭއެމް ކަޕުގެ ފިރިހެން ޑިވިޝަނުގައި އަށް ޓީމެއް ވާދަކުރަމުން އަންނައިރު، މުބާރާތް ކުރިއަށްދަނީ ދެ ގްރޫޕަކަށް ބަހާލައިގެންނެވެ. އެގޮތުން ގްރޫޕް އޭގައި ހިމެނެނީ އެންމެ ފަހުގެ ޗެމްޕިއަން ކުލަބު އެޗްޑީސީ އާއި، ހުރާ ކޮމިއުނިޓީ ކުލަބާއި، ސްޕޯޓްސް ކުލަބު ސިޓީ އަދި ބްލޫސް ފޯރ ވޮލީބޯލްއެވެ. އަދި ގްރޫޕް ބީގައި ހިމެނެނީ ދިވެހި ސިފައިންގެ ކުލަބާއި، ދަނޑިމަގު ސްޕޯޓްސް އެންޑް ރެކްރިއޭޝަން ކުލަބާއި، ޕޮލިސް ކުލަބުގެ އިތުރުން ދަ ސަދާން ސްޕޯޓްސް ކުލަބެވެ.