ގަވާއިދާ ޚިލާފަށް އުޅޭ ބިދޭސީން ދެނެގަތުމަށް މޯލްޑިވްސް އިމިގްރޭޝަނުން ފަށާފައިވާ މަސައްކަތުގެ ތެރެއިން އައްޑޫ ސިޓީގައި ކުރިއަށްގެންދިޔަ ރެއިޑް އޮޕަރޭޝަނެއްގައި 83 ބިދޭސީން އެ މުއައްސަސާގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.
އިމިގްރޭޝަނުން "އޮޕަރޭޝަން ހަމަ މަގު"ގެ ނަމުގައި މިއޮޕަރޭޝަން ކުރިއަށްގެންދިޔައީ ބުދަ ދުވަހުއެވެ. މި އޮޕަރޭޝަންގައި އިމިގްރޭޝަންގެ 25 އެއްހާ އޮފިސަރުންނާއި ދިވެހި ފުލުހުންގެ ޚިދުމަތުގެ 25 އެއްހާ އޮފިސަރުން ބައިވެރިވިއެވެ.
މޯލްޑިވްސް އިމިގްރޭޝަނުން އައްޑޫ ސިޓީގައި ކުރިއަށްގެންދިޔަ "އޮޕަރޭޝަން ހަމަ މަގު" ގައި އެ ސިޓީގެ ހުރިހާ އަވަށެއްވެސް ވަނީ ބަލާފައެވެ. މި އޮޕަރޭޝަންގައި ކޮންޓްރޯލަރ ޖެނެރަލް އޮފް އިމިގްރޭޝަން އަޙުމަދު ފަސީހާއި އެ އިދާރާގެ އިސްވެރިންވެސް ވަނީ ބައިވެރިވެވަޑައިގެންފައެވެ.
މި އޮޕަރޭޝަނާ ގުޅޭގޮތުން ޕީއެސްއެމް ނިއުސްއާ ވާހަކަދައްކަވަމުން ކޮންޓްރޯލަރ ޖެނެރަލް އޮފް އިމިގްރޭޝަން އަޙްމަދު ފަސީޙު ވިދާޅުވީ މި އޮޕަރޭޝަންގެ ތެރެއިން އަތޮޅުތަކުގައި ގަވާއިދާ ޚިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ ހައްލުކުުރުމަށް ބޮޑު ކުރިއެރުމެއް ލިބޭނެ ކަމަށެވެ. އަދި މިހާތަނަށް، ޤާނޫނީ އިމުގެ ތެެރެއިން ރާއްޖޭގައި ހަރަކާތްތެރިވުމަށް ބިދޭސީ މަސައްކަތްތެރިންނަށް އެކި ފަހަރު ފުރުޞަތުތައް ދެވިފައިވާ ކަމަށާއި އަދިވެސް ގިނަ ބަޔަކު ގަވާއިދާ ޚިލާފަށް އުޅެމުންދާކަން ފާހަގަކުރެވޭ ކަމަށް ކޮންޓްރޯލަރ ޖެނެރަލް ވިދާޅުވިއެވެ.
އިމިގްރޭޝަނުން ވިދާޅުވިގޮތުގައި މި އޮޕަރޭޝަނުގައި ޖުމްލަ 678 ބިދޭސީންގެ ލިޔެކިޔުންތައް ބަލައި އެ މީހުން ރާއްޖޭގައި އުޅެނީ ގަވާއިދާ އެއްގޮތައްތޯ ވަނީ ބަލާފައެވެ. މީގެ ތެރެއިން 83 މީހުން ގަވާއިދާ ޚިލާފަށް އުޅޭކަން ފާހަގަކުރެވިފައިވާ ކަމަށާއި އެ މީހުން މިހާރު އިމިގްރޭޝަނުގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށްވެސް އެ މުއައްސަސާއިން ވިދާޅުވިއެވެ.
އިމިގްރޭޝަނުން ކުރިއަށްގެންދާ އޮޕަރޭޝަންތަކުގެ މަޤުޞަދަކީ ރާއްޖޭގައި ގަވާއިދާ ޚިލާފަށް އުޅޭ ބިދޭސީންގެ މައްސަލައަށް އަވަސް ހައްލެއް ހޯދުމެވެ. އަދި ޢާންމު ސިއްޙަތަށް ނުރައްކާވާފަދަ ކަންކަން މަދުކޮށް ރައްޔިތުންނަށް ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކޮށްދީ، ގަވާއިދާ ޚިލާފަށް އުޅޭ ބިދޭސީންނާއި އެފަދަ ކަންކަމުގައި ޝާމިލުވާ މީހުންނަށް ފިޔަވަޅު އެޅުމަކީވެސް އޮޕަރޭޝަންތަކުގެ މަޤުޞަދެއްކަމަށް އިމިގްރޭޝަނުން ވިދާޅުވެއެވެ.
އެގޮތުން، އައްޑޫގައި ކުރިއަށްގެންދިޔަ އޮޕަރޭޝަނަށްފަހު ގަވާއިދާ ޚިލާފަށް އުޅޭ ބިދޭސީންނަށް ވަޒީފާ ދީގެން މަސައްކަތް ކުރުވާ 75 ފަރާތަކަށް ނޯޓިސް ދީފައިވާ ކަމަށްވެސް އިމިގްރޭޝަނުން ވިދާޅުވިއެވެ.
އިމިގްރޭޝަނުން ދަނީ ސައްޙަ ވިސާއެއްނެތި، ވިޔަފާރިތައް ހިންގުމުގައި އުޅޭ ބިދޭސީން ދެނެގަތުމަށްވެސް ޚާއްސަ އޮޕަރޭޝަންތަކެއް ކުރިއަށްގެންދަމުންނެވެ.
ގަވާއިދާ ޚިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ ހައްލުކުރުމަކީ އަދުގެ ސަރުކާރުން ފަށްޓަވާފައިވާ ވަރަށް ޚާއްސަ މަސައްކަތެކެވެ. ގަވާއިދާ ޚިލާފަށް އުޅޭ ބިދޭސީން ހޯދުމުގެ އިތުރުން، ގަވާއިދާ ޚިލާފަށް ބިދޭސީ މަސައްކަތްތެރިންނާ މެދު ޢަމަލުކުރާ ފަރާތްތަކަށްވެސް ފިޔަވަޅު އެޅުމުގެ މަސައްކަތް ސަރުކާރުން ދަނީ ކުރައްވަމުންނެވެ. އެގޮތުން، ރާއްޖޭގައި އުޅޭ ބިދޭސީންގެ މައުލޫމާތު އަދާހަމަކުރުމަށް "އޮޕަރޭޝަން ކުރަނގި" ގެ ނަމުގައި ޚާއްސަ އޮޕަރޭޝަނެއްވެސް ދާޚިލީ ސަލާމަތާއި ފަންނިއްޔާތާބެހޭ ވުޒާރާއިން ވަނީ ފައްޓަވާފައެވެ.