އެއަރ އިންޑިޔާގެ މަތިންދާބޯޓެއް އިންޑިޔާގެ ހުޅަނގު ގުޖްރާތު ސްޓޭޓްގެ އަޙްމަދްއާބާދް ކައިރިއަށް ވެއްޓިއްޖެއެވެ. ވެއްޓިފައި ވަނީ 242 މީހުންނާ އެކު އަޙްމަދްއާބާދުން ފުރައިގެން އިނގިރޭސިވިލާތުގެ ވެރިރަށް ލަންޑަނަށް ދަތުރު ކުރަމުން ދިޔަ މަތިންދާބޯޓެކެވެ. އަޙްމަދުއާބާދް ވައިގެ ބަނދަރު ކައިރީގައި އޮންނަ މޭގާނީނަގަރް ކިޔާ ސަރަޙައްދަކަށް މަތިންދާބޯޓު ވެއްޓިފައި ވަނީ، އަޙްމަދްއާބާދުގެ ވައިގެ ބަނދަރުން އުދުއްސައިލިތާ ކުޑަ ވަގުތު ކޮޅެއް ފަހުންނެވެ.
މި ހާދިސާގައި ގިނަ ޢަދަދެއްގެ ބަޔަކު މަރުވެފައިވާ ކަމަށް އިންޑިޔާއިން ސަރުކާރުން ބުނެފައިވެއެވެ. މަތިންދާބޯޓުން ދަތުރުކުރި މީހުންގެ ތެރޭގައި 11 ކުޑަކުދިންނާއި 12 ފަޅުވެރިން ހިމެނެއެވެ. މަތިންދާބޯޓުން ދަތުރުކޮށްފައި ވަނީ އިންޑިޔާގެ 169 މީހުންނާއި އިނގިރޭސިވިލާތުގެ 53 މީހުންނާއި ޕޯޗުގަލްގެ ހަތް މީހުންނާއި ކެނެޑާއަށް ނިޞްބަތްވާ މީހެއް ކަމަށް އެއަރ އިންޑިޔާއިން ބުނެއެވެ.
އިންޑިޔާގެ ޓީވީ ޗެނަލްތަކުން ވަގުތުން ދައްކަމުންދާ ވީޑިޔޯތަކުން ފެންނަނީ، މަތިންދާބޯޓު ވެއްޓުނު ސަރަޙައްދުގައި ބިޔަ އަލިފާންގަނޑެއް ރޯވެ، އަނދަމުންދާ މަންޒަރެވެ. އަދި، ބޯކޮށް ކަޅު ދުން އަރަމުންދާ މަންޒަރެވެ. މި ހާދިސާގައި އަނިޔާވެފައިވާ ކަމަށް ބެލެވޭ ބަޔަކު އެމްބިޔުލާންސްތަކުގައި ހަސްފަތާލުތަކަށް ގެންދިޔުމަށް މަސައްކަތް ކުރަމުންދާ މަންޒަރު ވެސް ބައެއް ޓީވީ ޗެނަލްތަކުން ދަނީ ދައްކަމުންނެވެ.
މަތިންދާބޯޓު ވެއްޓިފައި ވަނީ، އަޙްމަދުއާބާދުގެ ވައިގެ ބަނދަރު ކައިރީގައި ޢާންމުން ދިރިއުޅޭ ސަރަޙައްދަކަށެވެ. އެ ހިސާބަށް ދަތުރު ކުރެވެން އޮތް މަގުތައް މި ވަގުތު އޮތީ ބަންދު ކޮށްފައެވެ. މަތިންދާބޯޓު ވެއްޓުމާ ގުޅިގެން އަޙްމަދުއާބާދު ވައިގެ ބަނދަރުގައި ވަނީ ކުއްލިހާލަތު އިޢުލާނު ކޮށްފައެވެ. އަދި، އަލިފާން ނިއްވާ އިދާރާތަކުގެ ޓީމުތަކުން މި ވަގުތު ދަނީ މަތިންދާބޯޓު ވެއްޓުނު ސަރަޙައްދުގައި ހަރަކާތްތެރިވަމުންނެވެ.
ވެއްޓުނު މަތިންދާބޯޓަކީ ބޯއިންގ 787-800 ޑްރީމްލައިނަރ މަރުކާގެ ޒަމާނީ އުޅަނދެކެވެ. އެ މަތިންދާބޯޓު ވެއްޓުނު ހާދިސާއާ ގުޅިގެން ގުޖްރާތުގެ ވައިގެ ސަރަޙައްދު ބަންދުކޮށް އަޙްމަދުއާބާދް ވައިގެ ބަނދަރުގެ ޚިދުމަތް ވަގުތީ ގޮތުން މެދުކަނޑާލިއެވެ.
އިންޑިޔާގައި އެންމެ ފަހުން ފަސިންޖަރުން އުފުލާ މަތިންދާބޯޓެއް ވެއްޓިފައި ވަނީ 2020 ވަނަ އަހަރުއެވެ. އެ ފަހަރު ވެއްޓިފައި ވަނީ އެއަރ އިންޑިޔާ އެކްސްޕްރެސްގެ މަތިންދާބޯޓެކެވެ. އެއީ އެއަރ އިންޑިޔާގެ ބަޖެޓު އެއަރލައިނެވެ. އިންޑިޔާގެ ކެރަލާގެ ކާރީޕޫރަށް އެ މަތިންދާބޯޓު ވެއްޓި 21 މީހުން މަރުވިއެވެ.
ކުރިން އިންޑިޔާގެ ސަރުކާރުން ހިންގި އެއަރ އިންޑިޔާ 2022 ވަނަ އަހަރުން ފެށިގެން ހިންގަނީ އިންޑިޔާގެ މަޝްހޫރު ޓާޓާ ކުންފުނިންނެވެ. އަދި އެއަރ އިންޑިޔާއާއި ވިސްޓާރާ އެއްކޮށްލުމަށް ފަހު 2024 ވަނަ އަހަރުން ފެށިގެން ޓާޓާ ކުންފުނިން އެ އެއަރލައިން ހިންގަނީ ސިންގަޕޫރު އެއަރލައިންސާ ގުޅިގެންނެވެ.