އޭއެފްސީ އޭޝިއަން ކަޕް ވިމެންސް ކޮލިފިކޭޝަނުގައި ވިއެޓްނާމާ ދެކޮޅަށް ނުކުތުމަށް ރާއްޖޭގެ ގައުމީ އަންހެން ފުޓުބޯޅަ ޓީމު ތައްޔާރުވަމުން އެބަދެއެވެ.
މި މެޗާ ގުޅޭގޮތުން "ޕީއެސްއެމް ނިއުސް" އަށް މައުލޫމާތުދެމުން ގައުމީ އަންހެން ފުޓުބޯޅަ ޓީމުގެ ކޯޗު އަޙްމަދު އާތިފް ބުނީ މިމެޗަށް ތައްޔާރުވުމުގެ ގޮތުން ފަރިތަކުރާތާ މަހެއްހާ ދުވަސްވެއްޖެކަމަށެވެ. ޓީމާާއި ހަވާލުވީ ދާދި ފަހުންކަމަށާ، ކޯޗުގެ މަގާމާ ހަވާލުވުމަށްފަހު ކޮންމެ ދުވަހަކުވެސް ފަރިތަކުރުންތައް ބާއްވަމުން އަންނަ ކަމަށްވެސް އާތީ ކޯޗު ބުންޏެވެ.
"ފުޓްބޯލް އެސޯސިއޭޝަނުން އަންހެން ގައުމީ ޓީމުގައި ކޯޗެއް ނެތިފަ އިއުލާނުކޮށްގެން އިންޓަވިއުއަށްފަހު ބަރާބަރު ވަން މަންތު މިވީ" އާތިފް ބުންޏެވެ.
އޭއެފްސީ އޭޝިއަން ކަޕް ވިމެންސް ކޮލިފިކޭޝަނުގައި ރާއްޖެއިން މިމަހުގެ 29 ވަނަ ދުވަހު ނިކުންނާނީ ވިއެޓްނާމުގައި އެގައުމާ ވާދަކުރުމަށެވެ. އެއަށްފަހު ޖުލައި މަހުގެ ދެވަނަ ދުވަހު ގުއާމާ ވާދަކުރާމެޗު ތާވަލުކޮށްފަވާއިރު، ތިންވަމަ މެޗުގައި ނިކުންނާނީ ޖުލައި މަހުގެ ފަސްވަނަ ދުވަހު ޔޫއޭއީއާ ދެކޮޅަށެވެ.
"ފަސްޓުގައި މިއޮތީ ވިއެޓްނާމާ އެއްކޮށް 29 ގައި، ދެވަނަ މެޗު މިއޮތީ ސެކަންޑުގަ ގުއާމާ އެއްކޮށް، ދެން ފިފްތުގައި މިއޮތީ ޔުނައިޓެޑް އެރެބް އެމިރޭޓްސްއާ އެއްކޮށް" 29 ވަނަ ދުވަހަށް ތާވަލުކޮށްފައިވާ މެޗާ ގުޅޭގޮތުން ކޯޗު އާތިފް ބުނެފަވެއެވެ.
އޭއެފްސީ އޭޝިއަން ކަޕު ވިމެންސް ކޮލިފިކޭޝަނުގައި ވިއެޓްނާމާ ދެކޮޅަށް ކުޅެން ހަމަޖެހިފައިވާ މެޗަށް ރާއްޖޭގެ އަންހެން ފުޓުބޯޅަ ޓީމުން ވިއެޓްނާމަށް ފުރާނީ މިމަހުގެ 26ވަނަ ދުވަހުއެވެ.