ޙައްޖާއި އުމްރާގެ މައުލޫމާތު ދިނުމަށް އިސްލާމީ ކަންތައްތަކާބެހޭ ވުޒާރާއިން ޚާއްސަ އެޕެއް ތައާރަފުކޮށްފިއެވެ.
އިސްލާމީ ކަންތައްތަކާބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު މީޑިއާތަކާ ޙިއްސާ ކުރެއްވި މެސެޖެއްގައި ވިދާޅުވީ "ޙާޖީ އެމްވީ"ގެ ނަމުގައި ތައާރަފުކޮށްފައިވާ މި އެޕްލިކޭޝަން ފަސޭހައިން ޙައްޖާއި ޢުމްރާއާ ބެހޭ މަޢުލޫމާތު ލިބިގަތުމަށް އެކުލަވާލާފައިވާ އެޕެއް ކަމަށެވެ. މި އެޕް ލޯންޗުކޮށްދެއްވީ އިސްލާމީކަންތައްތަކާ ބެހޭ ވުޒާރާގެ ސްޓޭޓް މިނިސްޓަރ ޑރ. މޫސާ އަންވަރު ޙަސަންއެވެ.
މި އެޕްލިކޭޝަނުގައި ޒިކުރުކުރުމާއި ޠަވާފާއި ސަޢުޔުގެ އަދަދު ކަށަވަރު ކުރާނެގޮތާއި ޤުރުއާނާއި ސުންނަތުން ސާބިތުވާ ދުޢާތަކާއި ޙައްޖާއި ޢުމްރާއާ ގުޅޭ މައުލޫމާތު ހިމެނޭ ވީޑިއޯގެ އިތުރުން މައްކާއާއި މަދީނާގެ އިސްލާމީ ތާރީޚާ ބެހޭ ވީޑިއޯ ވެސް ބެލެން ހުންނާނެ ކަމަށް ވަޒީރު ވިދާޅުވީއެވެ.
މި އެޕްގެ ފުރަތަމަ ވާރޝަންކަން ފާހަގަކުރައްވަމުން ވަޒީރު ޑރ. ޝަހީމް ވިދާޅުވީ ކުރިއަށް އޮތްތަނުގައި އެޕް އިތުރަށް ތަރައްޤީކުރެވޭނެ ކަމަށެވެ. އެގޮތުން، އެ ވުޒާރާގެ އަމާޒަކީ ޙައްޖާއި ޢުމްރާގެ އަޅުކަން އަދާކުރުމަށް ފަސޭހަކުރުން ކަމަށްވެސް ވިދާޅުވިއެވެ.
"ޙާޖީ އެމްވީ"ގައި ހިމެނޭ ހުރިހާ މައުލޫމާތަކީ އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ފާސްކޮށްފައިވާ މައުލޫމާތުކަމަށްވެސް ވަޒީރު ވިދާޅުވިއެވެ. އަދި މި އެޕްގެ ސަބަބުން ދުއާފޮތްތަކާއި ހައްޖާއި އުމްރާއާއި ބެހޭ ފޮތްތަކާ ނުލައި، ފޯނުން އެދާއިރާއާ ގުޅޭ މައުލޫމާތު ޙާޞިލްކުރެވޭނެ ކަމަށްވެސް އިސްލާމީ ކަންތައްތަކާބެހޭ ވަޒީރު ވިދާޅުވިއެވެ.