މެދުއިރުމަތީގައި ހިނގަމުންދާ ހަމަލާތަކުގެ ސަބަބުން ރާއްޖޭގެ ފަތުރުވެރިކަން ވަރަށް ގާތުން މޮނިޓަރކުރަމުންދާކަމަށް ފަތުރުވެރިކަމާއި ތިމާވެއްޓާ ބެހޭ ވަޒީރު ޠާރިޤު އިބްރާހީމް ވިދާޅުވެއްޖެއެވެ. ވަޒީރު މިހެން ވިދާޅުވީ އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ.
އީރާނުން ވަނީ ޤަޠަރާއި ޢިރާޤުގައި ހުންނަ އެމެރިކާގެ އަސްކަރީ މަރުކަޒުތަކަށް ޙަމަލާ ދީފައެވެ. މީގެ ސަބަބުން މެދު އިރުމަތީގެ ބައެއް ޤައުމުތަކުން ކުރަމުންއައި ދަތުރުތައް ވަނީ ވަގުތީގޮތުން މެދުކަނޑާލާފައެވެ.
ފަތުރުވެރިކަމާ ބެހޭ ވަޒީރު ޠާރިޤު އިބްރާހިމް ވިދާޅުވީ ކަމާގުޅުންހުރި ފަރާތްތަކާއި އަދި ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތުގައި ހަރަކާތްތެރިވާ ފަރާތްތަކާއި ގުޅިގެން ހާލަތު ވަރަށް ގާތުން ބަލައި މަސައްކަތްކުރަމުން އަންނަކަމަށެވެ.
We are working closely with all relevant stakeholders, including our partners across the tourism industry, to monitor the developing situation in the Middle East.
— Thoriq Ibrahim (@Thoriqibrahim) June 23, 2025
Our thoughts are with those who are impacted and our priority is to safeguard the seamless operation of our tourism…
ފަތުރުވެރިންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކޮށްދޭނެކަމަށް ފަތުރުވެރިކަމާ ބެހޭ ވަޒީރު ވަނީ ވިދާޅުވެފައެވެ. މެދުއިރުމައްޗަކީ ރާއްޖެއަށް ގިނަ އަދަދަކަށް ފަތުރުވެރިން އަންނަ ސަރަހައްދެކެވެ. އަހަރުގެ ފުރަތަމަ 5 މަސްދުވަހު ރާއްޖެއަށް 28،640 ފަތުރުވެރިން ވަނީ ޒިޔާރަތްކޮށްފައެވެ. މިދިޔަ އަހަރުގެ މި މުއްދަތުގައި ރާއްޖެ އައިސްފައިވަނީ 27،742 ފަތުރުވެރިންނެވެ. އެހެންކަމުން މިއަހަރުގެ ފުރަތަމަ 5 މަސްދުވަހު މެދުއިރުމަތީގެ ޤައުމުތަކުން ރާއްޖެއަށް އައި ފަތުރުވެރިންގެ އަދަދު ވަނީ %3.2 އިތުރުވެފައެވެ.
ޔަހޫދީ ޒަޔަނިސްޓް ދައުލަތުން މިދިޔަ ހަފުތާގައި އީރާނަށް ދޭން ފެށި ހަމަލާތަކާއެކު މެދުއިރުމަތީގެ މަޝްރަހު ވަނީ ވަރަށް ބޮޑަށް ހޫނުވެފައެވެ. އެ ހަމަލާތަކުގެ ރައްދުގައި އީރާނުން ޔަހޫދީންނަށް ހަމަލާދޭން ފެށުމުން މިހަފުތާގައި ޔަހޫދީންގެ އެންމެ ބޮޑު މަދަދުގާރު، އެމެރިކާއިންވެސް ވަނީ އީރާނަށް ހަމަލާތައް ދީފައެވެ.
އެމެރިކާއިން އީރާނަށް ދިން ހަމަލާތަކާއެކު ބަދަލު ހިފުމުގެ ގޮތުން އީރާނުން ވަނީ ޤަތަރުގައި ހުންނަ އެމެރިކާގެ މިލިޓަރީ ބޭސްއަކަށް ހަމަލާދީފައެވެ. މި ހަމަލާތަކާއެކު ޤަތަރުންނާއި މެދުއިރުމަތީގެ ބައެއް ޤައުމުތަކުގެ ވައިގެ ސަރަހައްދުތައް ބަންދުކުރިއެވެ.