މެރކް ފައުންޑޭޝަންގެ ސަމިޓުގައި ބައިވެރިވެވަޑައިގަތުމަށް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު ޔުނައިޓެޑް ޢަރަބް އެމިރޭޓްސް، ޔޫއޭއީއަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވުމަށްފަހު ރާއްޖެ ވަޑައިގެންފިއެވެ.
މެރކް ފައުންޑޭޝަންގެ ފަރސްޓް ލޭޑީސް އިނީޝިއޭޓިވް ސަމިޓްގެ 7ވަނަ ބައްދަލުވުން ކުރިއަށްދިޔައީ މި މަހުގެ 18 އަދި 19ގައި ޔޫއޭއީގައެވެ. މި ބައްދަލުވުން ފެށުމުގެ ގޮތުން ބޭއްވި ހަފްލާހައި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ވަނީ ތަގުރީރު ކުރައްވާފައެވެ.
އެކަމަނާ ވަނީ މީގެ މަހެއްހާ ދުވަސް ކުރިން ދިވެހި ރާއްޖޭގައި މެރކް ފައުންޑޭޝަންގެ ވެރިންނާއި ބައްދަލުކުރުމުގެ ފުރުސަތު ލިބިވަޑައިގެންނެވި ކަމަށާއި އެ ބައްދަލުވުމުގެ ތެރެއިން ދިވެހި މުޖުތަމަޢުގެ އާންމު ސިއްޙަތާއި ދުޅަހެޔޮކަން ކުރިއެރުވުމަށް މަޝްވަރާތަކެއް ކުރެވުނު ކަމަށް ވިދާޅުވެފައެވެ. އެކަމަނާ ވިދާޅުވީ މީގެ 8 މަސް ކުރިން ޓެންޒޭނިއާގައި ބޭއްވި ބައްދަލުވުމަށް ފަހު މިހާރު ރާއްޖޭގެ ޑޮކްޓަރުންނަށް ދަރިމައިވުމުގެ ސިއްޙަތާއި ގުޅޭ ތަމްރީނުތައް ހޯދުމަށް ސްކޮލާޝިޕް ފުރުސަތުތައް ފަހިވެގެން ގޮސްފައިވާ ކަމަށެވެ.
މީގެ އިތުރުން މިހާރުވެސް މިދަނީ އަޅުގަނޑުމެންގެ ޑޮކްޓަރުން ރާއްޖެއަށް މުހިންމު އެހެން ދާއިރާތަކުން ތަމްރީނުކުރުމަށް ފުރުސަތު ހޯދުމަށް މަޝްވަރާކުރައްވަމުންދާ ކަމަށްވެސް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ވިދާޅުވިއެވެ.
އެކަމަނާގެ ވާހަކަފުޅުގައި ރާއްޖޭގެ އާންމު ސިއްޙަތުގެ ނިޒާމު ހަރުދަނާ ކުރުމަށް ކުރަމުންދާ މަސައްކަތްތަކަށް ވަނީ އަލިއަޅުވާލައްވާފައެވެ. އެގޮތުން ރަނގަޅު ގުޅުންތަކެއްގެ ތެރެއިން، ނިޒާމަށް ހެޔޮބަދަލުތަކެއް ގެނައުމަށް މަސައްކަތް ކުރަމުންދާކަން ފާހަގަކުރެއްވިއެވެ. މިގޮތުން ސިއްޙީ ނިޒާމުގެ ވަސީލަތްތައް ތަރައްޤީކުރުމާއި، ދަރިމައިވުމުގެ ސިއްޙަތައް އާންމުން ހޭލުންތެރިކުރުމާއި، ކެންސަރު ބައްޔަށް ސްކްރީންކޯށް އެކަމަށް ހޭލުންތެރިކުރުމާއި، ނަފްސާނީ ދުޅަހެޔޮކަން ކަށަވަރުކުރުމަށް ޚިދުމަތް އިތުރަށް ތަރައްޤީކުރުން ފަދަ މުހިންމު ކަންކަން ހުރިކަން އެކަމަނާ ފާހަގަކުރެއްވިއެވެ. މިއާއެކު ސިއްޙީ ނިޒާމުގައި އަންހެނުންގެ ޤަބިލިއްޔަތުކަން އިތުރުކުރުމަށް މަސައްކަތް ކުރަން ޖެހޭކަންވެސް ފާހަގަކުރެއްވިއެވެ.
މިއަހަރުގެ ފަސްޓް ލޭޑީސް އިނީޝިއޭޓިވް ސަމިޓުގައި އެފްރިކާ އަދި އޭޝިއާގެ 14 ޤައުމެއްގެ ފަސްޓް ލޭޑީން ބައިވެރިވެވަޑައިގެންނެވިއެވެ. މިއަހަރުގެ ބައްދަލުވުން ޚާއްސަ ކޮށްފައިވަނީ އިޖުތިމާޢީ ގޮތުން ދިމާވާ މައްސަލަތަކަށެވެ. އެގޮތުން، ދަރިމައިވުމުގައި ހުރި ދަތިތަކާއި އަންހެން ކުދިންނަށް ތަޢުލީމު ފޯރުކޮށްދިނުމުގެ މުހިންމު ކަމަށާއި އަންހެނުން ބާރުވެރިކުރުމާއި ސިއްޙީ ދާއިރާ ކުރިއެރުވުމާ ގުޅޭގޮތުން ވަނީ މަޝްވަރާ ކުރައްވާފައެވެ.