ޚަބަރު

ސާންތީގެ ހަނދާނުގައި މުބާރާތެއް ބޭއްވީ މައިލޯގެ އެދުމުގެ މަތިން: ސޮކަރ ވެޓެރަންސް


އަލްމަރްހޫމް އިހްސާން އަބްދުލްޣަނީ (ސާންތީ) ގެ ހަނދާނުގައި ސޮކަރ ވެޓްރަންސް އެސޯސިއޭޝަން އޮފް މޯލްޑިވްސްއިން ޚާއްސަ ފުޓްބޯޅަ މުބާރާތެއް ބޭއްވީ މައިލޯގެ އެދުމުގެ މަތިން ކަމަށް އެ އެސޯސިއޭޝަނުގެ ރައީސް އަލީ ޝަމީމް ވިދާޅުވެއްޖެއެވެ.

ސޮކާ ވެޓްރަންސްއިން މިދިޔަ ބުރާސްފަތި ދުވަހުން ފެށިގެން ހޮނިހިރު ދުވަހުގެ ނިޔަލަށް ކުރިޔަށް ގެންދިޔަ 8 އަހަރުން ދަށުގެ ފުޓްބޯޅަ މުބާރާތް ނިންމުމުގެ ރަސްމިއްޔާތަށްފަހު ޕީއެސްއެމް ނިއުސްއަށް ދިން ހާއްސަ އިންޓަވިއުއެއްގައި ޝަމީމް ބުނީ މި މުބާރާތް ސާންތީ ކޯޗުގެ ހަނދާނުގައި ބޭއްވީ މައިލޯއިން ސްޕޮންސަރކޮށްގެން ބާއްވާ އިވެންޓުތަކުގައި ސާންތީ ކޯޗު މައިލޯއަށް ވަރަށް ބޮޑަށް އެހީތެރިވެދީފައިވާތީ މައިލޯއިން ސާންތީގެ ނަމުގައި މިފަދަ މުބާރާތެއް ބާއްވައިދިނުމަށް އެދުމުން ކަމަށެވެ.

"ފުޓްބޯޅައިގެ ޑިވެލޮޕްމެންޓަށް ބޭއްވި މައިލޯގެ އިވެންޓްތަކުގައި ސާންތީ އަކީ މައިލޯއަށް ވަރަށް އެހީވެދިން ބޭފުޅެއް. އެހެންވީމަ މައިލޯއިން އެދިގެން 8 އަހަރުން ދަށުގެ އުމުރުފުރާއަށް މުބާރާތެއް މި ބޭއްވީ. ވަރަށް ކާމިޔާބު މުބާރާތެއް. ނިމުމުގެ ރަސްމިއްޔާތުވެސް މި ހާއްސަ ކޮށްލީ ސީދާ އާއިލާއަށް" ޝަމީމް ބުންޏެވެ.

ޝަމީމް ބުނީ ސޮކާ ވެޓްރަންސް އެސޯސިއޭޝަން ވުޖޫދަށް އައިސްގެން ވިސްނީ ރާއްޖޭގައި ކުދިންނަށް ހުނަރު ދައްކާލަން ފުރުސަތު ހޯދައިދީ ތުއްތުކުދިން ފުޓްބޯޅައަށް ލޯބި ޖައްސަން ކުރެވޭނީ ކޮންކަމެއްތޯ ކަމަށެވެ.

އެހެންކަމުން ތުއްތު ކުދިންގެ މެދުގައި ފުޓްބޯޅަ މުބާރާތްތައް ރޭވުމުގެ ބޭނުމަކީ ވާދަވެރިކަން އެކުދިންނަށް ރެފްރީންނާ ސަޕޯޓަރުންނާއެކު މެޗުތައް ކުޅެ ފުޓްބޯޅަ މުބާރާތެއްގެ އިހްސާސް ގެނެސްދީ އެކުދިން އެކަޑަމީތަކުންނާއި އެހެނިހެން ގޮތްގޮތުން ދަސްކުރާ ހުނަރުތައް ދައްކާލަން ފުރުސަތު ދިނުމުގެ ގޮތުން ކަމަށެވެ.

"ކުޑަކުދިންނަށް ބާއްވާއިރު ބޭނުންވަނީ އެންމެ ފުރިހަމައަށް އެ ކުދިން އުވާފާ ގޮތަށް ބޭއްވުން. ސަޕޯޓަރުން ލައިގެން އެ ފީލް ގެނެސްދިނުން ބޭނުންވަނީ. ވާދަވެރި ނުކޮށް އެކުދިންގެ ހުނަރު ދައްކާލުން މަގްސަދަކީ" ޝަމީމް ބުންޏެވެ.

ސާންތީއަކީ ފުޓްބޯޅައަށް ހިދުމަތް ކުރުމުގައި ގިނަ ވަގުތަކެއް ހުސްކުރި އަގުހުރި ހިދުމަތްތެރިއެކެވެ. އަދި ވަކިން ހާއްސަކޮށް ތުއްތު އުމުރުފުރާގެ ކުދިންގެ މެދުގައި ފުޓްބޯޅައަށް ލޯބި ޖައްސާ ފުޓްބޯޅައިގެ ހުނަރާއި އުކުޅުތައް ދަސްކޮށްދިނުމުގައި ސާންތީ ކޯޗު މުހިންމު ދައުރެއް އަދާކުރިއެވެ. އަދި މިއަދު ކޯޗުންގެ ގޮތުގައި ފެންނަ ގިނަ ފުޓްބޯޅަ ކޯޗުންނަކީ ސާންތީ ކޯޗުގެ ދަރިވަރުންނެވެ.