ޚަބަރު

ފިރިހެން ދަރިވަރުންގެ ނަތީޖާ ދަށްވާން ދިމާވާ ސަބަބުތައް ދެނެގަންނަނީ


  • މިއަހަރުގެ ތެރޭގައި އެސެސްމަންޓެއް ކުރިއަށްގެންދިޔުމަށް ނިންމަވާފައިވާކަން ވަޒީރު ވިދާޅުވި

  • އެސެސްމަންޓްގެ އަލީގައި އެކަށީގެންވާ ފިޔަވަޅު އަޅާނެކަމަށް ވިދާޅުވި

އިމްތިޙާނުތަކުން ފިރިހެން ދަރިވަރުންގެ ނަތީޖާ ދަށްވާން ދިމާވާ ސަބަބުތައް ދެނެގަތުމަށް މިއަހަރުގެ ތެރޭގައި ރެޕިޑް އެސެސްމަންޓެއް ހެދުމަށް ނިންމާފައިވާކަމަށް ތަޢުލީމީ ވަޒީރު ޑރ. އިސްމާޢީލް ޝަފީޢު ވިދާޅުވެއްޖެއެވެ.

ވަޒީރު މިފަދައިން ވިދާޅުވީ މަތީއަރުތަވެރިންގެ އިނާމުގެ ދިނުމުގެ 2 ވަނަ ދަންފަޅީގައި ވާހަކަފުޅުދައްކަވަމުންނެވެ.

ތަޢުލީމީ ވަޒީރު ޑރ. އިސްމާޢީލް ޝަފީޢު ވަނީ އިމްތިޙާނުތަކުން ފާސްވާ ދަރިވަރުންނާއި ދެ ޖިންސުގެ ދަރިވަރުންގެ ފާސްވާ އިންސައްތަ ތަކުގެ ތަފާސްހިސާބުތައް ހިއްސާކުރައްވާފައެވެ.

އެގޮތުން މިހާރު އޭލެވެލްއަށް ކިޔަވަމުންދާ ދަރިވަރުންނާއެކު އޯލެވެލް އިމްތިޙާނު ފުރިހަމަކުރި 7672 ދަރިވަރުންގެ ތެރެއިން ފާސްވެފައިވަނީ %46 ދަރިވަރުންކަމަށް ވަޒީރު ވިދާޅުވިއެވެ. އަދި ފާސްވި ދަރިވަރުންގެ ތެރެއިން ގިނައީ އަންހެން ދަރިވަރުންކަން ވަޒީރު ފާހަގަކުރެއްވިއެވެ. އެގޮތުން އޯލެވެލް އިމްތިޙާނު 3804 ފިރިހެން ދަރިވަރުން ހެދިއިރު އޭގެ ތެރެއިން ފާސްވެފައިވަނީ %44 ފިރިހެން ދަރިވަރުންކަމަށާއި 3868 އަންހެން ދަރިވަރުން އިމްތިޙާނު ހެދިއިރު، ފާސްވި އިންސައްތައަކީ %56 ކަމަށް ވަޒީރު ވިދާޅުވިއެވެ.

ތަޢުލީމީ ވަޒީރު ވިދާޅުވީ އޭލެވެލް އިމްތިޙާނު ހެދި ދަރިވަރުންގެ ތެރެއިން ފާސްވެފައިވަނީ %46 ފިރިހެން ދަރިވަރުންނާއި %54 އަންހެން ދަރިވަރުންކަމަށެވެ. އެހެންކަމުން އިމްތިޙާނުތަކުން ފާސްވާ ދަރިވަރުންގެ ޖިންސުގެ ގޮތުން ބޮޑު ފަރަގެއް އޮތްކަން ފާހަގަކުރެވޭކަމަށް ވަޒީރު ވިދާޅުވިއެވެ.

