ޚަބަރު

ވީއައިއޭގައި" ޓޯ-ބަރލެސް" ޓްރަކްއެއް ބޭނުންކުރަން ފަށަނީ، އޮޕަރޭޝަން އެފިޝިއަންސީ %60 އަށް އިތުރުވާނެ


  • މިއީ ޓީ.ޕީ.އެކްސް- 200 އެމް.ޓީ.އެކްސް މޮޑެލްގެ ޓްރަކްއެއް

  • ކޯޑް "ސީ"އިން ކޯޑް "އީ"ގެ ހުރިހާ މަތިންދާބޯޓްތަކަށްވެސް މި ޓްރަކްއިން ޚިދުމަތް ދެވޭނެ

  • މިޓްރަކް އޮޕަރޭޓް ކުރުމަށް ޚާއްސަ 8 އޮޕަރޭޓަރުން ތަމްރިންކޮށްފަ

ވެލާނާ އިންޓަރނޭޝަނަލް އެއަޕޯޓުން މަތިންދާ ބޯޓުތަކަށް ފޯރުކޮށްދޭ ޚިދުމަތުގެ ފެންވަރު ރަނގަޅުކުރުމަށް ކުރަމުންދާ މަސައްކަތުގެ ދަށުން " ޓޯ-ބަރލެސް" ޓްރަކްގެ ޚިދުމަތް ފެށުމަށް އެމްއޭސީއެލްއިން ތައްޔާރުވެއްޖެއެވެ.

ޓީ.ޕީ.އެކްސް- 200 އެމް.ޓީ.އެކްސް މޮޑެލްގެ މި ޓްރަކްއަކީ މިހާރު ވައިގެ ސިނާޢަތުގައި މަތިންދާ ބޯޓުތަކަށް ޚިދުމަތްދިނުމުގައި ސަލާމަތާއި ރައްކާތެރިކަމުގެ ގޮތުން މަތީ ފަންތީގައި ފާހަގަލޮށްލެވޭ އަދި އަވަސް ޚިދުމަތެއް ދެވޭނެ ޤާބިލުކަން ލިބިފައިވާ ޓްރަކެކެވެ.

އެމްއޭސީއެލްއިން ވިދާޅުވީ މި ޓްރަކް ވީ.އައި.އޭގެ ގްރައުންޑް އޮޕަރޭޝަންގައި ބޭނުންކުރަން ފެށުމާއެކު އެޕަރޭޝަން އެފިޝިއަންސީ %60 އަށް އިތުރުވެ މަތިންދާ ބޯޓުތައް އަވަހަށް ފުރުވުމަށް އަދި އެއްތަނުން އަނެއް ތަނަށް ގެންދިޔުމަށް ކުރާ މަސައްކަތް އަވަސްވާނެކަމަށެވެ. އަދި މިއީ ޒަމާނީ ބަދަލުތަކާއެކު ތަރައްޤީވަމުން އަންނަ އެއަރޕޯޓްތައްކަމަށްވާ ދުބާއީ، އަބޫދާބީ އަދި ސިންގަޕޫރުގެ އިތުރުން ވަލާތުގެ ކުރިއަރާފައިވާ އެއަޕޯޓްތަކުގައިވެސް ބޭޏުންކުރާ ޒަމާނީ ޓްރަކްއެއްކަން އެމްއޭސީއެލުން ފާހަގަކުރެއެވެ.

މިހާރު ބޭނުންކުރާ މިފަދަ ޓްރަކްތަކާއި ޚިލާފަށް މި މޮޑެލްގެ ޓްރަކް އޮޕަރޭޓްކުރާ ޑްރައިވަރަށް ވަށައިގެންވާ މާހައުލު ސާފުކޮށް ފެންނާނެކަމަށް އެމްއޭސީއެލްއިން ވިދާޅުވެއެވެ. އަދި ކޯޑް "ސީ"ގެ މަތިންދާ ބޯޓުން ފެށިގެން ކޯޑް "އީ"ގެ ހުރިހާ މަތިންދާބޯޓްތަކަށްވެސް މި ޓްރަކްއިން ޚިދުމަތް ދެވޭނެކަމަށްވެސް އެ ކުންފުނިން ވިދާޅުވިއެވެ. އެމްއޭސީއެލްއިން ވިދާޅުވީ މިއި މަރާމާތުކުރަންޖެހޭ ނިސްބަތާ ހިންގުމުގެ ޚަރަދު ކުޑަ ޓްރަކްއެއްކަމަށެވެ.

މި ޓްރަކް ބޭނުންކުރަން ފެށުމާ ގުޅޭގޮތުން ހެޑް އޮފް ރޭމްޕް ސަރވިސަސް އަލީ ޝަރީފް ވިދާޅުވީ ވެލާނާ އިންޓަނޭޝަނަލް އެއަޕޯޓް ޒަމާނީ ފެންވަރަށް ތަރައްޤީކުރަމުން އަންނައިރު މަތިންދާ ބޯޓުތަކަށް ޚިދުމަތްދޭ އުޅަނދު ތަކަކީވެސް ފަަހުގެ ޒަމާނީ ތެކްނޮލަޖީ ބޭނުންކުރާ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކޯށްދޭ އަވަށް ޚިދުމަތްދޭ އުޅަނދުތަކަށް ހެދުމަށް އެކުންފުނިން ގިަނަ މަސައްކަތްތަކެއް ކުރަމުންދާކަމަށެވެ. އެގޮތުން އަލަށް ގެނައި ޓްރަކްއާއެކު މަތިންދާ ބޯޓު ފުރުވާލުމަށް ހޭދަވާ ވަގުތު އަވަސްވެ އަދި ރައްކާތެރި ޚިދުމަތެއް ދެވޭނެކަމަށް އަލީ ޝަރީފް ވިދާޅުވިއެވެ.

އެމްއޭސީއެލްއިން މިހާރުވަނީ މިޓްރަކް އޮޕަރޭޓް ކުރުމަށް ޚާއްސަ 8 އޮޕަރޭޓަރުން ތަމްރިންކޮށްފައެވެ. މިވަގުތު ކުރަމުންދަނީ ޓްރަކް އޮޕަރޭޓްކުރުމަށްޓަކައި ހަދާ ރިސްކް އެސެސްމަންޓުގެ މަސައްކަތްކަމަށް އެމްއޭސީއެލްއިން ވިދާޅުވެއެވެ.

އެމްއޭސީއެލްއިން އަންނަނީ މަތިންދާ ބޯޓުތަކާއި ފަސިންޖަރުންނަށް ފޯރުކޯށްދޭ ޚިދުމަތްތަކުގެ ފެންވަރު ރަނގަޅުކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން އައު ޓަރމިނަލްގެ މަސައްކަތް ނިންމާ ހުޅުވުމަށް ވާންޖެހޭ ތައްޔާރީތައް ބަރުދުވެލީގައި ކުރަމުންދާކަމަށްވެސް އެ ކުންފުނިން ވިދާޅުވިއެވެ.