ޚަބަރު

ޙައްޖުގެ މަތިވެރި އަޅުކަމަށްފަހު ދިވެހި ޙައްޖުވެރިންގެ ފުރަތަމަ ގުރޫޕް ރާއްޖެއައުމަށް ފުރައިފި


  • މިފަހަރު ދިވެހި ޙައްޖާޖީން ރާއްޖެއައުމަށް ފުރީ މަދީނާ އެއަރޕޯޓުން

  • މިއީ މަދީނާ އެއަރޕޯޓުން ދިވެހި ޙައްޖާޖީން ފުރި ފުރަތަމަ ފަހަރު

  • މިއީ ޙައްޖުގެ އިންތިޒާމުތައް އެންމެ ފުރިހަމަ އަހަރު

ޙައްޖުގެ މަތިވެރި އަޅުކަން އަދާކުރުމަށް ރާއްޖެއިން ސަޢުދި ޢަރަބިއްޔާއަށް ދިޔަ ޙައްޖާޖީންގެ ތެރެއިން ފުރަތަމަ ފުލައިޓުގެ ޙައްޖާޖީން ރާއްޖެ އައުމަށް ފުރައިފިއެވެ. ޙައްޖުގެ އަޅުކަން ފުރިހަމަކުރުމަށްފަހު 230އަށްވުރެ ގިނަ ހާޖީން ފުރާފައިވަނީ މަދީނާގެ ޕްރިންސް މުޙައްމަދު ބިން ޢަބްދުލްޢަޒީޒް އިންޓަރނޭޝަނަލް އެއަރޕޯޓުންނެވެ.

މިއީ ދިވެހި ޙައްޖާޖީން ޙައްޖުގެ އަޅުކަމަށްފަހު މަދީނާ އެއަރޕޯޓުން ފުރި ފުރަތަމަ ފަހަރެވެ.

މީގެ ކުރީގެ އަހަރުތަކުގައި ދިވެހި ޙައްޖާޖީން މަދީނާއަށް ޒިޔާރަތްކުރުމަށްފަހު، އެނބުރި މައްކާއަށް ދަތުރކޮށް، މައްކާއިން ދަނީ ޖިއްދާއަށެވެ. މިގޮތުން މައްކާއާއި މަދީނާއާއި ދެމެދު 6 ގަޑިއިރުގެ ދަތުރެއް ކުރެއެވެ. އަދި މައްކާއާއި ޖިއްދާއާއި ދެމެދު 2 ގަޑިއިރުގެ ދަތުރެއްކުރަންޖެހެއެވެ.

ނަމަވެސް މިއަހަރު ޙައްޖުގެ އިންތިޒާމުތައް ފަސޭހަކޮށް، އަދި ޙައްޖާޖީންނަށް ލުއިގޮތްތައް ހޯދައިދިނުމަށް ސަރުކާރުން ކުރި މަސައްކަތުގެ ދަށުން ގެނައި އެންމެ ބޮޑު އެއް ބަދަލަކީ ޙައްޖާޖީން މަދީނާއަށް ޒިޔާރަތްކުރުމަށްފަހު މަދީނާއިން ރާއްޖެ ދިއުމަށް ފުރުމެވެ. މި ބަދަލު ގެނައި އެއް ސަބަބަކީ، ދިގު ދަތުރުތަކަށްފަހުއާއި، ޙައްޖުގެ އަޅުކަމަށްފަހު ބައެއް ޙައްޖާޖީންނަށް ވަރުބަލިކަން އިހްސާސްކުރެވޭތީ، އެފަރާތްތަކަށް ލުއި ހޯދައިދިނުމަށެވެ.

ދިވެހި ޙައްޖާޖީންގެ ތެރޭގައި ޢުމުރުން ދުވަސްވީ މީހުންނާއި، ބޮޑެތިި ބަލިތަކަށް ފަރުވާ ހޯދާ މީހުންވެސް ހިމެނޭއިރު، މި ބަދަލާއެކު އެފަރާތްތަކަށް ވަރަށް ބޮޑު ލުޔެއް ލިބޭނެއެވެ. ދިވެހި ޙައްޖާޖީން އެނބުރި ޤައުމަށް އަންނަ ފްލައިޓް ވެލާނާ އިންޓަރނޭޝަނަޮލް އެއަރޕޯޓުގައި ޖައްސާނީ މިއަދު މެންދުރު 14:00ގައެވެ. މިދުވަސްވަރު ތަފާތު ބަލިތައް ފެތުރޭތީ ޙައްޖުގެ އަޅުކަން އަދާކޮށް ރާއްޖެ އެނބުރި އަންނަ ޙައްޖުވެރިންނަށް މަރުޙަބާ ކިޔުމަށް އެއާޕޯޓަށް ދާ މީހުންގެ އަދަދު މަދުކުރުމަށް ކަމާބެހޭ ފަރާތްތަކުން އިލްތިމާސްކޮށްފިއެވެ.

މިއަހަރަކީ ޙައްޖުގެ އިންތިޒާމުތައް އެންމެ ފުރިހަމަ އަހަރެވެ. މިގޮތުން ޙައްޖާޖީން ރާއްޖެއިން ފުރައިގެން، މައްކާ ރޫޓު އިނީޝިއޭޓިވްގެ ދަށުން އެއަރޕޯޓުގައި މަޑުކުރަން ނުޖެހި މައްކާގެ ހޮޓަލާއި ހަމައަށް ދެވޭނެގޮތް އިންތިޒާމުވުންވެސް ވެގެންދިޔައީ ހައްޖާޖީންނަށް ލިބުނު ބޮޑު ލުއިފަސޭހައަކަށެވެ.

މިއަހަރުގެ ޙައްޖުގެ އިންތިޒާމުތައް ފުރިހަމަކަމަށް ޙައްޖާޖީން އަންނަނީ ފާހަގަކުރަމުންނެވެ.