ކުޅިވަރަކީ އެއްބައިވަންތަކަމާއި، ގަދަ ހިތްވަރާއި، ކާމިޔާބަށް މަސައްކަތްކުރަން ދަސްކޮށްދޭ މުހިންމު ހުނަރެއް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް މިހެން ވިދާޅުވީ ކުޅިވަރަށް ލޯބިކުރައްވާ އަދި ކުޅިވަރުގެ ދާއިރާގައި ޚިދުމަތްކުރައްވާ ހުރިހާ ބޭފުޅުންނަށް އޮލިމްޕިކް ދުވަހުގެ ތަހުނިޔާ ދަންނަވާ ސޯޝަލް މީޑިއާގައި ކުރެެއްވި ޕޯސްޓެއްގައެވެ.
މިއަދު ފާހަގަކުރާ ދުނިޔޭގެ އޮލިމްޕިކް ދުވަހުގެ ޝިއާރަކީ "ލެޓްސް މޫވް ޓުގެދާ ފޯ ހެލްތު" އެވެ. އޮލިމްޕިކް ދުވަސް 2025 ގެ ޝިއާރު ބާރުއަޅަނީ ދުނިޔޭގެ މުޖުތަމައުތައް އެއްތަންވެ، އެކުވެރިކަމާއެކު އެއް ރޫހެއްގައި ހަރަކާތްތެރިވެ އުޅުމަށެވެ. ރާއްޖޭން އިންޓަނޭޝަނަލް އޮލިމްޕިކް ކޮމިޓީގެ މެންބަރަށްވީ 1985 ވަނަ އަހަރެވެ.
ރާއްޖެއިން ފުރަތަމަ ފަހަރަށް އޮލިމްޕިކް ގޭމްސްގައި ބައިވެރިވީ 1988 ވަނަ އަހަރު ސޮއުލްގައި ބޭއްވި ސަމާ އޮލިމްޕިކް ގޭމްސްގައެވެ.
ކޮންމެ އަހަރެއްގެ ޖޫން މަހުގެ 23 ގައި އޮލިމްޕިކް ދުވަސް ފާހަގަކުރަނީ 1894 ވަނަ އަހަރު އޮލިމްޕިކް ގޭމްސް އުފެއްދި ދުވަހުގެ ހަނދާނުގައެވެ.
މިއީ ޒަމާނީ އޮލިމްޕިކް ގޭމްސް ތައާރަފުކުރި ދުވަހާއި ގުޅުވައިގެން ބައިނަލްއަގްވާމީ ފެންވަރުގައި ފާހަގަކުރާ ދުވަހެކެވެ. އިންޓަނޭޝަނަލް އޮލިމްޕިކް ކޮމިޓީ (އައިއޯސީ) އިން އެންމެ ފުރަތަމަ އޮލިމްޕިކް ދުވަހެއް ފާހަގަކުރީ 1896 ވަނަ އަހަރެވެ. އެއީ 14 ގައުމަކުން 241 އެތުލީޓުން 43 އިވެންޓްގައި ބައިވެރިވިދުވަހެވެ. އެއަހަރު އޮލިމްޕިކް ގޭމްސް ބޭއްވީ ގްރީސްގެ އެތެންސްގައެވެ.
އައިއޯސީ އުފަންވެ އެންމެ 9 މެންބަރު ގައުމާއެކު ފެށި އޮލިމްޕިކް މޫވްމެންޓް ފުޅާވެ މިހާރު އޮލިމްޕިކް މޫވްމެންޓަކީ މުޅި ދުނިޔެ ޝަމިލްވާ ހަރަކާތެކެވެ.
އައިއޯސީ އާއި ދުނިޔޭގެ ސިއްހަތު ޖަމްއިއްޔާއިން މިއަހަރުގެ އޮލިމްޕިކް ދުވަހަށް ކަނޑައެޅި ތީމު، ހަރަކާތްތެރިވަމާގެ މަގްސަދަކީ ހަރަކާތްތެރިކަން ކުޑަވުމާއި ދެކޮޅަށް މަސައްކަތްކޮށް ހަރަކާތްތެރިވުމަށް އެންމެންނަށް ބާރު އެޅުމެވެ.
މި ތީމު ބާރުއަޅަނީ ޖިސްމާނީ ހަރަކާތްތަކަށް އުފާވެރި މާހައުލެއްގައި ފަހި ފުރުސަތުތައް އެންމެންނަށް ލިބޭ މިންވަރު އިތުރުކޮށްދިނުމަށެވެ.