"1980 ގެ ރިކޯޑްސްތަކަށް ބަލާއިރު އާބާދީގެ ގާތްގަޑަކަށް %60 އަންހެނުންނަކަށް ލިޔަން ކިޔާކަށް ނޭގެ. އެހެންނަމަވެސް ރާއްޖެ ހޯދި ކާމިޔާބީއަކީ، މިހާރުގެ ހާލަތަށް ބަލާއިރު ރާއްޖޭގެ ލިޔަންކިޔަން ދަންނަ ނިސްބަތް %100 އާ ހަމައަށް ގާތްވެފައިވާއިރު، ސެކަންޑަރީ ސްކޫލް ނިންމާ ހިސާބުގައި ގެޕް އަންނަން ފަށައިފިނަމަ މުސްތަޤުބަލުގައި ގޮންޖެހުންތައް ހުންނާނެ. އެހެންވީމަ ފިރިހެން ކުދިންގެ ނަތީޖާ މިހާރަށްވުރެ ރަނގަޅުކޮށް އަންހެން ކުދިންނާއި އެއްހަމައަކަށް ގެނައުމަށް މިނިސްޓްރީން މަސައްކަތްތަކެއް ކުރަން އެބަޖެހޭ. ނުކޮށްފިނަމަ ގިނަ އަސަރުތަކެއް ކުރާނެ"ތައުލީމީ ވަޒީރު ޑރ. އިސްމާޢިލް ޝަފީޢު ވިދާޅުވިއެވެ.

ތަޢުލީމީ ވަޒީރު ވިދާޅުވީ ފިރިހެން ކުދިންގެ ނަތީޖާ ދައްވާން ދިމާވާ ސަބަބުތައް ދެނެގަތުމަށް މިއަހަރުގެ ތެރޭގައި ރެޕިޑް އެސެސްމަންޓެއް ހަދާނެކަމަށެވެ. އަދި އެ އެސެސްމަންޓްގެ އަލީގައި އެކަށީގެންވާ ފިޔަވަޅު އަޅާ ފިރިހެން ކުދިންނާއި އަންހެން ކުދިންގެ ނަތީޖާއަކީ ހަމަހަމަ ނަތީޖާ ތަކެއްގެ ގޮތުގައި ބައްޓަން ކުރެވޭތޯ މަސައްކަތް ކުރައްވާނެކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.

"ފަހަރުގައި ވެދާނެ ކަރިކިއުލަމްގެ ތެރޭގައި ހުރި މައްސަލަތަކެއް ކަމުގައިވިޔަސްމެ، ކިޔަވައިދިނުމުގެ ވައްޓަފާޅީގައި ތަންކޮޅެއް ބޮޑަށް ކުދިން ބާކީ ކުރެވެނީކަމަށްވެސް. ނުވަތަ ކޮމިއުނިޓީ ލެވެލްގައި ހުރި ބައެއް ކަހަލަ ގޮންޖެހުންތަކާހެދިނަމަވެސް، ކޮންމެ ގޮތެއްކަމުގައިވިޔަސް ދެނެގަންނަން އެބަޖެހޭ މި ގެޕް ކްރިއޭޓްވެފައިވަނީ ކޮން ސަބަބުތަކާ ހުރެކަން." ތަޢުލީމީ ވަޒީރު ޑރ. އިސްމާޢީލް ޝަފީޢު ވިދާޅުވިއެވެ.

ވަޒީރު ވަނީ ރަނގަޅު ނަތީޖާއެއް ހޯދުމަށް ގަދައަޅާ މަސައްކަތް ކުރުމަށް ފިރިހެން ދަރިވަރުންނަށް ގޮވާލާފައެވެ. އަދި ހުރިހާ ދަރިވަރުންނަށްވެސް ހަމަހަމަ ތަޢޫލީމެއް ފޯރުކޮށްދިނުމަށް މުޅި ތަޢުލީމީ ދާއިރާގައި ހަރަކާތްތެރިވާ ފަރާތްތަކަށްވެސް ވަޒީރު ގޮވާލެއްވިއެވެ.