ޚަބަރު

ބާރަށުގައި ޓޫރިސްޓު ހޮޓަލެއް ތަރައްޤީކޮށް ހިންގާނެ ބަޔަކު ހޯދަނީ


  • ފަތުރުވެރިކަމަށް ކަނޑައަޅާފައިވަނީ 71,832 އަކަފޫޓުގެ ބިމެއް

  • 20 އޮގަސްޓުގެ ކުރިން ބީލަން ހުށައަޅަންޖެހޭނެ

ހއ. ބާރަށުގައި ޓޫރިސްޓު ހޮޓަލެއް ތަރައްޤީކޮށް ހިންގާނެ ބަޔަކު ހޯދުމަށް ފަތުރުވެރިކަމާއި ތިމާވެއްޓާ ބެހޭ ވުޒާރާއިން އިއުލާންކުރައްވައިފިއެވެ. ހއ. ބާރަށުން ފަތުރުވެރިކަމަށް ކަނޑައަޅާފައިވަނީ 71,832 އަކަފޫޓުގެ ބިމެއްގައެވެ.

ފަތުރުވެރިކަމާއި ތިމާވެއްޓާ ބެހޭ ވުޒާރާއިން ވިދާޅުވީ، ބާރަށުގައި ޓޫރިސްޓު ހޮޓަލެއް ތަރައްޤީކުރަން ބޭނުންވާ ފަރާތްތަކަށް 08 ޖުލައި ވާ އަންގާރަ ދުވަހުގެ 10:00 ގައި ވަރޗުއަލްކޮށް ބާއްވާ މަޢުލޫމާތު ސާފުކުރުމުގެ ބައްދަލުވުމެއް އޮންނާނެކަމަށެވެ. އަދި 20 އޮގަސްޓު ވާ ބުދަ ދުވަހުގެ 10:00 އަށް މި ވުޒާރާއަށް ހާޟިރުވެ ބީލަން ހުށަހެޅުއްވުން އެދޭކަމަށެވެ.

މަޢުލޫމާތު ސާފުކުރުމުގެ ބައްދަލުވުމުގައި ބައިވެރިވުމަށް އެދި، 07 ޖުލައި ވާ ހޯމަ ދުވަހުގެ 12:00 ގެ ކުރިން އެ ވުޒާރާގެ އީމެއިލް އެޑްރެސްއަށް ބައިވެރިވާ ފަރާތެއްގެ ނަމާއި، އީމެއިލް އެޑްރެސް، އަދި ފޯން ނަންބަރު އީމެއިލް ކުރެއްވުން އެދޭކަމަށް ފަތުރުވެރިކަމާއި ބެހޭ ވުޒާރާއިން ވަނީ ވިދާޅުވެފައެވެ.

ބީލަން ފޮތް ލިބޭނީ 29 ޖޫން ވާ އާދީއްތަ ދުވަހުން ފެށިގެން 19 އޮގަސްޓް ވާ އަންގާރަ ދުވަހުގެ ނިޔަލަށް ބަންދުނޫން ކޮންމެ ދުވަހެއްގެ ހެނދުނު 0900 އިން 1300 އާއި ދެމެދު ފަތުރުވެރިކަމާއި ތިމާވެށްޓާބެހޭ ވުޒާރާ ރިސެޕްޝަނުން ނުވަތަ އީމެއިލްގެ ޒަރިއްޔާއިންނެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އަތޮޅުތަކުގެ ރަށްތަކަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިން މިދިޔަ އަހަރު ހއ. ބާރަށަށް ވަޑައިގެން ވިދާޅުވެފައިވަނީ ތިމާވެއްޓާއި ރަށްޓެހި ނުވަތަ އީކޯ ޓޫއަރިޒަމްގެ ބިޔަ މަޝްރޫޢެއް ބާރަށުގައި ސަރުކާރުން ކުރިއަށް ގެންގޮސްދެއްވާނެކަަމަށެވެ.

ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ބައިނަލްއަޤްވާމީ ބިޑިންއަކަށް ހުޅުވާލައިގެން އިކޯ ޓުއަރިޒަމް މަޝްރޫޢު ކުރިއަށްގެންދަވާނީ ޕްރައިވެޓް ސެކްޓަރއަށް ފުރުޞަތު އިތުރުކުރުންކަމަށެވެ. އަދި މި މަޝްރޫޢުގެ ސަބަބުން ރަށުގައި ވަޒީފާގެ ފުރުޞަތުތަކާއި އާމްދަނީ އިތުރުވެ، އާއި ރަށުގެ އާއްމު ހާލަތުވެސް ރަނގަޅުވެގެންދާނެކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.