ގައުމީ ބޮޑީބޯޑިން ލީގުގެ އެންމެ ފޯރިގަދަ އެއް މުބާރާތްކަމަށްވާ ބުރުނު ޝިކާރު ބޮޑީބޯޑިން ޗެލެންޖް 2025 ފަށައިފިއެވެ.
ޖުމްލަ 23 އެތުލީޓުންނާއެކު ފެށި މި މުބާރާތުގެ ފުރަތަމަ ހީޓްތައް ރާޅުގަނޑު ސަރަހައްދުގައި ކުރިޔަށްދާއިރު އެންމެ ފުރަތަމަ ކުރިޔަށް ގެންދިޔައީ މެންސް އޯޕަން އިވެންޓުގެ ހީޓުތަކެވެ.
މާލޭ ވަރުނުލާ ރާޅުގަނޑު ސަރަހައްދުގައި މިމަހުގެ 21 ގެ ނިޔަލަަށް ކުރިޔަށް ގެންދާ މި މުބާރާތާއި ގުޅޭގޮތުން ޕީއެސްއެމް ނިއުސްއަށް ދިން ހާއްސަ އިންޓަވިއުއެއްގައި މޯލްޑިވްސް ބޮޑީބޯޑިންގ އެސޯސިއޭޝަން (އެމްބީބީއޭ) ރައީސް ހުސެއިން ނިޒާާމް ބުނީ މި މުބާރާތުގައި މިދިޔަ އަހަރުތަކަށްވުރެ މަދު އެތުލީޓުންް ބައިވެރިވި ނަމަވެސް ހުދުފޮނު ޕްރޮގްރާމުގެ ބައެއް ބައިވެރިން ބައިވެރިވެފައިވާތީ އެއީ ބޮޑު ކުރިއެރުމެއް ކަމަށެވެ. އަދި މިއީ ރާޅާ އެޅުންތެރިންނަށް ވަރަށް ހާއްސަ މުބާރާތެއް ކަމަށެވެ.
”މި މުބާރާތް ވަރަށް ހައްސަވެގެންދޭ ރާޅާއެޅުންތެރިންނަން. އެގޮތުން ލީގުގެ މުބާރާތްތަކަށް ބަލާއިރު ބުރުނު ޝިކާރު މީ
އެންމެ ގިނަ އަހަރުތަކެއް ވަންދެން މި ނަމުގައި ހިންގޭ މުބާރާތް. މީ އަޅުގަނޑުމެންގެ ސެވަންތް އެޑިޝަން. އެހެންވީމަ އަހަރުގެ ފުރަތަމަ މުބާރާތަށްވީމަ ލީގު ކާމިޔާބުކުރުމަށް ޕޮއިންޓްތައް ކަލެކްޓް ކުރަން ލިބޭ އެންމެ ފުރަތަމަ ފުރުސަތުވީމަ ވަރަށް ފޯރި ގަދަވެގެންދާނެ“ ނިޒާމް ބުންޏެވެ.
މި މުބާރާތަށް ކުޅިވަރާއި ބެހޭ ވުޒާރާއިން ދިން އެހީތެރިކަން ފާހަގަކުރައްވާ އެމްބީބީއޭގެ ރައީސް ވަނީ ސަރުކާރަށް ޝުކުރު އަދާކޮށްފައެވެ.
”މިސަރަހައްދު އޮތީ ވަރަށް ބޮޑަށް ހަޑިވެފަ. ކުޅިވަރާއި ބެހޭ ވަޒީރު އިރުޝާދު ދެއްވީ މުބާރާތް ކުރިޔަށް ގެންދަން ޖެހޭނެކަމަށް. އެހެންވީމަ ސްޕޯޓްސް މިނިސްޓްރީގެ ހީވާގި މުވައްޒަފުންގެ އެހީތެރިކަމާއެކު މުޅިތަން އެއްކޮށް ސާފުކޮށްލާ މިއަދާ ހަމައަށް މިއޮތީ ތައްޔާރުވެފަ. އެހެންވީމަ އެމްބީބީއޭގެ ފަރާތުން ވަރަށް ބޮޑަށް ޝުކުރު ދަންނަވަން ސްޕޯޓްސް މިނިސްޓްރީއަށް“ ނިޒާމް ބުންޏެވެ. މީގެ އިތުރުން މުބާރާތުގެ ސްޕޮންސަރުންގެ އެހީތެރިކަންވެސް ފާހަގަކުރިއެވެ.
މިމުބާރާތް ކުރިޔަށްދާއިރު ވީހާވެސް ގިނަބަޔަކު ރާޅުގަނޑު ސަރަހައްދަށް އައިސް ރާޅާ އެޅުންތެރިންގެ ހުނަރުތައް ބަލާލާ އެތުލީޓުންނަށް ސަޕޯޓް ކުރެއްވުމަކީ އެމްބީބީއޭގެ ވަރަށް ބޮޑު އެދުމެކެވެ.
އެމްބީބީއޭގެ ސޯޝަލް މީޑިއާ ޕްލެޓްފޯމްތައް މެދުވެރިކޮށް މި މުބާރާތުގެ ހީޓުތަކުގެ ލައިވް ސްކޯ ވަގުތުން ބަލާލެވޭނެ ކަމަށްވެސް ނިޒާމް ބުންޏެވެ.
ބުރުނު ޝިކާރު ބޮޑީބޯޑިންގ ޗެލެންޖަކީ ރާއްޖޭގައި އެންމެ ދުވަސްވީ ބޮޑީބޯޑިން މުބާރާތެވެ. މޯލްޑިވްސް ބޮޑީބޯޑިންގ އެސޯސިއޭޝަން (އެމްބީބީއޭ) އިން އިންތިޒާމުކޮށްގެން
މިދިޔަ އަހަރުވެސް ވަރަށް ފޯރީގައި މި މުބާރާތް ކުރިޔަށް ގެންދިޔައެވެ. މިދިޔަ އަހަރުގެ ބުރުނު ޝިކާރު ޗެލެންޖްގައި 28 އެތުލީޓުން ވާދަކުރިއެވެ.