ރާއްޖޭގެ އަންހެން ފުޓްބޯޅަ ޓީމު ސާބިތުކޮށްދެނީ ކޮންމެ ހާލެއްގައިވިޔަސް ފުޓްބޯޅަ ކުޅޭހިތްވާކަން ކަމަށާއި، މިއީ ވަކި ޖިންސަކަށް އޮތް ކުޅިވަރެއް ނޫންކަން އެ ޓީމުން ދައްކުވައިދޭ ކަމަށް ގައުމީ އަންހެން ޓީމުގެ ކޯޗު އަޙްމަދު އާތިފް ބުނެފިއެވެ.
އާތިފް މިހެން ބުނެފަވަނީ އޭއެފްސީ އޭޝިއަން ކަޕް ވިމެންސް ކޮލިފިކޭޝަނުގައި ވިއެޓްނާމާ ވާދަކުރުމަށް ހަމަޖެހިފައިވާ މެޗަށް ފުރުމުގެ ކުރިން ޕީއެސްއެމް ނިއުސްއަށް ދިން ޚާއްސަ އިންޓަވިއުއެއްގައެވެ.
އާތިފް ބުނީ ދިވެހި ފުޓްބޯޅަ އޮތް ހާލަތަށް ބަލާ ނަމަވެސް ރާއްޖޭގެ އަންހެން ފުޓުބޯޅަ ޓީމުން ދައްކަމުންދަނީ ނަމޫނާއެއްކަމަށެވެ. އަދި ހާލަތުގެ ދަތިކަމާއެކުވެސް ވަރަށް ޖޯޝާއި ފޯރީގައި ޓީމުން ފަރިތަކުރުންތައް ބާއްވަމުން ދިޔަކަމަށެވެ.
"ފުރަތަމަވެސް މި އަންހެން ޓީމު މުބާރާތަށް މިތައްޔާރުވީ ފުޓްބޯޅަ އެސޯސިއޭޝަން ނުވަތަ ފުޓުބޯޅަ ވަރަށް އެހެން ކަހަލަ ފައްތަރެއްގަ އޮއްވާ، އެކަމަކުވެސް ހިންމަތާ މިންނަތުން މަސައްކަތް ކުރީ މިކުދިން ރާއްޖެއަށް ދައްކަދިނީ އަސްލު މި ރާއްޖޭގެ ފުޓުބޯޅައިގަ އަންހެން ފިރިހެން މިތިބީ ބޯޅަ ކުޅެންކަން، ކޮންމެ ހާލަތެއްގަ ނަމަވެސް ބޯޅަ ކުޅެން ބޭނުންވާކަން" އާތިފް ބުނެފަވެއެވެ.
އާތިފް ބުނީ ފުޓުބޯޅަ ދިރުވާ އާލާކުރުމަށް ހުރި ދަތިތައް ފިލުވާ މިކުޅިވަރުން މުސްތަގުބަލެއް ހޯދައިދިނުމަށް މިދާއިރާގެ އެންމެން މަސައްކަތްކުރާނެކަމަށް އުންމީދުކުރާކަމަށެވެ. ފުޓްބޯޅަ ތަރައްގީވެގެންދާނީ އެކަށީގެންވާ ވަސީލަތްތައް ލިބިގެންކަމަށާ، އެކަންކަން އަވަސް މުސްތަގުބަލެއްގައި ފަހިވެގެންދިއުމަކީ ދެކެން ބޭނުންވާ ދުވަހެއްކަމަށްވެސް ކޯޗު ބުންޏެވެ.
"މިކުދިންނަށް ނޫނީ ބޯޅަ ކުޅެން ބޭނުންވާ މީހުންނަށް މިއަށްވުރެ ރަނގަޅު މުސްތަގުބަލެއް ހޯދައިދޭނެކަމަށް މިބަލަނީ، ދިވެހިރާއްޖޭގެ ހުރިހާ ކުޅިވަރުގެ ވަސީލަތްތަކުން، ޚާއްސަކޮށް ފުޓުބޯޅަ އެސޯސިއޭޝަނާ މިނިސްޓްރީއާއި ސަރުކާރުން" އާތިފް ބުނެފަވެއެވެ.
އޭއެފްސީ އޭޝިއަން ކަޕް ވިމެންސް ކޮލިފައިންގައި ދިވެހިރާއްޖެއިން ވިއެޓްނާމާ ދެކޮޅަށް ނުކުންނާނީ މިމަހުގެ 29 ވަނަ ދުވަހެވެ. އާތިފް ބުނީ އެމެޗަށް ޓީމުން އޮތީ ވަރަށް ރަނގަޅަށް ތައްޔާރުވެފަކަމަށެވެ. އާތިފް ބުނީ ވިއެޓްނާމަކީ ވަރުގަދަ ޓީމެއްކަމަށާ އެހެންނަމަވެސް އުންމީދަކީ ރަނގަޅު ނަތީޖާއެއް ހޯދުންކަމަށެވެ. ރާއްޖެގެ އަންހެން ފުޓުބޯޅަ ޓީމުން މުބާރާތަށް ތައްޔާރުވީ ވަރަށް ރަނގަޅު އެޓިޓިއުޑްއެއްގަކަމަށާ، އުންމީދަކީ ވަރަށް ރަނގަޅު ކުޅުމެއް ދެއްކުންކަމަށް އާތިފް ބުންޏެވެ.
އޭއެފްސީ އޭޝިއަން ކަޕް ވިމެންސް ކޮލިފައިންގައި ރާއްޖެއިން ޖުލައި މަހުގެ ދެވަނަ ދުވަހު ގުއާމާ ވާދަކުރާ މެޗު ތާވަލުކޮށްފަވާއިރު، ތިންވަނަ މެޗުގައި ނިކުންނާނީ ޖުލައި މަހުގެ ފަސްވަނަ ދުވަހު ޔޫއޭއީއާ ދެކޮޅަށެވެ.