ޚަބަރު

ކޮމަންވެލްތު ބީޗް ހޭންޑްބޯޅަ މުބާރާތުގައި ބައިވެރިވާނީ 8 ގައުމަކުން


ކޮމަންވެލްތު ބީޗް ހޭންޑްބޯޅަ މުބާރާތުގައި 8 ގައުމަކުން ބައިވެރިވާން ނިންމާފައިވާ ކަމަށް ހޭންޑްބޯލް މޯލްޑިވްސްއިން ބުނެފިއެވެ.

ޕީއެސްއެމް ނިއުސްއަށް ދެއްވި ހާއްސަ އިންޓަވިއުއެއްގައި ހޭންޑްބޯލް މޯލްޑިވްސްގެ ރައީސް އަހުމަދު މުޖުތަބާ (މުޖޭ) ވިދާޅުވީ އެންމެފަހުން ބޭއްވި އިންޓަނޭޝަނަލް ބައްދަލުވުމުގައި ނިންމާފައިވަނީ މި މުބާރާތުގައި އެފްރިކާގެ 4 ގައުމާއި އޭޝިއާގެ 4 ގައުމު ބައިވެރިވާ ގޮތަށް ކަމަށެވެ.

މުޖޭ ވިދާޅުވީ މިފަހަރު ރާއްޖޭގައި ބާއްވާ މި މުބާރާތަށް ހުޅުވާލީ 8 ގައުމަކަށް ކަމަށާއި، އެހެންނަމަވެސް ވަރަށް ގިނަ ގައުމުތަކުން މި މުބާރާތުގައި ބައިވެރިވުމަށް އެދެމުންދާ ކަމަށެވެ.

މުޖޭ ވިދާޅުވީ އޭޝިއާގެ ގައުމުތަކުގެ ތެރެއިން ސްރީލަންކާއިން ފުރުސަތަށް އެދިފައިވާތީ މިހާރު މަޑުކުރަމުން މިދަނީ ސްރީލަންކާއިން ޖަވާބެއް ލިބެންދެން ކަމަށާއި، ލަންކާ ބައިވެރިނުވާނަމަ އެ ޖާގަދޭނީ ބަނގްލަދޭޝްއަށް ކަމަށެވެ.

މިހާރު ހަމަޖެހިފައިވާ ގޮތުން މި މުބާރާތުގައި އޭޝިއާ ސަރަހައްދުން ވާދަކުރާނީ އިންޑިއާ، ސްރީލަންކާ، ޕާކިސްތާން އަދި ދިވެހިރާއްޖެ ކަމަށް މުޖޭ ވިދާޅުވިއެވެ. އެފްރިކާ ސަރަހައްދުން މި މުބާރާތުގައި ވާދަކުރާނީ ސައުތު އެފްރިކާ، ނައިޖީރިއާ، މޮރިޝަސް ކަމަށާއި، އަދިވެސް އިތުރު ގައުމެއް ބައިވެރިވާނެ ކަމަށް މުޖޭ ފާހަގަކުރިއެވެ.

މި މުބާރާތަށް ކުޅުދުއްފުށި ސިޓީ ތައްޔާރުވަމުން އަންނައިރު މުޖޭ ވިދާޅުވީ ވަރަށް ފުރިހަމައަށް ފޯރިއާއެކު މި މުބާރާތް ކުރިޔަށް ގެންދެވޭނެ ކަމަށް އުންމީދު ކުރައްވާ ކަމަށެވެ.

"ހީވޭ ވަރަށް ރަނގަޅު މުބާރާތަކަށް ވެގެންދާނެހެން. މީ ވަރަށް ފޯރިގަދަ، ވަރަށް ފުރިހަމަ މުބާރާތަކަށް ވެގެންދާނެ" މުޖޭ ވިދާޅުވިއެވެ.

ކޮމަންވެލްތް ބީޗް ހޭންޑް ބޯޅަ މުބާރާތަކީ މުޅިން އަލަށް ރާއްޖެއިން ހޯސްޓްކުރުމަށް ހަމަޖެހިފައިވާ މުބާރާތެކެވެ. ކޮމަންވެލްތް ގައުމުތަކަށް ދައުވަތު ދީގެން ބާއްވާ މި މުބާރާތް އޮންނާނީ ސެޕްޓެމްބަރު 18-22 އަށް ހދ. ކުޅުދުއްފުށީ ސިޓީގައެވެ.

މި މުބާރާތަށް އެސިޓީގައި ބައިނަލްއަގްވާމީ ފެންވަރުގެ ދެ ހޭންޑް ބޯޅަ ކޯޓު ތަރައްޤީކޮށްފައިވާއިރު ކުޅުދުއްފުށީ ސިޓީ ކައުންސިލުން ވަނީ މުބާރާތަށް ކޯޓުތައް ތައްޔާރުކުރުމުގެ އިންތިޒާމުތައް ވަރަށް ފުރިހަމައަށް ކުރިޔަށް ގެންގޮސްފައެވެ. އަދި މި މުބާރާތަށް ކުޅުދުއްފުށީ ހުރިހާ ރައްޔިތުންގެ އެއްބާރުލުން ލިބޭނެ ކަމަށް ސިޓީ ކައުންސިލުން ވަނީ ވިދާޅުވެފައެވެ.

ރާއްޖޭގައި ބައިނަލްއަގްވާމީ މިފަދަ މުބާރާތެއް ބޭއްވުމަކީ މޯލްޑިވްސް އޮލިމްޕިކް ކޮމިޓީއާއި ކުޅިވަރާއި ހަށިހެޔޮކަމާއި ބެހޭ ވުޒާރާއިން ވަަރަށް ބޮޑަށް ބޭނުންވާ ކަމެކެވެ. އަދި މި މުބާރާތަށް ކުޅިވަރު ވުޒާރާއިން އަންނަނީ ހޭންޑްބޯލް މޯލްޑިވްސްއަށް އެކި ގޮތްގޮތުން އެހީތެރިކަން ފޯރުކޮށްދެމުންނެވެ.