މެދުއިރުމަތީގައި ދިރިއުޅޭ ދިވެހީންގެ ހާލަތު ވަރަށް ގާތުން ބައްލަވަމުންދާ ކަމަށް ޚާރިޖީ ވަޒީރު ޑރ. ޢަބްދުﷲ ޚަލީލް ވިދާޅުވެއްޖެއެވެ.
ވަޒީރު މިހެން ވިދާޅުވީ މެދުއިރުމަތީގައި މިހާރު ހިނގަމުންދާ ހަމަނުޖެހުންތަކާ ގުޅިގެން ސޯޝަލް މީޑިއާގައި ހިއްސާ ކުރެއްވި ޕޯސްޓެއްގައެވެ.
ޔަހޫދީ ޒަޔަނިސްޓް ދައުލަތުން މިދިޔަ ހަފުތާގައި އީރާނަށް ދޭން ފެށި ހަމަލާތަކާއެކު މެދުއިރުމަތީގެ މަޝްރަހު ވަނީ ވަރަށް ބޮޑަށް ހޫނުވެފައެވެ. އެ ހަމަލާތަކުގެ ރައްދުގައި އީރާނުން ޔަހޫދީންނަށް ހަމަލާދޭން ފެށުމުން މިހަފުތާގައި ޔަހޫދީންގެ އެންމެ ބޮޑު މަދަދުގާރު، އެމެރިކާއިންވެސް ވަނީ އީރާނަށް ހަމަލާތައް ދީފައެވެ.
އެމެރިކާއިން އީރާނަށް ދިން ހަމަލާތަކާއެކު ބަދަލު ހިފުމުގެ ގޮތުން އީރާނުން ވަނީ ޤަތަރުގައި ހުންނަ އެމެރިކާގެ މިލިޓަރީ ބޭސްއަކަށް ހަމަލާދީފައެވެ. މި ހަމަލާތަކާއެކު ޤަތަރުންނާއި މެދުއިރުމަތީގެ ބައެއް ޤައުމުތަކުގެ ވައިގެ ސަރަހައްދުތައް ބަންދުކުރިއެވެ.
މިކަމާ ގުޅިގެން ސޯޝަލް މީޑިއާގައި ހިއްސާ ކުރެއްވި ޕޯސްޓެއްގައި ޚާރިޖީ ވަޒީރު ވިދާޅުވީ މެދުއިރުމަތީގެ މަސްރަހު ހޫނުވެފައިވާ މިދަނޑިވަޅުގައި، އެ ސަރަޙައްދުގެ ޤައުމުތަކުގައި ދިރިއުޅޭ ދިވެހިންގެ ހާލަތު އެ ވުޒާރާއިންނާއި މިޝަންތަކުން ވަރަށްގާތުން ބައްލަވަމުންދާ ކަމަށެވެ. އަދި އެ ޤައުމުތަކުގައި ދިރިއުޅޭ އަދި މިވަގުތު އެ ޤައުމުތަކަށް ޒިޔާރަތްކުރާ ދިވެހިން މިކަމަށް ޚާއްސަ ސަމާލުކަމެއް ދިނުމަށް ވަޒީރު ވަނީ އިލްތިމާާސްކުރައްވާފައެވެ.
މެދުއިރުމަތީގެ މަސްރަހު ހޫނުވެފައިވާ މިދަނޑިވަޅުގައި، އެ ސަރަޙައްދުގެ ޤައުމުތަކުގައި ދިރިއުޅޭ ދިވެހިންގެ ހާލަތު މިނިސްޓްރީން އަދި މިޝަންތަކުން މިދަނީ ވަރަށްގާތުން ބަލަމުން. މިވަގުތު މި ސަރަޙައްދުގެ ބައެއް ޤައުމުތަކުގެ ވައިގެ ސަރަހައްދު ބަންދުކޮށްފައިވުމާއެކު، މިޤައުމުތަކުގައި…
— Abdulla Khaleel (@abkhaleel) June 24, 2025
މީގެ އިތުރުން ހަމަނުޖެހުން އުފެދިފައިވާ ޤައުމުތަކާއި ވައިގެ ސަރަހައްދު ބަންދުކުރާ ޤައުމުތަކުގެ ސަރުކާރުން ދެއްވާ އިރުޝާދާއި އެއްގޮތަށް އަމަލުކުރުމަށްވެސް ވަޒީރު އިލްތިމާސްކުރެއްވިއެވެ.
އީރާނުން ޤަތަރުގައި ހުންނަ އެމެރިކާގެ މިލިޓަރީ ބޭސްއަށް ދިން ހަމަލައާ ގުޅިގެން މެދުއިރުމަތީގެ ބައެއް ޤައުމުތަކުން ވައިގެ ސަރަހައްދު ބަންދު ކުރި ނަމަވެސް މިހާރު ވަނީ ހުޅުވާލާފައެވެ.