އަޔަލެންޑާއި ޔޫކްރޭނަށް ރާއްޖޭން ކަނޑައަޅުއްވާ ސަފީރުންނަށް ރައްޔިތުންގެ މަޖިލީހުން ރުހުން ދީފިއެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ މި މަހުގެ 2ވަނަ ދުވަހު ބޭއްވި މަޖިލީހުގެ ޖަލްސާއަށް އަޔަލެންޑާއި ޔޫކްރޭނަށް ކަނޑައަޅުއްވާ ސަފީރުން އައްޔަން ކުރެއްވުމަށް ނަންތައް ފޮނުއްވާފައެވެ. އެގޮތުން، އިނގިރޭސިވިލާތަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު އިރުތިޝާމް އާދަމް، އަޔަލޭންޑަށް ކަނޑައަޅުއްވާ ސަފީރުކަމަށް އައްޔަން ކުރެއްވުމަށާއި ޔޫރަޕިއަން ޔޫނިއަންއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ގީލާ އަލީ، ޔޫކްރެއިންއަށް ކަނޑައަޅުއްވާ ސަފީރުކަމަށް އައްޔަން ކުރެއްވުމަށްވެސް ރައީސް ވަނީ ފޮނުއްވާފައެވެ.
އެކި ޤައުމުތަކަށް ސަފީރުންނާއި ނޮން-ރެޒިޑެންޓް ސަފީރުން އައްޔަން ކުރައްވާނީ ރައްޔިތުންގެ މަޖިލީހުގެ ރުހުމާއެކު ރައީސުލްޖުމްހޫރިއްޔާއެވެ. ނޮން ރެޒިޑެންޓް ސަފީރުން އައްޔަން ކުރައްވަނީ ސަފީރުންގެ ގޮތުގައި މިހާރުވެސް ތިއްބަވާ ބޭފުޅުންގެ ތެރެއިންނެވެ.
ނޮން-ރެޒިޑެންޓް ސަފީރުން އައްޔަން ކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ފޮނުއްވާފައިވާ މައްސަލަ ދިރާސާކޮށް ނިންމި ގޮތުގެ ރިޕޯޓް މަޖިލީހުގެ ޚާރިޖީ ގުޅުންތަކުގެ ކޮމިޓީންވަނީ ތަޅުމަށް ހުށަހަޅާފައެވެ. އެ ކޮމިޓީން ވަނީ އިރުތިޝާމާއި ގީލާއަކީ މިހާރުވެސް ސަފީރުންގެ ގޮތުގައި ތިއްބެވި ދެ ބޭފުޅުންކަމަށްވާތީ އެ ދެ ބޭފުޅުންގެ މަގާމުގެ ޝަރުތު ހަމަވާކަމަށް ނިންމައި ރުހުން ދީފައެވެ.
ކޮމިޓީ ރިޕޯޓް މަޖިލީހަށް ހުށަހެޅުމުން މަޖިލީހުންވެސް ވަނީ ދެ ސަފީރުންނަށްވެސް ރުހުން ދިނުމަށް ފާސްކޮށްފައެވެ. މިގޮތަށް ފާސްކޮށްފައިވަނީ ޖަލްސާގައި ބައިވެރިވެވަޑައިގެންނެވި މެންބަރުންގެ އިއްތިފާގުންނެވެ.