ރ. ފައިނުގައި ހިނގި ނުރައްކާތެރި އެކްސިޑެންޓުގައި އަނިޔާވި ދެ ކުދިންނަށާއި އިތުރު މީހަކަށް އައިޖީއެމްއެޗްގެ އައިސީޔޫގައި ފަރުވާ ދޭން ފަށައިފިއެވެ.
ޕީއެސްއެމްނިއުސްއަށް މައުލޫމާތު ދެއްވަމުން އައިޖީއެމްއެޗްއިން ވިދާޅުވީ ފަރުވާދެމުންދަނީ އުމުރުން 14 އަހަރާއި 18 އަހަރުގެ ދެ ކުދިންގެ އިތުރުން 49 އަހަރުގެ މީހަކަށްކަމަށެވެ.
ދެ ކުދިންނަށާއި އިތުރު މީހާގެ ހާލުވެސް ސީރިއަސްކަމަށާއި ފަރުވާދެމުން ދަނީ އައިސީޔޫގައި ވެންޓިލޭޓަރުގައިކަމަށްވެސް އައިޖީއެމްއެޗްއިން ވިދާޅުވިއެވެ.
މި އެކްސިޑެންޓު ހިނގާފައިވަނީ ބާރު ސްޕީޑުގައި ދުއްވާފައިދިޔަ ސައިކަލެއް ކޮންޓްރޯލްނުވެގޮސް މަގުމަތީ ހިނގާފައިދިޔަ ބައެެއްގެ ގައިގައި ޖެހިގެންނެވެ. މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ ހިނގި މި ހާދިސާގައި 4 މީހަކަށް އަނިޔާވެފަވެއެވެ. މީގެ ތެރެއިން 3 މީހަކަށް މާލޭގައި ފަރުވާދެމުންދާއިރު އިތުރު މީހަކަށް އުނގޫފާރު ހޮސްޕިޓަލްގައި ދަނީ ފަރުވާދެމުންނެވެ.
ފުލުހުން ދަނީ މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުންނެއެވެ.