މޯލްޑިވްސް އިންލޭންޑް ރެވެނިއު އޮތޯރިޓީ، މީރާގެ ބޯޑު މެންބަރުކަމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.
މީރާގެ ބޯޑުގެ މެންބަރުކަމަށް ކުރިމަތިލުމަށް ހުޅުވާލާފައިވަނީ، މިއަދުން ފެށިގެން އަންނަ މަހުގެ 6 ވަނަ ދުވަހުގެ މެނދުރު 12:00 ޖެހުމާއި ހަމައަށެވެ. މީރާގެ ބޯޑަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލާފައިވަނީ، މީރާގެ ބޯޑުގެ 4 މެންބަރެއްގެ ދައުރު ހަމަވާތީއެވެ. މީރާގެ ބޯޑު މެންބަރުކަމަށް އައްޔަން ކުރަނީ 5 އަހަރު ދުވަހުގެ މުއްދަށެވެ.
މީރާގެ ބޯޑު މެންބަރު ކަމުގެ ދައުރު ހަމަވާ 4 މެންބަރުންނަނަކީ، ޑެޕިއުޓީ ޗެއަރޕާސަންގެ މަޤާމުގައި ހުންނެވި ލީނާ މުހައްމަދު ޒާހިރު ހުސެއިންއާއި، އައިޝަތު އާޝާ އަލީއާއި، މުމްތާޒް އަބްދުލް ރަޝީދު އަދި ހުޝާމް ވަޙީދެވެ. މީގެ ތެރެއިން ހުޝާމް ފިޔަވައި ދެން ތިބި މެންބަރުންގެ ދައުރު އޯގަސްޓު މަހު ހަމަވާއިރު، ހުޝާމްގެ ދައުރު ސެޕްޓެމްބަރު މަހު ހަމަވާނެއެވެ.
މީރާގެ ޑިރެކްޓަރުންގެ ބޯޑު މެންބަރަކަށް ކުރިމަތިލާ ފަރާތްތަކުގެ ޝަރުތުތަކުގެ ތެރޭގައި އިސްލާމްދީނުގައި ޙައްދެއް ކަނޑައެޅިފައިވާ ކުށެއްކުރިކަން ޝަރީޢަތަށް ސާބިތުވެފައިވާ މީހަކު ކަމުގައި ނުވުމާއި، އިފްލާސް ކުރެވިފައިވާ މީހަކު ކަމުގައި ނުވުމާއި، ރިޝްވަތުގެ ކުށެއް ސާބިތުވެފައިވާ މީހަކު ކަމުގައި ނުވުން ހިމެނެއެވެ. އަދި ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ ދަށުން ނުވަތަ ޤާނޫނެއްގެ ދަށުން އިންތިޚާބުކުރެވޭ މަގާމެއް ފުރަމުންދާ މީހަކު ކަމުގައި ނުވުމާއި، ސަރުކާރުގެ ނުވަތަ އަމިއްލަ އެއްވެސް ކުންފުންޏެއް ހިންގުމުގައި އިސްކޮށް ހަރަކާތްތެރިވާ ނުވަތަ އެފަދަ ކުންފުންޏެއްގެ ޑިރެކްޓަރުންގެ ބޯޑުގައި ހިމެނޭ މީހަކު ކަމުގައި ނުވުންވެސް ހިމެނެއެވެ. މީގެ އިތުރުން މާލީ، ޓެކްސް، ވިޔަފާރިއާއި އިޤްތިޞާދު ނުވަތަ ޤާނޫނީ ދާއިރާއިން ތަޖުރިބާ ލިބިފައިވާ އަދި ޓެކްސްއާ ގުޅުންހުރި ސިޔާސަތުތަކާބެހޭ ބަހުސްތަކާއި ނިންމުންތަކުގައި ފަންނީގޮތުން ބައިވެރިވެވޭވަރުގެ ޤާބިލު ފަރާތެއްކަމުގައިވުންވެސް ހިމެނެއެވެ.
މީރާގެ ޑިރެކްޓަރުންގެ ބޯޑުގެ މެންބަރުކަމަށް ކުރިމަތިލުމަށް އެދޭ ފޯމާއި، އިޤްރާރާއި، ކުށާއި ދަރަނީގެ ރެކޯޑް ފޯމާއި، ސިޔާސީ ޕާޓީއެއްގައި ރަޖިސްޓަރީ ވެފައިވޭތޯ ބެލުމަށް އިލެކްޝަންސް ކޮމިޝަނުން ސާފުކުރަންޖެހޭ ފޯމު ބަލައިގަތުމަށް ހަމަޖެހިފައިވަނީ، މިކަމަށް ކުރިމަތިލުމަށް ދީފައިވާ މުއްދަތުގައި، ރަސްމީ ބަންދުދުވަސްތައް ފިޔަވައި، އެހެން ދުވަސްދުވަހުގެ ހެނދުނު 08:30 އިން މެންދުރު 12:00 އަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުންނެވެ.
މީރާގެ ބޯޑުގައި ކޮމިޝަނަރ ޖެނެރަލް އޮފް ޓެކްސޭޝަން ހިމެނޭހެން 7 މެންބަރުން ތިއްބަވައެވެ.