ޚަބަރު

ޞިއްޙީ ދާއިރާގެ ކުރިއެރުމަށް މެރކް ފައުންޑޭޝަނާއެކު ގުޅިގެން މަސައްކަތްކުރަން ބޭނުން: މެޑަމް ސާޖިދާ


  • ފަސްޓް ލޭޑީސް އިނިޝިއޭޓިވްގެ 7 ވަނަ ބައްދަލުވުމުގައި ރައީސްގެ އަނބިކަނބަލުން ބައިވެރިވެވަޑައިގެންނެވި

ޞިއްޙީ ދާއިރާގެ ކުރިއެރުމަށް މެރކް ފައުންޑޭޝަނާއެކު ގުޅިގެން މަސައްކަތްކުރަން ޝަޢުގުވެރިވާކަމަށް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު ވިދާޅުވެއްޖެއެވެ.

އެކަމަނާ މިފަދައިން ވިދާޅުވީ، މެރކް ފައުންޑޭޝަންގެ ފަސްޓް ލޭޑީސް އިނިޝިއޭޓިވްގެ 7 ވަނަ ސަމިޓުގައި ބައިވެރިވެވަޑައިގަތުމަށް ދުބާއީއަށް ކުރެއްވި ދަތުރުފުޅާގުޅޭގޮތުން ސޯސަލް މީޑީއާގައި ހިއްސާކުރެއްވި ޕޯސްޓެއްގައެވެ.

ރައީސްގެ އަނބިކަނބަލުން މެޑަމް ސާޖިދާގެ ޕޯސްޓުގައި މެރކް ފައުންޑޭޝަންގެ ފަސްޓް ލޭޑީސް އިނިޝިއޭޓިވްގެ 7 ވަނަ ސަމިޓުގައި ޚާއްސަ މެހެމާނެއްގެގޮތުގައި ބައިވެރިވެވަޑައިގަތުމަކީ އެކަމަނާއަށް ލިބިވަޑައިގެންނެވި ޝަރަފެއްކަމަށް ވިދާޅުވިއެވެ. އަދި މި ދަތުރުފުޅުގެ ތެރެއިން މެރކް ފައުންޑޭޝަން ބޯޑް އޮފް ޓްރަސްޓީސްގެ ޗެއަރމަން ޕްރޮފެސަރ ޑޮކްޓަރ ފްރޭންކް ސްޓެންގަންބާގް-ހެވަރކޭމްޕްއަށާއި، އެ ފައުންޑޭޝަންގެ ސީއީއޯ ސެނެޓަރ ޑރ. ރަޝާ ކެލެޖްގެ ފަރާތުން އަދާކުރެއްވި މެހެންމާންދާރީއާއި ބެހެއްޓެވި ގާތްކަމަށްޓަކާ އެކަމަނާ ވަނީ ޝުކުރު އަދާކުރައްވާފައެވެ.

މެޑަމް ސާޖިދާގެ ޕޯސްޓުގައި ޚާއްޞަކޮށް ޞިއްޙީ ދާއިރާގައި މިހާރު ހުރި އިޖުތިމާޢީ ގޮންޖެހުންތަކުން އަރައިގަތުމަށް މެރކް ފައުންޑޭޝަނާ ގުޅިގެން ކުރިއަށް ގެންދިއުމަށް ބޭނުންފުޅުވާކަން ވަނީ ފާހަގަކުރައްވާފައެވެ.


މި މަހުގެ 18 އިން 19 އަށް ކުރިއަށްދިޔަ މި ސަމިޓުގެ އިފްތިތާޙީ ސެޝަން އަދި ކޮމިޓީ ބައްދަލުވުމުގައި އެކަމަނާ ބައިވެރިވެވަޑައިގެން، ވަނީ ވާހަަކަފުޅު ދައްކަވާފައެވެ.

އެ ކަމަނާގެ ވާހަކަފުޅުގައި، ދިވެހިރާއްޖޭގައި އަގުހެޔޮ، އަދި ފެންވަރު ރަނގަޅު ޞިއްޙީ ޚިދުމަތް ލިބޭނެ މަގުތައް ފަހި ކުރުމަށް ކުރަމުންދާ މަސައްކަތްތައް ފާހަގަކުރައްވައި، ރާއްޖޭގެ ޞިއްޙީ ދާއިރާގެ ޚިދުމަތްތައް ރަނގަޅު ކުރުމަށް ދިގުމުއްދަތުގެ ފަންނީ، ގުޅުންތައް ދެމެހެއްޓުމުގެ ޝައުޤުވެރިކަންވެސް ފާޅުކުރެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުންގެ ވާހަކަފުޅުގައި، މުޖުތަމަޢުގެ ހޭލުންތެރިކަން އިތުރުކުރުމާއި، ކެންސަރު ސްކްރީނިންގްއާއި، ނަފްސާނީ ޞިއްޙަތާއި ގުޅުންހުރި ޚިދުމަތްތައް ރަނގަޅުކުރުމުގެ އިތުރުން، ޞިއްޙީ ދާއިރާގައި އަންހެނުންގެ އިސްނެގުން އިތުރުކުރުމަށް އެހީތެރިވުމުގެ މައްޗަށްވެސް އަލިއަޅުއްވާލައްވާފައިވެއެވެ.

މިއަހަރުގެ ސަމިޓުގައި އެފްރިކާ އަދި އޭޝިޔާ ބައްރުގެ 14 ޤައުމެއްގެ ފަސްޓް ލޭޑީސް ބައިވެރިވެވަޑައިގެންނެވިއެވެ. ދަރިމައިވުމުގެ ސިއްޙަތާ ގުޅުންހުރި ތަޢައްޞަބުތައް ނައްތާލުމާއި، އަންހެންކުދީންނަށް ތަޢުލީމުދިނުމަށް އެއްބާރުލުންދިނުމާއި، އަންހެނުން ބާރުވެރިކުރުމާއި، ޞިއްޙީ ދާއިރާގެ މާހިރުން ލިބުމުގައި ހުރި ދަތިކަން ފޫބެއްދުމަށްޓަކައި، އެ ދާއިރާއިން ޤާބިލުކަން އިތުރުކުރުމުގެ މައްޗަށް މި ސަމިޓުގައި މަޝްވަރާކުރެވިފައިވެއެވެ.