ޚަބަރު

5000 މީޓަރު ދުވުމުން ރަން މެޑެލް ޖަލާލުއްދީން ސްކޫލުގެ ޝައިހާނަށް


ހދ. ކުޅުދުއްފުށި ސިޓީގައި ކުރިއަށްދާ އިންޓަރ ސްކޫލް އެތުލެޓިކްސް މީޓް 2025 ގެ 20 އަހަރުން ދަށުގެ 5000 މީޓަރު ދުވުމުގެ ފިރިހެން ކެޓެގަރީން ރަން މެޑެލް ޖަލާލުއްދީން ސްކޫލްގެ އިބްރާހީމް ޝައިހާން ހޯދައިފިއެވެ.

ޝައިހާން މި އިވެންޓުގެ ރަން މެޑަލް ހޯދީ 25 މިނެޓު 16.47 ސިކުންތުން ރޭސް ނިންމައިގެންނެވެ.

މި އިވެންޓުގެ ރިހި މެޑަލް ހޯދީ މިލަންދޫ ސުކޫލުގެ މުހައްމަދު ޝުޖުއާން ހަސަންއެވެ. އޭނާ ރޭސް ނިންމީ 25 މިނެޓު 17.34 ސިކުންތުންނެވެ. މި އިވެންޓުން ލޯ މެޑަލް ހޯދީ މިލަންދޫ ސުކޫލުގެ އިބްރާހިމް މިފްސަލްއެވެ. އޭނާ ރޭސް ނިންމީ 25 މިނެޓު 58.61 ސިކުންތުންނެވެ.

17 އަހަރުން ދަށުގެ 800 މީޓަރު ދުވުމުގެ އަންހެން ކެޓަގަރީގެ ރަން މެޑަލް ހޯދީ އަފީފުއްދީން ސުކޫލުގެ މަރިޔަމް އަރްޝާ މޫސާއެވެ. އޭނާ ރޭސް ނިންމީ ތިން މިނެޓު 0.72 ސިކުންތުންނެވެ.

މި އިވެންޓުން ރިހި މެޑަލް ހޯދީ ތިން މިނެޓު 14.07 ރޭސް ނިންމައިގެން ނޮޅިވަރަމްފަރު ސުކޫލުގެ މަރިޔަމް މާޔާ އާދަމްއެވެ. ލޯ މެޑަލް ހޯދީ ތިން މިނެޓު 25.44 ސިކުންތުން ރޭސް ނިންމައިގެން ޖަލާލުއްދީން ސުކޫލުގެ އަފާފު އަބޫބަކުރު އަލީއެވެ.

17 އަހަރުން ދަށުގެ 800 މީޓަރު ދުވުމުގެ ފިރިހެން ކެޓަގަރީން ރަން މެޑަލް ހޯދީ ހދ. އަތޮޅު ތައުލީމީ މަރުކަޒުގެ އަލީ އައިޝާން އަބްދުލްވައްހާބެވެ. އޭނާ ރޭސް ނިންމީ ދެ މިނެޓު 21.96 ސިކުންތުންނެވެ.

މި އިވެންޓުގެ ރިހި މެޑަލް ހޯދީ ޖަލާލުއްދީނު ސުކޫލްގެ މުހައްމަދު ޝަޔާން އިބްރާހިމްއެވެ. އޭނާ ރޭސް ނިންމީ ދެ މިނެޓު 25.78 ސިކުންތުންނެވެ. މި އިވެންޓުގެ ލޯ މެޑަލް ހޯދީ މިލަންދޫ ސުކޫލުގެ މުހައްމަދު ޔާމީން އަލީ ފުވާދެވެ. އޭނާ ރޭސް ނިންމީ ދެ މިނެޓު 32.45 ސިކުންތުންނެވެ.