ޚަބަރު

އަލް އައިން އަތުން ޔުވެންޓަސް އަށް ފަސޭހަ މޮޅެއް


ފީފާ ކްލަބް ވޯލްޑް ކަޕްގައި މިއަދު ޔޫއޭއީގެ އަލް އައިން އާއި ދެކޮޅަށް ޔުވެންޓަސް ކުޅުނު މެޗު 5-0 ގެ ތަފާތު ބޮޑު ނަތީޖާއަކުން ޔުވެންޓަސް އިން ކާމިޔާބުކޮށްފި އެވެ.

ގްރޫޕް ޖީ ގައި ކުޅުނު މި މެޗުން ޔުވެންޓަސް މޮޅުވުމާއިއެކު އެ ޓީމަށް ވަނީ ގްރޫޕްގެ އެއްވަނަ މަގާމް ލިބިފަ އެވެ. ދެވަނައިގައި އޮތް މެންޗެސްޓަރ ސިޓީ އަށްވެސް ތިން ޕޮއިންޓް ލިބިފައިވާއިރު ޔުވެންޓަސް އަށް ކުރި ލިބިފައިވަނީ ފައިދާ ގޯލުގެ ތަފާތުންނެވެ.

ވޮޝިންޓަންގެ އައުޑީ ސްޓޭޑިއަމްގައި ކުޅުނު މި މެޗުގެ 11 ވަނަ މިނިޓޫގައި ރަންޑަލް ކޯލޯ މުއާނީ ވަނީ ލަނޑެއް ޖަހާ އެ ޓީމަށް ކުރި ހޯދަދީފަ އެވެ. އަދި އޭގެ 10 މިނިޓު ފަހުން ފްރެންސިސްކޯ ކޮންސެއިސާއޯ ވަނީ އިތުރު ލަނޑެއް ޖަހާ ދެ ޓީމުގެ ދެމެދުގައިވާ ފަރަގު ބޮޑު ކޮށްފަ އެވެ.

ޔުވެންޓަސް އިން ގިނައިރު ބޯޅަ ހިފަހައްޓައިގެން ކުޅެފައިވާ މި މެޗުގައި އެ ޓީމުން ޖެހި ތިންވަނަ ލަނޑު މެޗުގެ 31 ވަނަ މިނިޓުގައި އެ ޓީމަށް ކާމިޔާބު ކޮށްދީފައިވަނީ ކެނާން ޔިލްޑިޒް އެވެ.

އަދި ފުރަތަމަ ހާފުގެ އިތުރު ވަގުތުގައި ކޯލޯ މުއާނީ ވަނީ އިތުރު ލަނޑެއް ޖަހާ މެޗުގެ ނަތީޖާ 4-0 އަށް ބަދަލުކޮށްފަ އެވެ.

މި މެޗުގައި ޔުވެންޓަސް އިން ޖެހި ފަސްވަނަ ލަނޑު ދެވަނަ ހާފުގެ ކުޅުން ފެށުނުތާ 13 ވަނަ މިނިޓުގައި އެ ޓީމަށް ކާމިޔާބު ކޮށްދީފައިވަނީ ފްރެންސިސްކޯ ކޮންސެއިސާއޯ އެވެ.