ޚަބަރު

އެތްލެޓިކޯ މެޑްރިޑް އަތުން ޕީއެސްޖީ އަށް ފަސޭހަ މޮޅެއް


ފީފާ ކްލަބް ވޯލްޑް ކަޕްގައި ރޭ އެތްލެޓިކޯ މެޑްރިޑް އާއި ދެކޮޅަށް ޕީއެސްޖީ ކުޅުނު މެޗު 4-0 ގެ ނަތީޖާއަކުން ޕީއެސްޖީ ކާމިޔާބުކޮށްފި އެވެ.

އެމެރިކާގެ ޕަސަޑޭނިއާގެ ރޯޒް ބޯލް ސްޓޭޑިއަމްގައި އަށްޑިހަ ހާހަށްވުރެ ގިނަ މީހުންގެ ކުރިމަތީގައި ކުޅުނު މި މެޗުގެ ފުރަތަމަ 15 މިނިޓުގެ ތެރޭގައި ޕީއެސްޖީ އިން ވަނީ 82 އިން ސައްތަ ބޯޅަ ކޮންޓްރޯލްކޮށްގެން ކުޅެފަ އެވެ.

ޔޫއެފާ ޗެމްޕިއަންސް ލީގު ފުރަތަމަ ފަހަރަށް ކާމިޔާބުކުރި ޕީއެސްޖީ އިން ވަނީ މެޗުގެ 19 ވަނަ މިނިޓުގައި ލަނޑެއް ޖަހާ ލީޑު ނަގާފަ އެވެ. މި ލަނޑު އެ ޓީމަށް ކާމިޔާބު ކޮށްދީފައިވަނީ ފަބިއަން ރުއިޒް އެވެ.

ޕީއެސްޖީ އިން ލަނޑު ޖަހާ ކުރި ހޯދި ފަހުން އެ ޓީމުގެ ފޯވަޑް ޕޯޗުގީޒްގެ ގޮންޒާލޯ ރާމޯސް އަށް ވަނީ ލަނޑު ޖަހާނެ ރަގަޅު ތިން ފުރުސަތު ލިބި ބޭކާރުވެފަ އެވެ. ނަމަވެސް ފުރަތަމަ ހާފުގެ ކުޅުން ނިމުމުގެ ކުރިން ވިޓީނިއާ ވަނީ އިތުރު ލަނޑެއް ޖަހާ މެޗުގެ ނަތީޖާ 2-0 އަށް ބަދަލުކޮށްފަ އެވެ.

އެތްލެޓިކޯ މެޑްރިޑްގެ ގޯލު ކީޕަރު ޖޯން އޮބްލަކްގެ ފަރާތުން މޮޅު ސޭވްތަކެއް ފެނިގެން ގޮސްފައިވާ މި މެޗުގެ 78 ވަނަ މިނިޓުގައި އެ ޓީމުގެ ކްލެމެންޓް ލެންގްލެޓް އަށް ރެފްރީ ވަނީ ދެވަނަ ރީނދޫ ކާޑަކާއެކު ރަތް ކާޑު ދައްކާ ދަނޑުން ފޮނުވާލާފަ އެވެ.

ޕީއެސްޖީ އިން މި މެޗުގައި ޖެހި ތިންވަނަ ލަނޑު މެޗުގެ 87 ވަނަ މިނިޓުގައި އެ ޓީމަށް ކާމިޔާބު ކޮށްދީފައިވަނީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން އެރި ސެނީ މަޔޫލޫ އެވެ. އަދި މެޗުގެ ފުރިހަމަ ވަގުތު ހަމަވެ އިތުރު ވަގުތުގެ ކުޅުމުގައި ލީ ކޭންގް އިން ވަނީ ޕީއެސްޖީ އަށް ލިބުނު ޕެނަލްޓީ އަކުން ލަނޑެއް ޖަހާ މެޗުގެ ނަތީޖާ 4-0 އަށް ބަދަލުކޮށްފަ އެވެ.

ގަދަ އަވީގައި ކުޅުނު މި މެޗުގެ ސަބަބުން ކުޅުންތެރިންނަށް އުނދަގޫވި ކަމަށާއި އަދި މިއީ ކުޅުންތެރިންގެ ސިއްހަތަށް ގެއްލުންވާނެ ކަމެއް ކަމަށް ކުޅުންތެރިންގެ ޔޫނިއަން އިން ވަނީ ބުނެފަ އެވެ. މި މުބާރާތުގެ ގިނަ މެޗުތަކެއް އެމެރިކާގެ ގަޑިން ހަވީރު 5 ގެ ކުރިން ކުޅެން ނިންމާފައިވާއިރު މި ގަޑިއަކީ ވަރަށް އަވިގަދަ ގަޑިތަކެކެވެ.

މި މެޗުގައި ކޫލިން ބްރޭކް ދެ ފަހަރު މަތިން ދީފައިވާއިރު އައިސް ފެނުން ތެންމާފައިވާ ތުވާލިތައް ކުޅުންތެރިންގެ ބޮލުގައި އަޅައިގެން އުޅުނުތަން ވަނީ ފެނިފަ އެވެ.