ފީފާ ކުލަބު ވޯލްޑް ކަޕުގައި ރޭ މެކްސިކޯގެ ޕަޗޫކާއާ ދެކޮޅަށް 10 ކުޅުންތެރިންނާއެކު ކުޅެ 3-1 ގެ ނަތީޖާއަކުން ރެއާލް މެޑްރިޑް މޮޅުވެއްޖެއެވެ.
މި މެޗުން ރެއާލް މެޑްރިޑް މޮޅުވުމާއިއެކު އެ ޓީމަށް ވަނީ ގްރޫޕް އެޗް ގައި މިހާތަނަށް ކުޅުނު ދެ މެޗުން ލިބުނު ހަތަރު ޕޮއިންޓާއެކު ގްރޫޕުގެ އެއްވަނަ މަގާމް ލިބިފަ އެވެ. ދެވަނައި އޮތް ރެޑްބުލް ސަލްޒްބަރގް އަށް ތިން ޕޮއިންޓް ލިބިފައިވާއިރު އަލް ހިލާލް އާއި ދެކޮޅަށް އެ ޓީމު މިއަދު ކުޅޭ މެޗުން މޮޅުވެއްޖެނަމަ އެ ޓީމަށް އެއްވަނަ މަގާމް ލިބޭނެ އެވެ.
ޗާލޮޓްގެ ބޭންކް އޮފް އެމެރިކާ ސްޓޭޑިއަމްގައި ހަތްދިހަ ހާހަށްވުރެ ގިނަ މީހުންގެ ކުރިމަތީގައި ކުޅުނު މި މެޗުގެ ހަތްވަނަ މިނިޓުގައި ޕަޗޫކާގެ ސަލޮމޮން ރޮންޑޮން އަށް ފައުލް ކުރުމާއި ގުޅިގެން ރެއާލް މެޑްރިޑްގެ ރައުލް އަސެންސިއޯ އަށް ރެފްރީ ވަނީ ރަތް ކާޑު ދައްކާ ދަނޑުން ފޮނުވާލާފަ އެވެ.
މި މެޗުގައި ރެއާލް މެޑްރިޑަށް ލީޑު ނަގައިދީ ފައިވަނީ މެޗުގެ 35 ވަނަ މިނިޓުގައި ޖޫޑް ބެލިންހަމް ކާމިޔާބުކޮށްދިން ލަނޑުންނެވެ.
ރެއާލް މެޑްރިޑް އިން ލަނޑު ޖެހުމުގެ ކުރިން ޕަޗޫކާއިން ވަނީ ރަގަޅު ކުޅުމެއް ދައްކާ ރެއާލް މެޑްރިޑްގެ ގޯލަށް ނުރައްކާތެރި ގިނަ ހަމަލަތަކެއް ދައްކާފަ އެވެ. އަދި ޕަޗޫކާ އިން ޕެނަލްޓީ އަކަށް އެޕީލް ކުރި ނަމަވެސް ވީޑިއޯ އެސިސްޓެންޓް ރެފްރީ ވަނީ ޕެނަލްޓީއެއް ދޭން ނުޖެހޭކަމަށް ނިންމާފަ އެވެ.
މެޗުގެ ފުރަތަމަ ހާފުގެ ކުޅުން ނިމެން ދެ މިނިޓަށް ވެފައިވަނިކޮށް އާދާ ގުލާރ ވަނީ އިތުރު ލަނޑެއް ޖަހާ ދެ ޓީމުގެ ދެމެދުގައިވާ ފަރަގު ބޮޑުކޮށްފަ އެވެ.
ރެއާލް މެޑްރިޑް އިން މި މެޗުގައި ޖެހި ތިންވަނަ ލަނޑު މެޗުގެ 70 ވަނަ މިނިޓުގައި އެ ޓީމަށް ކާމިޔާބު ކޮށްދީފައިވަނީ ފެޑެރީކޯ ވަލްވާޑް އެވެ.
އަދި އޭގެ ދިހަ މިނިޓު ފަހުން ޕަޗޫކާގެ އެލިއަސް މޮންޓިއެލް ވަނީ ލަނޑެއް ޖަހާ މެޗުގެ ނަތީޖާ 3-1 އަށް ބަދަލުކޮށްފަ އެވެ.
ޕަޗޫކާ އާއި ދެކޮޅަށް ރެއާލް މެޑްރިޑް ކުޅުނު މެޗުގައިވެސް އެ ޓީމުގެ ފޯވަޑް ކިލިއަން އެމްބާޕޭ ކުޅެފައެއް ނުވެއެވެ. އެޕްބާޕޭ އަށް ފުރަތަމަ ގަދަ ހުމަކާއި ކުރިމަތިލާން ޖެހުނު ނަމަވެސް ފަހުން އޭނާއަށް ވަނީ ގޭސްޓްރިކްގެ ދަތިތަކާއިހުރެ އެޑްމިޓްކޮށް ހޮސްޕިޓަލުގައި ފަރުވާ ދީފަ އެވެ.