ޚަބަރު

ކެޕިޓަލް މާކެޓް މެދުވެރިކޮށް 2 އަހަރުތެރޭ ވިޔަފާރިތަކުން 450 މިލިޔަން ހޯދައިފި


  • އަމިއްލަ ކުންފުނިތަކުން މިހާރުވެސް ފައިސާ ހޯދާ

  • ޕްރޮސްޕެކްޓަސްއެއް އޮތްނަނަމަ އިންވެސްޓް ކުރާނެ ފަރާތްތައް ލިބޭނެ

ވޭތުވެދިޔަ ދެ އަހަރުތެރޭ ކެޕިޓަލް މާކެޓް މެދުވެރިކޮށް ވިޔަފާރިތަކުން 450 މިލިޔަން ރުފިޔާ ހޯދާފައިވާ ކަމަށް ކެޕިޓަލް މާކެޓް ޑިވެލޮޕްމެންޓް އޮތޯރިޓީ، ސީއެމްޑީއޭއިން ވިދާޅުވެއްޖެއެވެ. ސީއެމްޑީއޭއިން މިކަން ހާމަކޮށްފައިވަނީ އެއިދާރާގެ މަސައްކަތްތަކާ ބެހޭ ގޮތުން ޕީއެސްއެމްގެ ރާއްޖެ މިއަދު ޕްރޮގްރާމުގައި ވާހަކަ ދައްކަވަމުންނެވެ.

ދިވެހިރާއްޖޭގެ މާލީ ސެކިއުރިޓީޒާއި ބެހޭ ޤާނޫނުގެ ދަށުން، ރާއްޖޭގެ ސެކިއުރިޓީޒް ބާޒާރު ރެގިއުލޭޓް ކުރުމުގެ މަސައްކަތް ކުރަމުންދާ ސީއެމްޑީއޭގެ ސީއީއޯ މުހައްމަދު ހުސެއިން މަނިކު ވިދާޅުވީ ވިޔަފާރިތަކުން ފައިސާ ހޯދުމުގައި މިހާރު އާންމުކޮށް ބޭނުންކުރަނީ ބޭންކުތައް ކަމަށެވެ. ނަމަވެސް ކެޕިޓަލް މާކެޓް މެދުވެރިކޮށް އަމިއްލަ ވިޔަފާރިތަކަށްވެސް މިފުރުސަތު ފަހިވެފައިވާކަން އޭނާ ފާހަގަކުރެއްވިއެވެ.

އާންމު އުސޫލުން ބޭންކުން ވިޔަފާރިތަކަށް ލޯނު ދެނީ މޯގެޖު އުސޫލުންނެވެ. ނަމަވެސް ކެޕިޓަލް މާކެޓް މެދުވެރިކޮށް ފައިސާ ހޯދުމަށް ބޭނުންވަނީ ރަނގަޅު ވިޔަފާރީގެ ކޮންސެޕްޓެކެވެ. މިއާއެކު ސީއެމްޑީއޭއިން ކަނޑައަޅާފައިވާ މިންގަނޑާއި އެއްގޮތަށް ތައްޔާރުކޮށްފައިވާ ޕްރޮސްޕެކްޓަސް ނުވަތަ ސެކިއުރިޓީޒް ބަޔާން އޮތްނަމަ އެ ވިޔަފާރިއަކަށް އިންވެސްޓަރުން ލިބޭނެ ކަމަށް ސީއެމްޑީއޭގެ ސީއީއޯ މުހައްމަދު ހުސެއިން މަނިކު ވިދާޅުވިއެވެ.

