ޚަބަރު

ޑީއެސްސީގެ އަމާޒަކީ ކާވާ ކުލަބު ޗެމްޕިއަންޝިޕުގެ ޖާގައެއް ހޯދުމަށް


މިމަހުގެ 25 ގައި ފަށާ ވީއޭއެމްކަޕް 2025 އަށް ތައްޔާރުވަމުން އަންނަ ދިވެހި ސިފައިންގެ ކުލަބު (ޑީއެސްސީ) ގެ އަމާޒަކީ މިއަހަރު އޮންނަ ކާވާ ކުލަބު ޗެމްޕިއަންޝިޕުގެ ޖާގައެއް ހޯދުމަށް ކަމަށް ޓީމުގެ އެސިސްޓެންޓް ކޯޗު އަބުދުއްސަލާމް ބުނެފިއެވެ.

ޕީއެސްއެމް ނިއުސްއަށް ދިން ހާއްސަ އިންޓަވިއުއެއްގައި ސަލާމް ބުނީ ދިވެހި ސިފައިންގެ ކުލަބުން ވީއޭއެމް ކަޕުގެ ތައްޓާއި ލީގު ތަށި އަދި ޤައުމީ މުބާރާތުން ތަށި ހޯދަ، ގައުމީ ތަށި މިލްކު ކުރުންކަމަށެވެ. ފާއިތުވި ދެ އަހަރުވެސް ގައުމީ މުބާރާތް ކާމިޔާބުކުރި ދިވެހި ސިފައިންގެ ކުލަބުން މިއަހަރުގެ ގައުމީ މުބާރާތްކާމިޔާބުކޮށްފިނަމަ ތަށި މިލްކުވާނެއެވެ.

"އަމާޒަކީ އިންޓަނޭޝަނަލް މުބާރާތަށް ދިއުން. އެއި އަންނަ މަހުގެ 17-30 އަށް އޮންނަ ކާވާ ކުލަބު ޗެމްޕިއަންޝިޕް. މިދިޔަ އަހަރުގެ ގައުމީ ޗެމްޕިއަންވީމަ އަޅުގަނޑުމެންނަށް މިހާރުވެސް ދައުވަތު ލިބިފައި އޮތީ. އެކަމަކު ހީވަނީ މިއަހަރުގެ މުބާރާތަށްފަހު ޗެމްޕިއަން ޓީމަށްހެން ވީއޭއެމުން އެ ފުރުސަތު ދޭނީ" ސަަލާމް ބުންޏެވެ.

ވޮލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސްއިން މިއަހަރުގެ ފިރިހެން ލީގު ފެށުމަށް ތައްޔާރުވަމުން އަންނައިރު ފުރަތަމަ އޮންނާނީ އެސޯސިއޭޝަން ކަޕެވެ. އެ މުބާރާތަށް ދިވެހި ސިފައިންގެ ކުލަބުގެ ސްކޮޑް ވަރުގަދަ ކުރުމަށް މިހާރު ވަނީ ބްރެޒިލްގެ ކުޅުންތެރިއަކު ގެނެސްފައެވެ. އަދި މާދަމާރޭ ޕާކިސްތާނުގެ ކުޅުންތެރިއަކު ޓީމާއި ގުޅޭނެ ކަމަށާއި މުޅި ޓީމު އެއްކޮށް މާދަމާ ރެއިންފެށިގެން ފަރިތަކުރުންތައް ބާއްވާނެ ކަމަށްވެސް އެސިސްޓެންޓް ކޯޗު ބުންޏެވެ.

ސަލާމް ބުނީ ފަރިތަކުރުންތަކަށް އިންޑޯ ހޯލު ނުލިބުމުގެ ސަބަބުން އެ ކުލަބުން ފަރިތަކުރަމުން ގެންދަނީ އިމާދުއްދީނު ސުކޫލުގައި ކަމަށެވެ.

"އެހާ ރަނގަޅެއްނޫން އެ ކޯޓު ކުޑަވެފައި ނެޓްވެސް ވަރަށް ދޫ. ވާންކޮށްގެން އަޅުގަނޑުމެން ޕްރެކްޓިސް ކުރަން ޖެހެނީ" ސަލާމް ބުންޏެވެ.

ދިވެހި ސިފައިންގެ ކުލަބަކީ ރާއްޖޭގެ ވޮލީބޯޅައިގައި ފިރިހެން ޑިވިޝަނުގެ އެންމެ ކާމިޔާބު ކުލަބެވެ. މިއަހަރުގެ ސީޒަނަށްވެސް އެ ކުލަބުން އަންނަނީ ވަރަށް ވަރުގަދައަށް ތައްޔާރުވަމުންނެވެ. އެގޮތުން ބިދޭސީ ކުޅުންތެރިންނާއެކު ރަނގަޅު ފައިޓެއްދީ މިއަހަރުގެ މުބާރާތްތައް ކާމިޔާބުކުރުމަކީ އަމާޒެއް ކަމަށް އެޓީމުން ބުނެއެވެ.