ދައުލަތަށް ނުލިބިހުރި ފައިސާގެ ތެރެއިން ތަންފީޒީ ފިޔަވަޅުތަކާއެކު، 3.7 ބިލިޔަން ރުފިޔާ ހޯދައިފިއެވެ. މިކަން ހާމަކޮށްފައިވަނީ މީރާއިން އާންމުކޮށްފައިވާ މިދިޔަ އަހަރުގެ އަހަރީ ރިޕޯޓުގައެވެ.
މީރާއިން އާންމުކޮށްފައިވާ މިދިޔަ އަހަރުގެ އަހަރީ ރިޕޯޓުގައި ދައުލަތައް ނުލިބިހުރި ފައިސާ ހޯދުމަށް ކޮށްފައިވާ މަސައްކަތްތަކުގެ ތަފްސީލް ވަނީ ހިމަނާފައެވެ. މީރާއިން ވިދާޅުވީ މިދިޔަ އަހަރު ފައިސާ ދެއްކުމަށް އަންގައި 36،843 ފަރާތަކަށް ނޯޓިސް ފޮނުވާފައިވާ ކަމަށެވެ. އޭގެ ތެރެއިން 8،139 ފަރާތަކުން ނޯޓިސްއާއި އެއްގޮތަށް އަމަލުކޮށްފައިވެއެވެ.
ދައުލަތަށް ޓެކްސް އަދި އެނޫން ގޮތްގޮތުންވެސް ގިނަ އަދަދެއްގެ ފައިސާ ނުލިބިހުރިއިރު، މި ފައިސާ ހޯދުމަށް ގިނަ މަސައްކަތްތަކެއް މިދިޔަ އަހަރުވެސް މީރާއިން ކޮށްފައިވެއެވެ. މިގޮތުން ކުރެވުނު މަސައްކަތުގެ ތެރެއިން 3.76 ބިލިޔަން ރުފިޔާ ހޯދާފައިވެއެވެ. މި ފައިސާ ހޯދުމަށް މީރާއިން ތަންފީޒީ މައިގަނޑު 6 ފިޔަވަޅެއް އަޅާފައިވެއެވެ. މިފިޔަވަޅުތައް އަޅާފައިވަނީ 18،969 ފަރާތަކަށެވެ.
ތަންފީޒީ ފިޔަވަޅުތައް އަޅައި ފައިސާ ހޯދުމުގެ މަސައްކަތް މީރާއިން މަސައްކަތް ކުރާއިރު، ޓެކްސް ފައިސާ އެއް ފަހަރާ ދެއްކުމަށް އުނދަގޫ ވާ ފަރާތްތަކަށް ލުއިތަކެއް މީރާއިން ދެއެވެ. މިގޮތުން އިންސްޓޯލްމެންޓް އުސޫލުގެ ތެރެއިން ލުއި ދީގެ ފައިސާ ހޯދުމުގެ މަސައްކަތް ކުރެއެވެ. އެއިދާރާއިން މިދިޔަ އަހަރު 1029 ފަރާތަކަށް ވަނީ ހަމަޖައްސައި ދީފައެވެ. މިފަރާތްތަކުން ދައްކަން ޖެހޭ ފައިސާގެ އަދަދު 2.5 ބިލިޔަން ރުފިޔާއަށް އަރައެވެ. މީރާއިން މި އުސޫލު ހަމަޖައްސާ ދިން ފަރާތްތަކުގެ ތެރެއިން 3535 ފަރާތްތަކުން 894.7 މިލިޔަން ރުފިޔާ ދައްކާފައިވާކަމަށް މީރާގެ ތަފާސްހިސާބުތަކުން ދައްކައެވެ.
ދައުލަތަށް ދައްކަން ހުރި ފަރިސާ ހޯދުމަށް ކޯޓު މަރުހަލާގައި ހުރި މައްސަލަތަކުގެ ތެރެއިން މިދިޔަ އަހަރު 55 މައްސަލައެއް މީރާއާއި އެއްކޮޅަށް ނިމިފައިވާކަން މީރާއިން ފާހަގަކުރެއެވެ.
މީރާއިން ވަނީ ތަންފީޒީ ފިޔަވަޅުތައް ހަރުދަނާ ކުރުމާއެކު، ދައުލަތައް ދައްކަންޖެހޭ ޓެކްސް އަދި ޓެކްސް ނޫން ފައިސާ ހޯދުމަށް ކުރާ މަސައްކަތައް ކުރިއެރުން ލިބިފައިވާ ކަމަށެވެ. އަދި މިކަމަށް ގިނަ ފަރާތްތަކުން އެއްބާރުލުން ލިބޭކަމަށް މީރާއިން ވިދާޅުވެއެވެ.