"ކެޕިޓަލް މާކެޓް ސައިޑުގައި ވަރަށް ބޮޑަށް އެބައުޅޭ އިންވެސްޓަރުން. ޕްރައިވެޓް ކުންފުނިތަކުން މިހާރު ފައިސާ އެބަ ހޯދާ. ކުދި ވިޔަފާރިތަކަށްވެސް އެބަވޭ. ވިޔަފާރި ކޮންސެޕްޓެއް ހިފައިގެން އަންނާށޭ. އެކަމަށް ހަދަންޖެހެނީ ޕްރޮސްޕެކްޓަސްއެއް، ނޫނީ ހިއްސާގެ ބަޔާނެއް. އެބަޔާން ވަކި މިންގަނޑަކަށް ފެތޭނަމަ އާންމު ރައްޔިތުން ކުރިމައްޗަށް ނިކުތީމަ ފައިސާ ދޭނެ. " ސީއެމްޑީއޭ ސީއީއޯ ވިދާޅުވިއެވެ.

ކުންފުނިތަކުގެ ވިޔަފާރިތަކަށް އިންވެސްޓަރުން ހޯދުމަށް ފުރުސަތު އޮތްކަން ފާހަގަކުރައްވާ ސީއެމްޑީއޭއިން ވިދާޅުވީ މި ފުރުސަތު މެދު ފަންތީގެ ވިޔަފާރިތަކަށްވެސް ފަހިވެފައިވާ ކަމަށެވެ. މީގެ އިތުރުން ހިއްސާގެ ބާޒާރަށް ކުދި ވިޔަފާރިތައް ނިކުތުމަށް ސެކަންޑް ބޯޑެއް އޮންނައިރު އަމިއްލަ ވިޔަފާރިތަކަށް ސުކޫކް ފަދަ ވަސީލަތްތައް ބޭނުންކޮށްގެން އިންވެސްޓަރުން ހޯދުމަށް ފުރުސަތު އޮތްކަން ސީއެމްޑީއޭއިން ވަނީ ފާހަގަކުރައްވާފައެވެ.

"ޕްރައިވެޓް ސެގްމެންޓަށް ބަލާއިރު ހިއްސާ ވިއްކައިގެން ހިއްސާ ނަގާފައި މިހުރީ 8 ކުންފުނި ނުވަތަ 9 ކުންފުނި. އެކުންފުނިތަކުގެ އިތުރަށް 2023 އަދި 2024 ވަނަ އަހަރު ގާތްގަނޑަކަށް 450 މިލިޔަން ރުފިޔާ ރެއިޒް ކުރެވިއްޖެ. ބޭންކް ފިޔަވައި، މިސައިޑުން ރެއިޒް ކުރެވުނު ވަރު އަޅުގަނޑު މިދެންނެވީ. އެހެންވީމަ އޮޕަޗުނިޓީއެއް އެބައޮތް." ސީއީއޯ މުހައްމަދު ހުސެއިން މަނިކު ވިދާޅުވިއެވެ.

ސީއެމްޑީއޭއިން ވިދާޅުވީ، މިފަދަ ގޮތަކަށް ވިޔަފާރިތަކަށް ބޭނުންވާ ފައިސާ ހޯދާނަމަ ކުންފުނިތަކުގެ ހިންގުން ހަރުދަނާވާނެ ކަމަށެވެ. ވިޔަފާރި ފަށާއިރު، ވިޔަފާރިތަކަށް ލުއިތަކެއް ދޭއިރު، ދިގު މުއްދަތުގައި ވިޔަފާރިތަކުގެ ހިންގުން ހަރުދަނާވެ، އިންވެސްޓަރުންނަށް ފައިދާކުރާ ގޮތަށް، މި ވިޔަފާރިތައް ކުރިއަރާނެއެވެ.

ސީއެމްޑީއޭއަކީ ދިވެހި ރާއްޖޭގެ މާލީ ސެކިއުރިޓީޒް އާއި ބެހޭ ޤާނޫނުން ރާއްޖޭގެ ކެޕިޓަލް މާކެޓް ރެގިއުލޭޓް ކުރުމަށް އުފައްދަވާފައިވާ އިދާރާއެކެވެ. ދިވެހި ރާއްޖޭގައި އެއްވެސް ކަހަލަ އިންވެސްޓްމެންޓު ފުރުސަތެއް އާންމުންނަށް ހުޅުވާލެވޭނީ ސީއެމްޑީއޭއިން ހުއްދަ ނަގައިގެންނެވެ.