ޚަބަރު

ވީއޭއެމް ކަޕް: ފުރަތަމަ މެޗުގައި ހުރާ ކޮމިއުނިޓީ ކުލަބަށް ފަސޭހަ މޮޅެއް


ވޮލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް އިން އިންތިޒާމުކޮށްގެން ކުރިޔަށް ގެންދާ ވީއޭއެމް ކަޕް 2025 ގައި ރޭ ސްޕޯޓްސް ކުލަބު ސިޓީ (އެސްސީސީ) އާއި ހުރާ ކޮމިއުނިޓީ ކުލަބު (އެޗްސީސީ) ބައްދަލުކުރި މެޗު ސީދާ ތިން ސެޓުން ހުރާ ކޮމިއުނިޓީ ކުލަބުން ކާމިޔާބުކޮށްފިއެވެ.

މި މެޗުގެ ސެޓުތައް ހުރާ ކޮމިއުނިޓީ ކުލަބުން ގެންދިޔައީ 25-11، 25-17 އަދި 25-21 ންނެވެ.
މި މެޗުގެ ފުރަތަމަ ދެ ސެޓުވެސް ހުރާއަށް ފަސޭހަކަމާއެކު ކާމިޔާބު ކުރެވުނު ނަމަވެސް ތިން ވަނަ ސެޓުގައި ސްޕޯޓްސް ކުލަބު ސިޓީން ވަނީ ކުޅުން ރަނގަޅުކޮށްފައެވެ. އަދި ގާތްގާތުގައި ސްކޯ ކުރަމުން ގެންދިޔައެވެ. ވާދަވެރި ކުޅުމަކަށް ފަހު އެ ސެޓު ނިމިގެން ދިޔައީ އެންމެ ހަތަރު ޕޮއިންޓުގެ ތަފާތުންނެވެ. މި މެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވުނީ އެޗްސީސީގެ އިޝާން މުހައްމަދެވެ.

ވީއޭއެމް ކަޕުގައި ޖުމްލަ 8 ޓީމަކުން ވާދަކުރާނެއެވެ. ގްރޫޕް އޭ ގައި ހިމެނެނީ ކުލަބު އެޗްޑީސީ، ހުރާ ކޮމިއުނިޓީ ކުލަބު، ސްޕޯޓްސް ކުލަބު ސިޓީ އަދި ބުލޫސް ފޯރ ވޮލީބޯލްއެވެ. ގްރޫޕް ބީގައި ހިމެނެނީ ދިވެހި ސިފައިންގެ ކުލަބު، ދަނޑިމަގު ސްޕޯޓްސް އެންޑް ރެކްރިއޭޝަން ކުލަބު، ޕޮލިސް ކުލަބު އަދި ދަ ސަދާން ސްޕޯޓްސް ކުލަބެވެ.

މިމުބާރާތުގެ ކުޅުން ފުރަތަމަ ތިން ދުވަހު ތިންވަގުތެއްގައި ކުރިއަށްދާނެއެވެ. އެއީ މެންދުރުފަހު 03:00 އާއި، ހަވީރު 05:00ގެ އިތުރުން ރޭގަނޑު 08:30 ގައި އެވެ.