ކުޅިވަރު

އެތްލެޓިކްސް މީޓްގައި އެންމެ ކާމިޔާބީ ފުވައްމުލަކާއި، ތިނަދޫ


ތިނަދުއާއި، ފުވައްމުލަކުގެ ސްކޫލްތައް ކުރި ހޯދައިގެން މައިލޯ އެޓޯލް އިންޓަރ ސްކޫލް އެތްލެޓިކްސް މީޓް ނިމިއްޖެއެވެ. ރޭ ފުވައްމުލަކުގައި ނިމުނު އެތްލެޓިކްް މީޓްގައި 5 ކެޓަގަރީއަކުން އެއްވަނަ ހޯދީ ފުވައްމުލަކުގެ ސްކޫލްތަކެވެ. އެގޮތުން އެންމެ ފާހަގަކުރެވެނީ 13 އަހަރުން ދަށުގެ އަންހެން އަދި ފިރިހެން ބައިގެވެސް އެއްވަނަ މަދަރުސަޠުލް ޝެއިޚް މުޙައްމަދު ޖަމާލުދީން ހޯދުމެވެ. 11 އަހަރުން ދަށުގެ އަންހެން ބައިގެ އެއްވަނަ ހޯދީ ފުވައްމުލަކު ސްކޫލެވެ. ޏ.އަތޮޅު ތައުލީމީ މަރުކަޒުން ވަނީ 15 އަހަރުން ދަށުގެ އަންހެން ބައިގެ އެއްވަނައާއި، 17 އަހަރުން ދަށުގެ ފިރިހެން ބައިގެ އެއްވަނަ ހޯދާފައެވެ.

17 އަހަރުން ދަށުގެ އަންހެން ބަޔާއި، 15 އަހަރުން ދަށުގެ ފިރިހެން ބައިގެ އެއްވަނަ ހޯދީ ގދ.އަތޮޅު ތައުލީމީ މަރުކަޒެވެ. 11 އަހަރުން ދަށުގެ ފިރިހެން ބައިގެ އެއްވަނަ ހޯދީ ތިނަދޫ ސްކޫލެވެ.

ވަކިވަކި އެތްލީޓުން ހޯދި ކާމިޔާބީތަކަށް ބަލާއިރު އެންމެ ފާހަގަކުރެވެނީ 17 އަހަރުން ދަށުގެ އަންހެން އަދި ފިރިހެން ބައިންވެސް ގދ.އަތޮޅު ތައުލީމީ މަރުކަޒުގެ ދެ އެތްލީޓުން އެއްވަނަ ހޯދުމެވެ. އަންހެން އެއްވަނަ އެތްލީޓަކީ ޝިއުމާ މުޙައްމަދު ޝަފީޤްއެވެ. ފިރިހެން އެއްވަނަ ހޯދީ ސައިފުﷲ އަހުމަދުއެވެ.

11 އަހަރުން ދަށުގެ ފިރިހެން އެއްވަނަ އެތްލީޓަކީ ތިނަދޫ ސްކޫލްގެ އަހުމަދު އިދާމް އިސްމާއީލްއެވެ. އަންހެން އެންމެ މޮޅު އެތްލީޓަކީ ޣިޔާސުއްދީން އިންޓަރނޭޝަނަލް ސްކޫލްގެ އަމްރާ މުޙައްމަދު އާމިރުއެވެ.

13 އަހަރުން ދަށުގެ ފިރިހެން އެއްވަނަ އެތްލީޓަކީ ތިނަދޫ ސްކޫލްގެ އިބްރާހީމް ރާފިލް ވާފިރުއެވެ. އަންހެން އެންމެ މޮޅު އެތްލީޓަކީ އައިޝަތު ޝަބާ ސަލީމްއެވެ.

15 އަހަރުން ދަށުގެ ފިރިހެން އެއްވަނަ އެތްލީޓަކީ ކަލާފާން ސްކޫލްގެ މުޙައްމަދު މުނާޒު އަލީއެވެ. މިއުމުރުގެ އަންހެން އެއްވަނަ އެތްލީޓަކީ ހިތަދޫ ސްކޫލްގެ އައިޝަތު ހިމްނާ ހަސަންއެވެ.

މިމަހުގެ 21 ގައި ފެށި މި އެތްލެޓިކްސް މީޓްގައި ބައިވެރިވި 27 ސްކޫލްގެ ތެރެއިން 26 ސްކޫލުން ވާދަކުރިއެވެ.