މަސައްކަތްތައް ޑިޖިޓަލައިޒް ކުރެޒުމާއެކު އިޖްތިމާއި ބަދަހި މަދަދުވެރިން، އިބަމައިން ނެގޭ މައުލޫމާތުތައް ރާއްކާތެރިކަމާއެކު ބެލެހެއްޓޭނެކަމަށް އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާބެހޭ ވުޒާރާއިން ވިދާޅުވެއްޖެއެވެ.
އެވުޒާރާއިން ވަނީ މަޖިލީހުގެ ހިއުމަންރައިޓްސް އެންޑް ޖެންޑަރ ކޮމިޓީގައި އިބަމަ ޕްރޮގްރާމްއާއި ގުޅޭގޮތުން މައުލޫމާތު ހިއްސާކޮށްފައެވެ.
އިބަމައަކީ ރަށްރަށުގައި އިޖުތިމާޢީ ރައްކާތެރިކަން ފޯރުކޮށްދިނުމުގެ މަސައްކަތް ކަމާގުޅުންހުރި މުއައްސަސާތަކާއެކު ވިލަރެސް ކުރެވިފައިވާ ނިޒާމެއްގެ ތެރެއިން ކުރުމަށްޓަކައި އުފައްދާ ގްރޫޕްތަކެކެވެ.
ކޮމިޓީގައި ވާހަކަދައްކަވަމުން އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާބެހޭ ވުޒާރާގެ ލީޑް ސޯޝިއަލް ވޯކަރ އަކްރަމް ޙަސަން ވިދާޅުވީ މިހާތަނަށް ރާއްޖޭގެ 3 އަތޮޅު ފިޔަވައި ހުރިހާ އަތޮޅެއްގައި މި ޕްރޮގްރާމް ހިނގިފައިވާކަމަށެވެ. އެގޮތުން ބާކީ ހުރި އަތޮޅުތަކުގައި މި އަހަރުގެ ނިލަޔައް ޕްރޮގްރާމް ކުރިއަށް ގެންގޮސް ނިންމާލެވޭނެކަމަށް އަކްރަމް ވިދާޅުވިއެވެ.
އަކްރަމް ވިދާޅުވީ ވުޒާރާގެ މަސައްކަތްތަކުގެ މައުލޫމާތު އެންމެ އެދެވޭ ގޮތެއްގައި ރައްކާތެރި ނުވާކަމުގެ ކަންބޮޑުވުންތަކާއެކު ވުޒާރާގެ ހުރިހާ މަސައްކަތެއް ޑިޖިޓަލައިޒް ކުރުމުގެ މަސައްކަތް މިހާރު ކުރަމުންދާކަމަށް އޭނާ ވިދާޅުވިއެވެ. ރައްޔިތުންގެ ގާތައްގޮސް ނެގޭ މިފަދަ ޙައްސާސް މައުލޫމާތުތައް ރައްކާތެރި ކުރުމަކީ މުހިންމުކަމެއްކަމަށް އަކްރަމް ވިދާޅުވިއެވެ.
އެގޮތުން ވުޒާރާގެ މަސައްކަތްތައް ޑިޖިޓަލައިޒް ކުރުމުގެ މަސައްކަތުގެ ތެރެއިން އިބަމައިން ނެގޭ މައުލޫމާތުތައް ރައްކާތެރިކަމާއެކު ބެލެހެއްޓޭނޭ ނިޒާމެއް ޤާއިމްކުރުމުގެ މަސައްކަތް ކުރެވެމުންދާކަމަށް އަކްރަމް ވިދާޅުވިއެވެ.
"އިބަމައިން ނެގޭ މައުލޫމާތުތައް ރައްކާތެރިކަމާއެކު ބެލެހެއްޓޭނެ ގޮތްތައް މިހާރު ވަނީ ހެދިފައި. ދެން މިކަން ފުޅާކުރުމުގެ ގޮތުން ރައްރަށުގައި ތިބި އިބަމަ މެމްބަރުންނަށްވެސް ނެގޭ މައުލޫމާތު ވަގުތުން އެންޓަރ ކުރެވޭނެ ގޮތައް ހެދުމުގެ މަސައްކަތް ދަނީ ކުރަމުން "އަކްރަމް ވިދާޅުވިއެވެ.
އަކްރަމް ވިދާޅުވީ ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ނާޒުކު ޙާލަތްތަކުގައި ދިރިއުޅޭ މީހުންގެ މާލީ ހާލަތާއި އެމީންނަށް ތަޢުލީމު ލިބިފައިވާ މިންވަރު ބަލައި، އެސެސްމެންޓް ޓޫލެއް ހެދުމަށް ބޭނުންވާ މަޢުލޫމާތު އެއް ކުރެވޭނެ ކަމަށެވެ. ނިޒާމެއްގެ ތެރެއިން މަސައްކަތް ކުރަމުން ދިޔަ ނަމަވެސް މިފަދަ މަސައްކަތްތަކަށް ވަގުތު ނަގާނެކަމަށާއި އެހެންނަމަވެސް އެންމެގުޅިގެން މަސައްކަތްކުރަން ފެށުމުން އެކަމުގެ ހެޔޮ ނަތީޖާ ފެންނަމުންދާކަމަށް އަކްރަމް ވިދާޅުވިއެވެ.