ފީފާ ކްލަބް ވޯލްޑް ކަޕްގައި މިއަދު މެކްސިކޯގެ ޕަޗޫކާ އާއި ދެކޮޅަށް ރެޑްބުލް ސަލްޒްބަރގް ކުޅުނު މެޗު 2-1 ގެ ނަތީޖާއަކުން ރެޑްބުލް ސަލްޒްބަރގް މޮޅުވެއްޖެ އެވެ.
ސިންސިނާޓީގެ ޓީކިއުއެލް ސްޓޭޑިއަމްގައި ކުޅުނު މި މެޗުން އޮސްޓްރިއާގެ ރެޑްބުލް ސަލްޒްބަރގް މޮޅުވުމާއިއެކު އެ ޓީމަށް ވަނީ ގްރޫޕް އެޗްގެ އެއްވަނަ މަގާމް ލިބިފަ އެވެ. މި މެޗުން މޮޅުވުމާއިއެކު އެ ޓީމަށް ތިން ޕޮއިންޓް ލިބިފައިވާއިރު ދެވަނައިގައި އޮތް ރެއާލް މެޑްރިޑަށް ލިބިފައިވަނީ އެއް ޕޮއިންޓެވެ. އަދި އަލް ހިލާލް އަށް ޕޮއިންޓެއް ލިބިފައިވާއިރު ޕަޗޫކާއަށް ޕޮއިންޓެއް ލިބިފައެއް ނުވެއެވެ.
ދެ ޓީމުގެ ފަރާތުންވެސް ވާދަވެރި ކުޅުމެއް ފެނިގެން ގޮސްފައިވާ މި މެޗުގެ ފުރަތަމަ ހާފުގެ ކުޅުން ނިމެން ތިން މިނިޓަށް ވެފައިވަނިކޮށް ރެޑްބުލް ސަލްޒްބަރގްގެ އޮސްކާ ގްލޫޚް ވަނީ ލަނޑެއް ޖަހާ އެ ޓީމަށް ކުރި ހޯދަދީފަ އެވެ.
ނަމަވެސް ދެވަނަ ހާފުގެ ކުޅުން ފެށުނުތާ 11 ވަނަ މިނިޓުކައި ޕަޗޫކާގެ ބްރަޔަން ގޮންޒާލޭޒް ވަނީ ލަނޑެއް ޖަހާ މެޗުގެ ނަތީޖާ އެއްވަރުކޮށްފަ އެވެ.
މި މެޗުން ސަލްޒްބަރގް މޮޅުވި ލަނޑު މެޗުގެ 76 ވަނަ މިނިޓުގައި އެ ޓީމަށް ކާމިޔާބު ކޮށްދީފައިވަނީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން އެރި ކަރިމް އޮނިސީވޯ އެވެ.