ޚަބަރު

ކްލަބް ވޯލްޑްކަޕަށް ރެއާލް މެޑްރިޑް ތައްޔާރުވާން ފަށައިފި


ސްޕެއިންގެ ރެއާލް މެޑްރިޑްގެ ކޯޗު ކަމާއި ދާދި ފަހުން ހަވާލުވި ޒަބީ އަލޮންސޯގެ އިރުޝާދުގެ ދަށުން އެ ކްލަބުން ފީފާ ކްލަބް ވޯލްޑް ކަޕަށް ތައްޔާރުވުމުގެ މަސައްކަތް ފަށައިފި އެވެ.

މުޅިން ތަފާތު ފޯމެޓަކަށް ބަދަލުކޮށް ފީފާ އިން ފުރަތަމަ ފަހަރަށް ކްލަބް ވޯލްޑްކަޕް މި އަހަރު އެމެރިކާގައި ބޭއްވުމަށް ހަމަޖެހިފައިވާއިރު މި މުބާރާތަށް ތައްޔާރުވުމުގެ ގޮތުން ގިނަ ކްލަބްތަކުން ވަނީ މުބާރާތަށް ތައްޔާރުވުމުގެ މަސައްކަތް ފަށާފަ އެވެ. މިދިޔަ މެއި މަހުގެ ފަހުކޮޅު ރެއާލް މެޑްރިޑްގެ ކޯޗު ކަމާއި ހަވާލުވި އަލޮންސޯގެ އިރުޝާދުގެ ދަށުން ރެއާލް މެޑްރިޑް އިން މި މުބާރާތަށް ތައްޔާރުވާން ފަށާފައިވާއިރު މި މުބާރާތަށް ކްލަބް އިތުރަށް ވަރުގަދަ ކުރުމުގެ ގޮތުން އެ ޓީމަށް ވަނީ އައު ކުޅުންތެރިންތަކެއް ގެނެސްފަ އެވެ.

އެގޮތުން ލިވަޕޫލް އިން އެ ޓީމަށް ގެންދިޔަ އިނގިރޭސި ޑިފެންޑަރ ޓްރެންޓް އެލެކްޒެންޑަރ އާނޯލްޑް ރަސްމީކޮށް ރެއާލް މެޑްރިޑްގެ ކުޅުންތެރިއެއްގެ ގޮތުގައި މިއަދު ދައްކާލާނެ އެވެ.

އަދި ޕްރިމިއާ ލީގުގެ ކްލަބް ބޯންމަތު އިން އެ ޓީމާއި އަލަށް ގުޅުނު ޑިފެންޑަރ ޑީން ހުއިސެން ވަނީ މިދިޔަ ބުދަ ދުވަހު އެ ޓީމުގެ ކުޅުންތެރިއެއްގެ ގޮތުގައި ދައްކާލާފަ އެވެ.

ރެއާލް މެޑްރިޑް އިން ފީފާ ކްލަބް ވޯލްޑް ކަޕަށް ތައްޔާރުވާން ފަށާފައިވާއިރު ނިމިގެންދިޔަ ސީޒަނުގައި އެ ޓީމަށް އެންމެ ބޭނުންވި ނަތީޖާތަކެއް ހޯދިފައެއް ނުވެއެވެ. ޔޫއެފާ ޗެމްޕިއަންސް ލީގުގެ ކުއާޓަރ ފައިނަލުން އާސެނަލް އަތުން ބަލިވެ މުބާރާތުން ކަޓާފައިވާއިރު ލަލީގާ ނިންމާލާފައިވަނީ ދެވަނައިގައި އޮވެގެންނެވެ. އަދި ވާދަވެރި ބާސެލޯނާ އާއި ދެކޮޅަށް މިދިޔަ ސީޒަނުގައި ކުޅުނު ހަތަރު މެޗުންވެސް އެ ޓީމު ވަނީ ބަލިވެފަ އެވެ.

ޖޫން މަހުގެ 14 ވަނަ ދުވަހު އެމެރިކާގައި ފެށުމަށް ހަމަޖެހިފައިވާ މި މުބާރާތުގައި ރެއާލް މެޑްރިޑް ހިމެނޭ ގްރޫޕް އެޗްގައި ދެން އޮތީ ސައުދި އަރަބިއްޔާގެ އަލް ހިލާލް އާއި މެކްސިކޯގެ ޕަޗޫކާގެ އިތުރުން އޮސްޓްރިއާގެ ސަލްޒްބަރގް އެވެ.