ކުޅިވަރު

އެމްބާޕޭ ހޮސްޕިޓަލުގައި އެނދުމަތިކޮށްފި


ރެއާލް މެޑްރިޑަށް ކުޅެމުން އަންނަ ފްރާންސް ފޯވާޑް ކީލިއަން އެމްބާޕޭ އެމެރިކާގެ ހޮސްޕިޓަލަކަށް ގެންގޮސް އެނދުމަތިކޮށްފިއެވެ.

ފްރާންސްގެ ކެޕްޓަންގެ ކުލަބުން ބުނީ ކުޅުންތެރިޔާ އެނދުމަތި ކުރީ ބަނޑުގައި ވައިހެދި، ބޭރަށް ހިންގާތީވެ އިތުރު ޓެސްޓްތައް ހަދައި ފަރުދާ ދިނުމަށް ކަމަށެވެ. ބައެއް ރިޕޯޓްތައް ބުނާ ގޮތުން އޭނާ އަށް ވަނީ ވަރަށް ވަރުގަދަ ހުމެއް ޖެހިފަ އެވެ.

އެމްބާޕޭ ބަލިވެ އުޅޭތާ ހަފުތާއެއްހާ ދުވަސް ވެއްޖެ އެވެ. އެމެރިކާގައި މިހާރު ކުރި އަށް ދާ ކުލަބު ވޯލްޑް ކަޕުގެ ފުރަތަމަ މެޗުގައި ސައޫދީ އަރަބިއާގެ އަލް ހިލާލްއާ ދެކޮޅަށް އޭނާ އަށް ނުކުޅެވުނީ ވެސް މިހެންވެ އެވެ.

އެ މެޗަށް ފަހު ކޯޗު ޒަބީ އަލޮންސޯ ވެސް ބުނީ ކުރި އަށް އޮތް މެޗުގައި ވެސް އެމްބާޕޭ ކުޅޭނެކަން މުޅިން ޔަގީން ނޫން ކަމަށެވެ.

ފްރާންސްގެ ޕީއެސްޖީ ދޫކޮށް ހުސްވި ސީޒަނުގައި ރެއާލް އަށް ބަދަލުވި އެމްބާޕޭ އަކީ ސީޒަން ނިމުނުއިރު އެ ކުލަބުގެ އެންމެ ވިދުން ގަދަ ކުޅުންތެރިޔާ އެވެ. އޭނާ ވަނީ މުޅި ސީޒަނުގައި 43 ގޯލު ޖަހައިފަ އެވެ.