ރާއްޖޭގެ މަޝްހޫރު ދީނީ ޢިލްމުވެރިޔާ އަދި ޚިދުމަތްތެރި ދާޢީ ފަޟީލަތުއްޝައިޚް އަލްމަރުޙޫމް އިބްރާހީމް ފަރީދު އަޙްމަދުގެ ހަނދާނުގައި ބަންގްލަދޭޝްގައި ބިނާކުރާ މިސްކިތުގެ ބިންގާ އަޅައިފިއެވެ. މި މިސްކިތުގެ ބިންގާ އަޅައިދީފައިވަނީ ޝެއިޚު ފަރީދުގެ ދެ ފިރިހެން ދަރިކަލުންނެވެ.
އުމުރުފުޅުން 53 އަހަރުގެ ފަޟީލަތުއްޝައިޚް އަލްމަރުޙޫމް އިބްރާހީމް ފަރީދު އަޙްމަދު އަވަހާރަވީ މިމަހުގެ 9ވަނަ ދުވަހުއެވެ. އެއީ ދީނީ ދަޢުވަތުގެ މަސައްކަތެއްގައި މެލޭޝިޔާއަށް ވަޑައިގެން ކުއަލަލަންޕޫރު އިންޓަރނޭޝަނަލް އެއަރޕޯޓުގައި ހުންނަވަނިކޮށެވެ.
ޝައިޚު ފަރީދު އަވަހާރަވުމާއެކު އޭނާ މަސައްކަތް ކުރައްވަމުން ގެންދެވި ޚިދުމަތް ޖަމިއްޔާއިން ވަނީ އޭނާގެ ހަނދާނުގައި ބަންގްލަދޭޝްގައި މިސްކިތެއް ބިނާކުރުމަށް ނިންމައި، އެ ކަމުގައި އެހީތެރިކަން ފޯރުކޮށްދޭން ބޭނުންވާ ފަރާތްތަކަށް އެހީތެރިވުމުގެ ފުރުސަތު ހުޅުވާލިއެވެ. އެއީ މިމަހުގެ 11ވަނަ ދުވަހުއެވެ.
މި މިސްކިތް އެޅުމަށް އެހީވުމަށް ހުޅުވައިލި ފުރުސަތުގައި ކުޑަ ވަގުތުކޮޅެއް ތެރޭ ވަނީ މިސްކިތް އަޅަން ހޭދަވާނެކަމަށް އަންދާޒާކުރި 760،000 ރުފިޔާ ހަމަވެފައެވެ.
ޝެއިޚު ފަރީދު މަސައްކަތްކޮށްދެއްވި ޚިދުމަތް ޖަމިއްޔާގެ ފަރާތުން، މި މިސްކިތް ބިނާކުރުމުގެ މަސައްކަތް ފަށައިދިނުމުގެ ގޮތުން ޝެއިޚުގެ ދެ ފިރިހެން ދަރިކަލުން ކަމަށްވާ މުޙައްމަދު ފަރީދާއި އަބްދުﷲ ފަރީދު ބަންގްލަދޭޝަށް ފުރީ މީގެ ދެ ދުވަސް ކުރިންނެވެ.
ޚިދުމަތް ޖަމިއްޔާއިން ވަނީ މި މިސްކިތުގެ ބިންގާ އެޅިކަން ހާމަކޮށް ވީޑިއޯއެއްވެސް އާންމުކޮށްފައެވެ. ބިންގާ އަޅައިދިނީ ޝެއިޚްގެ ދެ ދަރިކަލުންނެވެ. އެ ދެބެއިން އެ މިސްކިތުގެ ބިންގާ އަޅާފައިވާއިރު، މިސްކިތް ބިނާކުރުމަށް ދިވެހީންގެ ފަރާތުން ލިބުނު އެހީތެރިކަމާއި އެއްބާރުލުމަށް އާއިލާއާއި، ޚިދުމަތް ޖަމިއްޔާގެ ފަރާތުން ޝުކުރު އަދާކޮށްފައިވެއެވެ.
ޝެއިޚް ފަރީދުގެ ހަނދާނުގައި ބަންގްލަދޭޝްގައި ބިނާކުރަނީ 455 މީހުންގެ ޖާގައިގެ، 255 އަކަފޫޓުގެ މިސްކިތެކެވެ.
ޚިދުމަތް ޖަމިއްޔާއިން ވަނީ ފަރީދުގެ ނަމުގައި ރާއްޖޭގައިވެސް މިސްކިތެއް ބިނާކުރުމަށް ނިންމާފައެވެ. ނަމަވެސް، ރާއްޖޭގައި އަޅަން ނިންމާފައިވާ މިސްކިތާ ގުޅޭ އިތުރު އެއްވެސް މައުލޫމާތެއް ޚިދުމަތް ޖަމިއްޔާއިން އަދި ހާމައެއް ނުކުރެއެވެ. އެ ޖަމިއްޔާއިން ބުނީ، އެ ނިންމުން ނިންމާފައިވަނީ ގިނަ ބަޔަކު އެކަމުގައި ބައިވެރިވުމަށް އެދެމުންދާތީ ކަމަށާއި އިތުރަށް ފަންޑުވެސް ލިބޭތީ ކަމަށެވެ.