ފީފާ ކްލަބް ވޯލްޑް ކަޕްގެ ދެވަނަ ބުރުގެ ޖާގައެއް އިޓަލީގެ އިންޓަރ މިލާނުން ހޯދައިފި އެވެ.
އިންޓަރ މިލާނުން މި މުބާރާތުގެ ދެވަނަ ބުރުގެ ޖާގައެއް ހޯދާފައިވަނީ މެޗުގެ ފަހު 18 މިނިޓުގައި ޖެހި ދެ ލަނޑާއެކު 2-0 ގެ ނަތީޖާއަކުންނެވެ.
މި މެޗުން މޮޅުވުމާއިއެކު އިންޓަރ މިލާނަށް ވަނީ ގްރޫޕް އީ ގައި ކުޅުނު ތިން މެޗުން 7 ޕޮއިންޓާއެކު ގްރޫޕްގެ އެއްވަނަ މަގާމް ލިބިފަ އެވެ. މި މެޗުން ބަލިވި ރިވަރ ޕްލޭޓް އަށް ތިން މެޗުން ލިބުނު ހަތަރު ޕޮއިންޓާއެކު ތިންވަނައިގައި އޮވެ އެ ޓީމު ވަނީ މުބާރާތުން ކަޓާފަ އެވެ.
ލިމެން ފީލްޑް ގައި ސާޅީސް ފަސް ހާހަށްވުރެ ގިނަ މީހުންގެ ކުރިމަތީގައި ކުޅުނު މި މެޗުގެ ފުރަތަމަ ހާފުގައި އެއްވެސް ޓީމަކަށް ލަނޑެއް ކާމިޔާބު ކުރެވިފައިނުވާއިރު މި މެޗުގެ އޮއެވަރު ބަދަލުވެގެން ގޮސްފައިވަނީ މެޗުގެ 66 ވަނަ މިނިޓުގައި ރިވަރ ޕްލޭޓްގެ ލޫކަސް މާޓިނޭޒް އަށް ރެފްރީ ރަތް ކާޑު ދައްކާ ދަނޑުން ފޮނުވާލުމާއި އެކުގަ އެވެ.
ލޫކަސް އަށް ރެފްރީ ރަތް ކާޑު ދައްކާފައިވަނީ އިންޓަރ މިލާނުގެ ހެންރިކް މިޚްތާރިޔަން އަށް ގޯލު ޖަހަން ލިބުނު ހުސް ފުރުސަތަށް ހުރަސް އަޅާ ކުރި ފައުލަކާއި ގުޅިގެންނެވެ.
އެއް ކުޅުންތެރިއަކު މަދުކޮށް ރިވަރ ޕްލޭޓް އިން ކުޅެން ފެށިތާ ހަވަނަ މިނިޓުގައި އިންޓަރ މިލާނުގެ ޒުވާން ކުޅުންތެރިޔާ ފްރެންޗެސްކޯ އެސްޕޮސީޓޯ ވަނީ ލަނޑެއް ޖަހާ އެ ޓީމަށް ކުރި ހޯދަދީފަ އެވެ. މިއީ އޭނާ އެ ކްލަބަށް ކާމިޔާބުކޮށްދިން ފުރަތަމަ ލަނޑެވެ.
އަދި މެޗުގެ ފުރިހަމަ ވަގުތު ހަމަވެ އިތުރު ވަގުތުގެ ކުޅުމުގައި އަލެސަންދްރޯ ބަސްޓޯނީ ވަނީ އިތުރު ލަނޑެއް ޖަހާ މެޗުގެ ނަތީޖާ 2-0 އަށް ބަދަލުކޮށްފަ އެވެ. އިންޓަރ މިލާނުން ދެވަނަ ލަނޑެއް ޖެހިތާ ދެވަނަ މިނިޓުގައި ރިވަރ ޕްލޭޓްގެ މޮންޓިއެލް އަށް ރެފްރީ ވަނީ ދެވަނަ ރީނދޫ ކާޑަކާއެކު ރަތް ކާޑު ދައްކާ ދަނޑުން ފޮނުވާލާފަ އެވެ.
މި މެޗުން މޮޅުވެ ގްރޫޕްގެ އެއްވަނަ މަގާމު ހޯދުމާއިއެކު ދެވަނަ ބުރުގައި އިންޓަރ މިލާން އާއި ދެކޮޅަށް ކުޅޭނީ ބްރެޒިލްގެ ފްލުމިނެންސޭ އެވެ.