ޚަބަރު

އެމްއޭސީއެލުން ސެޓްފިކެޓް ލެވެލް 3ގެ އެއަރޕޯޓް ސެކިއުރިޓީ އެންޑް މެނޭޖްމަންޓް ކޯސް އިފްތިތާޙްކޮށްފި


  • ސީ.އީ.އޯ ވިދާޅުވީ އެސްޓޭޓް ސެކިއުރިޓީ ސާރވިސަސް އިން ކުރަމުންދަނީ މުހިންމު މަސައްކަތްތަކެއް

  • ޓެކްސީ ކިއުގެ މައްސަލަ ބޮޑުތަނުން ހައްލުވެގެން ދިޔައީ އެސްޓޭޓް ސެކިއުރިޓީގެ ބުރަ މަސައްކަތުން

މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑުން އޭވިއޭޝަން އިންސްޓިޓިއުޓް މޯލްޑިވްސްގެ ސެޓްފިކެޓް 3 އިން އެއަރޕޯޓް ސެކިއުރިޓީ އެންޑް މެނޭޖްމަންޓް ކޯސް ރަސްމީކޮށް އިފްތިތާޙްކޮށްފިއެވެ.

މި ކޯސް އިފްތިތާޙް ކުރުމަށް ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވާ އެމް.އޭ.ސީ.އެލްގެ ސީ.އީ.އޯ އަދި މެނޭޖިންގ ޑިރެކްޓަރ އިބްރާހިމް ޝަރީފް މުޙައްމަދު ވިދާޅުވީ، އެސްޓޭޓް ސެކިއުރިޓީ ސާރވިސަސް އިން ކުރަމުންދަނީ މުހިންމު މަސައްކަތްތަކެއް ކަމަށެވެ. އަދި ޓެކްސީ ކިއުގެ މައްސަލަ ބޮޑުތަނުން ހައްލުވެގެން ދިޔައީ އެސްޓޭޓް ސެކިއުރިޓީގެ ބުރަ މަސައްކަތުގެ ނަތީޖާއެއްގެ ގޮތުން ކަމަށާއި، މީގެ ސަބަބުން މުޅި އެއަރޕޯޓަށް ފަސޭހަތަކެއް ލިބިގެން ގޮސްފައިވާކަން ސީ.އީ.އޯ ޝަރީފް ފާހަގަކުރެއްވިއެވެ.

މީގެ އިތުރުން، އަޚްލާޤާއި، އިޙްތިރާމާއި ޤާބިލުކަން އެންމެ ފުރިހަމައަށް ފެންނަ އެއް ޑިޕާޓްމަންޓަކީ އީ.އެސް.އެސް ކަމަށާއި، މިއީ ދެވިފައިވާ ތަމްރީނުތަކުގެ ފުރިހަމަ ނަތީޖާއެއްކަން ޝަރީފް ފާހަގަކުރެއްވިއެވެ.

"އެމް.އޭ.ސީ.އެލްގެ ކޮންމެ މުވައްޒަފަކީ ވެސް ކަމަށް ކަމޭހިތާ، އެކަކު އަނެކަކަށް އިޙްތިރާމްކުރަން ދަންނަ ބަޔަކަށް ހެދުމަކީ އެމް.އޭ.ސީ.އެލްއިން އުފައްދާފައިވާ އޭވިއޭޝަން އިންސްޓިޓިއުޓްގެ އަމާޒެއް." އެމް.އޭ.ސީ.އެލްގެ ސީ.އީ.އޯ އަދި މެނޭޖިންގ ޑިރެކްޓަރ އިބްރާހިމް ޝަރީފް މުޙައްމަދު ވިދާޅުވިއެވެ.

މި ރަސްމިއްޔާތުގައި އެއިމްގެ ފަރާތުން ވާހަކަފުޅު ދައްކަވަމުން އެމް.އޭ.ސީ.އެލްގެ ޖެނެރަލް މެނޭޖަރ އާދަމް ނަސީރު ވިދާޅުވީ، މުސްތަޤްބަލުގައި މި އިންސްޓިޓިއުޓްގެ ފަރާތުން މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީ (އެމް.ކިއު.އޭ) އިން ޤަބޫލުކުރާ ޑިޕްލޮމާ ފެންވަރުގެ ކޯސްތައް ހިންގުމަށް ރާވާފައިވާ ކަމަށެވެ. އަދި ތަޢުލީމީ ގޮތުން އެމް.އޭ.ސީ.އެލްގެ މުވައްޒަފުންނަކީ ޤާބިލު ބަޔަކަށް ހެދުމުގެ ލަނޑުދަނޑި ހާސިލްކުރުމަށް ކުރިއަށް ދާނެ ކަމުގެ ޔަޤީންކަން ދެއްވިއެވެ.

މި ރަސްމިއްޔާތުގައި ސީ.އީ.އޯ ވަނީ އީ.އެސް.އެސްގެ އަހަރީ ކަލަންޑަރު ރަސްމީކޮށް އިފްތިތާޙުކޮށްދެއްވާފައެވެ. މީގެއިތުރުން، އެމް.ކިއު.އޭ ގެ އެޕްރޫވަލް ސެޓްފިކެޓް އޭވިއޭޝަން އިންސްޓިޓިއުޓް މޯލްޑިވްސްގެ ފަރާތުން ސީ.އީ.އޯ އިބްރާހިމް ޝަރީފަށް ވަނީ އަރުވާފައެވެ.